Ad

"ހީވަނީ ވަރަށް އަވަހަށް ބޮޑު ފައިޓެއް ދާނެހެން"

މާމެންދޫގެ މަރުގެ ހާދިސާ ގުޅިފައިވަނީ ބަދަލު ހިފުމުގެ ޖަޒްބާތާއި މަސްތުވާތަކެއްޗާ

ފުރަތަމަ ފެށުނީ ލުއި ޒުވާބެކެވެ. ބަހުގެ ހަމަލާތައް ހޫނުވެ ގަޔަށް އަތްލައި، މާރާމާރީ ހިންގިއެވެ. އެހެންނަމަވެސް ދެތިން ޒުވާނުން ހިމެނުނު ހަމަނުޖެހުން ރޫޅި އެކި ކުދިން އެކި ދިމާއަށް ގޮސް ކުއްލި ހައްލެއް ލިބުނެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ، ދެ ގުރޫޕަކަށް ނިސްބަތްވާ ޒުވާނުން ބޮޑު މަގަށް ޖަމާވެއްޖެއެވެ. ހައްދުފަހަނައަޅާފައިވާ ރުޅިވެރިކަން ބޮޑު މާރާމާރީއަކަށް ތައްޔާރުވެގެންނެވެ. ތަނެއް ދޮރެއް ނުބަލާ ވަޅިންނާއި ލަޓިބުރިން ހަމަލާ ބަދަލުކުރިއެވެ. އެއް ގުރޫޕަކަށް ނިސްބަތްވާ ދެބެން ރައްކާތެރިވުމަށް ދުރަށް ދާން މަސައްކަތްކުރުމުން ވަޅިން އެމީހުންގެ ބުރަކައްޓަށް އެތައް ފަހަރަކު ހަމަލާ ދިނުމާއެކު، ދެބެން ބިންމައްޗަށް ވެއްޓުނެވެ.

ވަޅީގެ ހަމަލާތަކުން ޒަހަމްވި ދެބެން ސިއްހީ މަރުކަޒަށް ގެންދިޔައިރު، އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު އޮތީ މަރުވެފައި ކަމަށްވެއެވެ. ބޭބެ ފިރުޝާން ޒާހިރު ތިނަދޫ ހޮސްޕިޓަލުގައި ދެމުން އަންނަ ފަރުވާއާއެކު ހާލަތު އިތުރަށް ގޯސްނުވެ، އެބަ ދެމެހެއްޓެއެވެ. އެހެންނަމަވެސް ހާލު ސީރިއަސްއެވެ.

މިއީ ގއ. މާމެންދޫގެ މަރާމާރީގެ ވާހަކައެވެ. މުޅި ހާދިސާވެސް ގުޅިފައިވަނީ ޒަމާންތަކަކަށް ދެމެމުން އަންނަ ބަދަލު ހިފުމުގެ ޖަޒްބާތާއި ބާރުގަދަ ހިކި މަސްތުވާތަކެއްޗާއެވެ. ޚާއްސަކޮށް، އިންތިހާއަށް ދެވިހިފާ ހެރޮއިން އެވެ. މާރާމާރީގައި ޝާމިލުވި ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި އިސްތިޢުމާލުކުރާ ކުދިން ހިމެނޭ ކަމަށް ރަށުގެ މީހުން އަބަދުވެސް ތުހުމަތުކުރެއެވެ.

"ދޭތެރެ ދޭތެރެއިން ގުރޫޕު މަރާމާރީ ހިނގާނެ. ގިނަ ފަހަރު ތަޅާފޮޅަނީ ހަކުރު ބޮއެގެން (މަސްތުވެގެން ތިބެ). މިކަންކަން ހައްލުވާނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުވެގެން،" ރަށުން ވާހަކަ ދެއްވި މެދުއުމުރުގެ މީހަކު ބުންޏެވެ. "މިފަހަރު މިހިނގި ފައިޓް (ތަޅާފޮޅުން)އަކީ ވެސް ދެގުރޫޕެއްގެ ދެމެދުގައި އުފެދެމުންއައި ރުޅިވެރިކަމާއި ނަފްރަތުގެ ނަތީޖާ."

ރަށުގެ ބޮޑުމަގު ހަތަރު އަނގޮޅި ކަންމައްޗެވެ. އިވެނީ "މަރާލާ! ކޮށާލާ!"ށޭ ގޮވާ ހަޅޭކުގެ އަޑެވެ. ކައިރި ހިސާބުގަނޑުގެ މީހުން އެ އަޑަށް އެއްވި އިރު ބޮޑު ލޭ އޮހޮރުވުން ހިނގައިފިއެވެ. ދެ ޒުވާނުން ބިންމަތީގައި ލެއިން ކަޅިވެފައި އޮތެވެ؛ ދެތިން އިންޗި ދިގު ތިލަލީ ވަޅިން ބުރަކަށީގެ އެތައް މިތަނަށް ހަމަލާ ދިނުމުގެ ސަބަބުން އުފެދުނު ފުން ޒަހަމްތަކުގެ ސަބަބުންނެވެ. އެއީ މި ހާދިސާގައި މަރުވި އުދައްޔުއާއި ބޭބެ ފިރުޝާނެވެ.

އުދައްޔު މީގު ދުވަސްކޮޅެއް ކުރިން އޭނާގެ ބައެއް ރައްޓެހިންގާތު ބުނެފައިވެއެވެ؛ "ބަޔަކު އެބަ ވަރަށް ބަލާބޮޑުކުރޭ. ހީވަނީ ވަރުގަދަ ފައިޓެއް ދާނެހެން ވަރަށް އަވަހަށް."

އެއީ ހަގީގަތެކެވެ. ފައިޓު ވަރަށް ވަރުގަދައެވެ. އަދި އެ ފައިޓުގައި އުދައްޔު މި ދުނިޔެއާ ވަކިވެގެން ދިޔައީ ވާދަވެރި ގްރޫޕު ކުއްޖަކަށް ހަމަލާދީ ދުވެ ފިލަން އުޅެނިކޮށް ފަހަތުން ދިން ވަޅީގެ ހަމަލާތަކެއްގެ ޝިކާރައަކަށްވެގެންނެވެ.

އުދައްޔުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ. ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމުގައެވެ.

މި މަރާ ގުޅިގެން މާމެންދޫގެ ތިން ޒުވާނުން ހައްޔަރުކޮށް ތަހުގީގު ހިންގަމުން އެބަދެއެވެ. ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މިހާރުވެސް މާމެންދޫގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. މި ޚާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އިންސާފު ގާއިމްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *