މުންނި ކަޕް 2021 ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް މިސްޔޫ ސްޕޯޓްސްއިން ބޮޑު ތަފާތަކުން މަންތާ އެފްސީ ބަލިކޮށްފިއެވެ.
މިސްޔޫ ސްޕޯޓްސްއިން މި މެޗް ކާމިޔާބުކުރީ 14-1 ލަނޑުންނެވެ. މިމެޗްގެ ތަރިއަކަށްވީ މިސްޔޫ ސްޕޯޓްސްގެ ކެޕްޓަން އާދަމް ޝަހީމެވެ. އޭނާ ވަނީ މިމެޗްގައި 7 ގޯލު ޖަހާ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. މިމެޗްގައި މިސްޔޫ ސްޕޯޓްސްގެ އަލީ ސައުދާއި އަހުމަދު ލަތީފު، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ގޯލް ޖަހާފައެވެ. އެޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކުރީ އިބްރާހިމް ސައުދާއި ފައިސަލް އިސްމާޢީލެވެ. މިމެޗްގައި މަންތާ އެފްސީގެ ހަމައެކަނި ގޯލް ޖަހައިދިނީ އިބްރާހިމް ފައިރޫޒެވެ. މި މުބާރާތުގައި މިސްޔޫ ސްޕޯޓްސްއިން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗްގެ ނަތީޖާއަކީވެސް ތަފާތުބޮޑު ނަތީޖާއެކެވެ. މިމެޗްގައި ކީސް ކަންމަތިގެ މައްޗަށް ދޫނި އެފްސީން ކުރިހޯދީ 9-0 ލަނޑުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ދޫނި އެފްސީގެ ހުސައިން ނިޒާމް ވަނީ 5 ގޯލް ޖަހާފައެވެ. ދޫނި އެފްސީގެ އަނެއް ގޯލްތައް ޖަހައިދިނީ ރާއިފް މުޙައްމަދާއި ހުސައިން ހަލީމާއި، ހުސައިން ރަޝީދެވެ. މީގެތެރެއިން ރާއިފް މުހައްމަދު 2 ގޯލް ޖެހިއެވެ.
މި މުބާރާތަކީ މުލަކު އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަހުމަދު ހަސަން (މުންނި)ގެ އިސްނެންގެވުމުގެ މަތިން މުލަކު ޒުވާނުންނަށް ޚާއްޞަކޮށްގެން ރަށު ފެންވަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައި ވެއެވެ.
މި މުބާރާތުގެ މަޤްސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ފުޓްސަލް ޒުވާނުން އުފައްދައި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ފާއިތުވި ދެއަހަރު ބޭއްވި މުބާރާތުން މުބާރާތުގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާޞިލްވެފައިވާކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.