މުޒާހަރާތައް ކޮންޓްރޯލުކުރުމުގެ ޚާއްސަ ތަމްރީނުތައް ހަދާފައިވާ 10000 އަށްވުރެ ގިނަ ފުލުހުން ބޭންކޮކު މަގުތަކަށް ނެރެން ނޭޝަނަކް ޕޮލިސް ކަމިޝަނަރާއި މެޓްރޯޕޮލިޓަންގެ ފުލުހުންގެ ވެރިޔާ ނިންމައިފިއެވެ.
މިހާ ގިނަ އަދަދެއްގެ ޚާއްސަ ފުލުހުން ބޭންކޮކުގެ އެކި ހިސާބުތަކަށް ނެރެން ނިންމާފައިމިވަނީ، މިއަދު ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީސް ކައިރިއަށް އެއްވުމަށް ސޯޝަލް މީޑިޔާ މެދުވެރިކޮށް، ޕްރޯ ޑިމޮކްރަސީ މޫވްމަންޓް (ސަރުކާރާ ދެކޮޅު މުޒާހަރާތައް ރާވާ ހިންގާ ގުރޫޕު) ގޮވާލާފައިވާތީއެވެ.
މިއަދަކީ ތައިލެންޑުގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މޯޝަންގެ ބަހުސް ޕާލިމެންޓުގައި ކުރިއަށް ގެންދަން ފަށާދުވަހެވެ.
ޕްރޯ ޑިމޮކްރެޓިވް މޫވްމަންޓްގެ ފަރާތުން އިންތިޒާމުކުރާ މުޒާހަރާގައި ޕާލިމަންޓް ކައިރިއަށް އެއްވެ، ބޮޑު ސްކްރީނުގައި، މަޖިލީހުގައި މިއަދު ބަހުސްކުރަން ހަމޖައްސާފައިވާ، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ހިނގަމުންދާ ގޮތް ބެލުމަށް ގިނަ ބަޔަކު ޖަމާވެދާނެ ކަމަށް ފުލުހުން ވަނީ އަންދާޒާކޮށްފައެވެ،
މިހާރުވެސް ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ބޭންކޮކުގައި ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކުގައި ތައިލެންޑުގެ ކިޔަވާކުދިންގެ ބައިވެރިވުން ބޮޑުވަމުންދާތީ، ސަރުކާރަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަރަށް ބޮޑެވެ.