Ad

އިންފޮމޭޝަން ކަމިޝަނަރު ދައުލަތުގެ އިދާރާތަކުގެ ލޯހުޅުވާލަ ދެއްވައިފި

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކަމިޝަނަރު އޮފީސް މެދުވެރިކޮށް ހޯދަން އެދޭ މަޢުލޫމާތުތައް ހޯއްދަވައި ދެއްވުމުގައި ދޫނުދެއްވައި، އިންފޮމޭޝަން ކަމިޝަނަރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ އިދާރާތަކުގެ ލޯހުޅުވިއްޖެއެވެ.

އާންމުން އެދޭ މަޢުލޫމާތުތައް ފޯރުކޮށް ނުދިނުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ހުއްޖަތް ދެއްކެވި ކަމުގައިވީނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރު، މަޝްހޫރު ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާ އާއެކީ ބާއްވަވާ އަޑުއެހުންތަކުގައި ކަމިޝަނަރުގެ ރައުޔު ގިނަ ފަހަރު އަންނަނީ އިދާރާތަކުގެ ވިސްނުމާ ތަފާތުކޮށެވެ. ދަޢުލަތުގެ ސިއްރު ނުވަތަ ގައުމީ ސަލަމަތާ ގުޅިފައިވާ މަޢުލޫމާތުތައއް ފިޔަވާ ގިނަ މަޢުލޫމާތުތައް ދޫކުރެއްވުމަށް ކޮމިޝަނަރު ވަނީ އޮފީސްތަކަށް އަމުރު ކުރައްވާފައެވެ.

ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި މިނޫންވެސް އެތައް އޮފީހަކަށް ކޮމިޝަނަރު އަމުރުކުރެއްވުމުން، އާންމުންނަށް ބޭނުންވި ގިނަ މަޢުލޫމާތުތައް ވަނީ ލިބިފައެވެ. ދެބައި މީހުންވެސް ތަރުޖަމާކުރަނީ އެއް ގާނޫނެކެވެ. އެހެންނަމަވެސް އިންފޮމޭޝަން ކޮމިޝަނަރަށް ފެނިވަޑައިގަންނަވާ ފަހިކަން އިދާރާތަކަށް ބައެއް ފަހަރު ނުފެނެއެވެ.

"މައުލޫމާތު ނުދިނުމުގެ ބޯދާ އާދަ އަދިވެސް ދައުލަތުގެ އިދާރާތަކުގެ ވެރިންގެ ވިސްނުމުގައި ބިންވަޅުނެގިފަ ވަނީ. އިންފޮމޭޝަން ކަމިޝަނަރުގެ އަޑުއެހުންތަކުގައި ވަރަށް ގިނަ ފަހަރަށް ވިދާޅުވެފައި އެބަހުރި ވީހާވެސް ގިނަ މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ދައުލަތުގެ އިދާރާތަކުގައި އަށަގަންނުވަން ޖެހޭ ކަމަށް. އޮފީސްތަކަށް ސިއްރު އެހެންނަމަސް ކޮމިޝަނަރަށް ސިއްރުނޫން ކިތައްމެ މަޢުލޫމާތެއް އާންމު ކުރައްވަން އަންގަވާފަ އެބަހުރި،" ތަޖުރިބާކާރު ނޫސްވެރިއަކު ވިދާޅުވިއެވ. "އިންފޮމޭޝަން ކަމިޝަނަރުގެ މުހިއްމުކަން މިހާރު އާންމުނަށް އިހްސާސްކުރެވޭނެ."

ދާދި ފަހުން އިންފޮމޭޝަން ކަމިޝަނަރު ވަނީ ސަރުކާރުގެ ބިޑްތަކުގެ މަޢުލޫމާތުވެސް އާންމު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅުއްވާފައެވެ. އޭސީސީގެ ތަހުގީގާ ގުޅޭ މައުލޫމާތުތަކަކީ ވެސް އާންމުނަށް ލިބެންވާނެ މަޢުލޫމާތު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

އިންފޮމޭޝަން ކަމިޝަނަރު ގެންދަވަނީ ވަކި އިދާރާއެއް ވަކި ސިޔާސީ ފިކުރަކަށް ބެއްލެވުމެއް ނެތި ގާނޫނު ތަންފީޒުކުރައްވަމުންނެވެ. ކޮމިޝަނަރު މިހާރު ގެންގުޅުއްވާ ހުށިޔާރުކަން ދެމެހެއްޓެވިއްޖެނަމަ ދައުލަތުގެ މުވައްސަސާތަކުން މަޢުލޫމާތު ހާމަކުރުމުގެ ވިސްނުން އިސްކުރަން ދަސްވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *