Ad

ބަންދެއްގައި ނެތް މީހަކު، އެހެން މީހަކު ޖާމިނުކޮށް ބޭސްފަރުވާއަށް ފުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ

ބަންދެއްގައި ނެތް މީހަކު، އެހެން މީހަކު ޖާމިނުކޮށް (ޒިންމާ އުފުލާނެ) ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސޮކިއުޓަރު ޖެނަރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު އެހެން ވިދާޅުވީ، ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް ކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ އަކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިއުމުގެ މައްސަލާގައި މައުލޫމާތު ސާފު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކައް ޖަވާބު ދެއްވަމުންނެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ އޭނާގެ މައިބަދައިގެ ޑިސްކުތަކެއްގައި މައްސަލަ ހުރިކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހުގައި ބުނުމާ ގުޅިގެން ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުންނެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ) އެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، ޖިނާއީ އިޖުރާއަތު ގާނޫނު ބުނާ ގޮތުން ޖާމިނު ކުރެވޭނީ ނުވަތަ ވެވޭނީ ވެސް ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހެއްގެ ފަރާތުން ކަމަށެވެ. އަދި ބަންދުގައި ނެތް މީހަކު ޖާމިނު ކުރުވާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ބަންދުން ދޫކޮށްލާފައި ތިބޭ މީހުން ބޭސްފަރުވާއަށް ދިއުމުގެ ކަންކަމުގައި މީހުން ޖާމިނުވުމަކީ ގާނޫނު ދަންނަ ކަމެއް ނޫން. ޖާމިނު ވެގެން މީހުން ފޮނުވުމަކީ ގާނޫނުގައި ލިޔެފައި ވެސް އުސޫލެއް ނޫން.. އެއްވެސް އިރަކު އަޅުގަނޑުމެން ދެކޮޅެއް ނުހަދަން ބޭސްފަރުވާ އަކަށް. އަޅުގަނޑުމެން އަބަދުވެސް ދެކޮޅު ހަދަމުން މި އަންނަނީ ބޭސްފަރުވާއަށް ޕާސްޕޯޓް ދޫކޮށްލަން ނުޖެހޭނެ ކަމަށް. ޓްރެވަލް ޑޮކިއުމެންޓެއްގައި އަލީ ވަހީދު ފުރުމަށް ދެކޮޅު ހެދީ އޭގައި އޭނާއަށް ތުހުމަތު ކުރާ މައްސަލައިގެ ތަފުސީލުތައް ހުންނާނެ ތީ،" ޕީޖީ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ސުވާލު ކުރުމުން ޕީޖީ ޝަމީމު ވިދާޅުވީ، އެފަދަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށާއި މިކަމުގައި މިހާތަނަށް ތުހުމަތު ކުރެވެނީ ކްރިމިނަލް ކޯޓުގެ ގާޒީއަށް ކަމަށެވެ.

ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި ނަމަވެސް އޭގެ އެއް ދުވަސް ކުރިން އޭނާ ރާއްޖެ ދޫކޮށް ފުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ޕީޖީ އަށް ލިބުނީ 11 ވަނަ ދުވަހުގައި ކަން ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *