ދައުވާ ކުރަން ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ދަޢުލަތުން ދަޢުވާ ކޮށްފައިނުވާތީ ލ.ގަމު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލަޔަކީ ލ. ގަމު ޞިނާޢީ ޞަރަޙައްދުން ޤަވާޢިދާއި ޚިލާފަށް ގޯތި ތަކެއް ވިއްކައި ޞައްޙަ ނޫން ރަޖިސްޓްރީތަކެއް ހެއްދިކަމުގެ ތުހުމަތުކުރެވުނު މީހުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގައި ލ. ގަމު ކޯޓަށް ހުށައެޅި މައްސަލައެކެވެ. އެހެން ނަމަވެސް، އެދަޢުވާއަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކޮށްފައިވާ ދަޢުވާއަކަށްވާތީ، އެދަޢުވާ ބެލޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ލ. ގަން މެޖިސްޓްރޭޓް ކޯޓުން ވަނީ ދަޢުވާ ފޯމު ބާތިލް ކޮށްފައެވެ.
ލ.ގަން މެޖިސްޓްރޭޓްކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުންވެސްވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައިވަނީވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާގައިވާގޮތުން، އެޤާނޫނަށް ޢަމަލުކުރަން ފަށާތާ، 45 ދުވަހުގެ ތެރޭގައި، ކުށުގެ ތުހުމަތުގައި ޙައްޔަރުކުރެވި، ބަންދުން ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެހެން ނަމަވެސް ދައުލަތުން ދަޢުވާ އުފުލާފައިވަނީ އެމުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަމުގައި ކަނޑައަޅައި، ލ. ގަމު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ދަޢުވާ ލިބުނު ފަރާތްތަކުގެ ދިފާޢުގައި ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ވަކާލާތު ކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޝަޛީމު ވަޙީދު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ދަޢުވާ ކޮށްފައިވަނީ ދަޢުވާ ކުރުމަށް ޤާނޫނުގައި ބުނެފައިވާ މުއްްދަތު ފަހަނައަޅައިދިޔަތާ އެއް އަހަރު ފަހުން ކަމަށެވެ.
"ދައުލަތުގެ ދަޢުވާ ލިބޭ އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ކުށުގެ ތުހުމަތުގައި 2013 ވަނަ އަހަރު އޮކްޓޫބަރ މަހުގެތެރޭގައި ހައްޔަރުކޮށް، 2014 ވަނަ އަހަރު ކުރީކޮޅު ބަންދުން ދޫކޮށްލާފައިވާ ބައެއް. ކުރިން މައްސަލަ ތަޙްޤީޤުކުރީ ފުލުހުން. އޭގެ ފަހުން އޭސީސީއަށް ފޮނުވާލީ. ވީމާ، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާގައި ބުނާ ދަޢުވާކުރުމުގެ މުއްދަތު ހިނގާނެކަމަށް. ދަޢުވާލިބުނު ފަރާތްތަކުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީވެސް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާގައި ބުނާ މުއްދަތު ހަމަވެ ދިޔަތާ، ގާތްގަނޑަކަށް 01 (އެކެއް) އަހަރު ފަހުން." ޝަޛީމު ވަޙީދު ވިދާޅުވިއެވެ.
މިފަހަކަށް އައިސް ތަޙްޤީޤުކުރުމާއި ދަޢުވާ އުފުލުމުގެ އިޖުރާއީ ގޯސްތަކާހުރެ ބޮޑެތި އެތަކެއް މައްސަލަތަކެއް، ކޯޓުތަކުންވަނީ ބޭރުކޮށްފައެވެ.