Ad
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރާ 
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރާ 

އީސީ އިން ކެނޑިޑެންސީ ބާޠިލުކުރި ކެނޑިޑޭޓް ޚަރަދަށް ފައިސާ ނުދައްކާކަމަށް ކޯޓާ ޙަވާލާދީ ބުނާބުނުމުގެ ލިޔުންތައް ހާމަކޮށްދޭން ޑީޖޭއޭ އިން އިންކާރުކޮށްފި

"ތ.ކަނޑޫދޫ އުސްގެ ޙަސަން މޫސާ ހޯދުމަށް އެދި ލެއްވި ލިޔުންތަކަކީ ދޫކުވެވިދާނެ ލިޔުންތަކެއްތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވާނީ ދަންނަވާފައެވެ. ޑީ.ޖޭ.އޭގެ ޖަވާބެއް ލިބުމުން ފޯމަށް ޖަވާބެއް ދޭނެކަމުގައި ދަންނަވަން" ބިލެއްދޫ ކޯޓް

ސާބިތު ދަރަންޏެއްގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ސާބިތުވާކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް ކެނޑިޑެންސީ ބާޠިލުކުރި ޙަސަން މޫސާގެ މައްޗަށް އެކަން ސާބިތުވާކަމަށް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޙަވާލާދޭ ބިލެއްދޫ ކޯޓުން ދީފައިވާ މައުލޫމާތުތައް ހާމަކުރުމަށް ޑިޕާޓްމަންޓާއި ބިލެއްދޫ ކޯޓުންވެސް އިންކާރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ ޙަސަން މޫސާގެ ފަރާތުން ބިލެއްދޫ ކޯޓަށާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައަޅާފައިވާ، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމު" ތަކެއް މީސްމީޑިއާގައި ދައުރުވުމާ ގުޅިގެން މިނޫހުގެ ފަރާތުން ޙަސަން މޫސާއަށް ގުޅައި ސާފުކުރި މަޢުލޫމާތު ތަކުންނެވެ.

އެގޮތުން، ބިލެއްދޫ ކޯޓަށް ހުށައަޅާފައިވާ ފޯމު ހުށައަޅާފައިވަނީ 20 ޖެނުއަރީ 2020 ގައި ކަމަށާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައެޅި ފޯމު ހުށައަޅާފައިވަނީ 21 ޖެނުއަރީ 2021 ގައިކަމާ އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެފޯމާ ގުޅިގެން އެދެއިދާރާއިންވެސް އެއްވެސް ގޮތެއް ނިންމަވައި ޖަވާބެއްދީފައި ނުވާކަން ޙަސަން ފާހަގަކުރިއެވެ.

މިނޫހާއި ހިއްސާވެސް ކޮށްފައިވާ އެ ދެފޯމާއި އަދި އެ ދެެފޯމު ފޮނުވާފައިވާކަމާއި ލިބިފައިވާކަންވެސް ހާމަވާ ކަންކަމަށް ބާލައިރު، އެފޯމާއި ގުޅިގެން ބިލެއްދޫ ކޯޓުން، "ތ.ކަނޑޫދޫ އުސްގެ ޙަސަން މޫސާ ހޯދުމަށް އެދި ލެއްވި ލިޔުންތަކަކީ ދޫކުވެވިދާނެ ލިޔުންތަކެއްތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވާނީ ދަންނަވާފައެވެ. ޑީ.ޖޭ.އޭގެ ޖަވާބެއް ލިބުމުން ފޯމަށް ޖަވާބެއް ދޭނެކަމުގައި ދަންނަވަން" މިފަދައިން ބަޔާންކޮށް ޖަވާބުދެއްވާފައި ވެއެވެ. އެހެންނަމަވެސް ޑީޖޭއޭއަށް ހުށައެޅި ފޯމާއި ގުޅިގެން އެއްވެސް ޖަވާބެއް މިހާތަނަށްވެސް ދެއްވާފައި ނުވާކަން ޙަސަން މޫސާ ފާހަގަކުރިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ދަށުން ހުށައެޅޭ ކޮންމެ ހުށަހެޅުމަކާމެދުވެސް ޢަމަލުކުރުމަށް ނިންމިގޮތެއް، ގިނަވެގެން 21 ދުވަހުގެ ތެރޭގައި ލިޔުމުން ބަޔާންކޮށް ނުދޭކަމަށްވަނީީ ނަމަ، އެކަމަކީ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް އިންކާރުކުރުން ކަމުގައި އެ ޤާނޫނުގެ މަޤްޞަދަށްޓަކައި ބެލެވޭނެކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޖުމްލަ ދެކެނޑިޑޭޓުން ވާދަކުރާ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށް ވާދަކުރާ ޙަސަން މޫސާއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަން ސާބިތުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެނޑިޑެންސީ ޤާނޫނާއި ޚިލާފަށް ބާޠިލުކުރިކުރުމުގައި އެކަން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ސާބިތު ޚަރަދަށް ފައިސާ ހޯދުމަށްއެދި ޙަސަން މޫސާގެ ކުރީގެ އަނބިމީހާ ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން 2018 ވަނަ އަހަރުކޮށްފައިވާ އެކޯޓުގެ ޙުކުމަކާއި، އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ލިޔުންތަކަކުން ކަން، އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާއަށް 14 ޖެނުއަރީ 2021 ގައި ފޮނުވާފައިވާ، މިނޫހަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައިވެއެވެ.

"އެ ދެކުދިންގެ ޚަރަދަށް ފައިސާ ދެނީކީ ކޮންމެހެން ކޯޓުން ޙުކުމް ކޮށްފައި ވާތީއެއް ނޫން. ކޯޓުގެ ޙުކުމަކީވެސް ބޮޑު ކުއްޖާ މަންމަ ކައިރިން ގެނެސްގެން އެކަމާ އުުފެދުނު ދެކޮޅުވެރިކަމެއްގައި ކުރި ކަމެއް. ކުދިންގެ މަންމަ ޝަރީޢަތަށް އޮޅުވާލައި ދޮގު މަޢުލޫމާތު ދީގެން އޭރުވެސް ކޮށްފައިވާ ޙުކުމެއް. އެހެންނަމަވެސް ޙުކުމާ މާބޮޑަށް އަޅާނުލީ ދަރިންނަކީ ﷲ ދެއްވާ އަމާނާތަކަށްވާތީ އެކުދިންގެ ޙައްޤުތައް އަޅުގަނޑުގެ ފޯރުންތެރިކަން ހުރި މިންވަރަކުން އަދާކުރެވޭކަން ޔަޤީންވާތީ. އަޅުގަނޑުގެ ދަރިންވީމަ ކޯޓުންކުރާ ޙުކުމަށްވުރެވެސް އިތުރަށްވެސް ދަރިންގެ އެކުދިންގެ ޚަރަދު ދޭން ބޭނުންވާތީވެ ކޯޓުން ބޭރުންވެސް ދެން. ކުދިންގެ މަންމައަށްވެސް އެކަން އެނގޭނެ. އަދި އިންތިޚާބަށް އިޢުލާނުކުރުމުގެ ކުރިން 2019 ގައިވެސް މާލޭ ކޮޅު ފެމިލީ ކޯޓަށްވެސް އެއްފަހަރާ 20000 ،30000 ހާސް ރުފިޔާއިން ގަނޑުކޮށްވެސް ދައްކާފައި ހުންނާނެ." އެ ސްލިޕްތައްވެސް މިނޫހާއި ހިއްސާކުރަމުން ޙަސަން ބުނެފައިވެއެވެ.

"އަސްލު މިޖެހިގެން އުޅޭ މައްސަލައަކީ ޚަރަދު ނުދީގެނެއް ނޫން. ދަރަންޏެއް އޮވެގެނެއްވެސް ނޫން. އަޅުގަނޑަކީ ރަށުގެ އެންމެ ބޮޑު ދެ ޢާއިލާއާ ދެފަޅިން ގުޅިފައިވާ މީހަކަށްވާތީވެ އިންތިޚާބުގައި އަޅުގަނޑާ ވާދަކޮށްގެން ކާމިޔާބު ކުރެވޭނެ މީހަކު ނުހުންނާނެކަން އެންމެނަށް އެނގޭތީ ވެގެން އުޅޭ ގޮތެއް. ޢާއިލާ މީހުން މެދުވެރިކޮށް ނަން ނަގަންވެސް ބުނި. ނުނެގުމުން، އިންތިޚާބަށް މުއްދަތު ހަމަވީތާ 2 ދުވަސްފަހުންވެސް ކޯޓަށް ޚަރަދު މައްސަލަ ހުށައެޅި. އެކަމަކު ޚަރަދު ދޭކަން ކަނޑައެޅިގެން އަންހެނުންނަށް އެނގޭތީއާ އެކަން ސާބިތުކުރެވޭނެ ހެކިވެސް ހުރީތީ އޭނަ އަމިއްލައަށް އެމައްސަލަ ނެގި. ދެން އަނެއްކާ ފަހުން އޭނަގެ މިހާރު ފިރިމީހާ މިރަށަށް ގެނައީ ވާދަކުރާ ސިޔާސީ ބައަކު އަޑީގައި ތިބެ. ގެނެސްގެން މިރަށުގައި އެދިން އެއްޗެއް ދިނުމަށްފަހު ތިދިމާވި ކަމެއް ދިމާވެގެން އެއުޅެނީ." މަސްވެރިކަމުގައި އުޅެފައި މާލެ ދާދަތުރުތަކުގައި ޢާންމު ގޮތެއްގައި ފެމިލީ ކޯޓަށް ޚަރަދު ފައިސާ ގަނޑުކޮށް ދައްކަމުންގެންދާކަން ހާމަކުރަމުން ޙަސަން އިތުރަށް ބުނެފައިވެއެވެ.

ކޯޓަށް ދައްކާ ފައިސާ ލިބުމަށް އިންތިހާއަށް ގިނަ ދުވަސް ނަގަމުން ގެންދާތީވެ ކޯޓުން ބޭރުންވެސް ދަރިންނަށް ޚަރަދުކުރާކަމާއި، މަސްވެރިކަމުން ރަނގަޅު ޢާމްދަނީއެއް ލިބޭފަހަރަކުނަމަ ކިރަންދާއިރު މާލޭކޮޅުން ބޮޑެތި އަދަދުތަކުންވެސް ފައިސާ ދައްކައި ކޮންމެ ފަހަރަކުމެ ކައުންޓަރުގައި ސުވާލުކޮށް ބެލެންސް އެއް ނެތްކަން މީގެކުރިންވެސް ކަށަވަރުކުރާ ކަމަށްވެސް ޙަސަން ބުނެފައިވެއެވެ. އަދި ޑިޕާޓްމަންޓުން ކުރިން ދޫކުރި ރެކޯޑުގައިވެސް ދަރަނީގެ ވާހަކަ ނެތީ ސިސްޓަމުން ދަރަންޏެއް ނެތްކަމަށް ދައްކާތީކަމަށްވެސް ޙަސަން ފާހަގަކުރިއެވެ.

"ސާބިތު ދަރަންޏެއް އަދި ޚަރަދެއްވެސް ނެތްކަމަށް ބަޔާންކޮށް ކުށުގެ ރެކޯޑު ދޫކޮށް އެރެކޯޑު ހުށައަޅައިގެން އިންތިޚާބުގައި ވާދަކުރުމަށް ޝަރުޠު ފުރިހަމަވާކަމަށް ނިންމައި ކެނޑިޑޭޓެއްގެ ގޮތުގައި އިޢުލާނުކުރިތާވެސް އެތަކެއް މަސްތަކަކަށް ފަހު، 2018 ވަނަ އަހަރުގެ ޙުކުމަކާ އެއްގޮތަށް ފައިސާ ނުދައްކާ ސާބިތު ޚަރަދެއް އޮތްކަމަށް ޑިޕާޓުމަންޓުން އަޅުގަނޑަށް ފުރަތަމަ އެންގީވެސް 27 އޮކްޓޯބަރު 2020 ގައި. އެވަގުތުން ފެށިގެން އަޅުގަނޑު ސާފުކުރި މައުލޫމާތުން ކަށަވަރުވީ 2020 މާރިޗް މަހު ޑީޖޭއޭ އިން ކުރި އިޢުލާނުގައި އެޑިޕާޓްމަންޓްގެ ނަމުގައި ބުނެފައިވާ އެކައުންޓު ނަމްބަރަކަށް ދެއްކި ފައިސާތަކެއް ފޯއްމުލަކު ކޯޓަށް ޖަމާވެފައިވާކަން. ދެން އެފައިސާ ކުއްޖާގެ މަންމައަށް ނުލިބިވާތީވެ ބިލެއްދޫ ކޯޓުން މިބުނަނީ ޚަރަދު ފައިސާ އިން ބައެއް ނުލިބެޔޭ. އެއަށް ބިނާކޮށް ޑީޖޭއޭއިން މިބުނަނީ އަޅުގަނޑު ސާބިތު ޚަރަދަށް ފައިސާނުދައްކާކަން އެކޯޓުން މައުލޫމާތު ދެޔޭ. ޑީޖޭއޭގެ ބުނުމަށް ބިނާކޮށް އިލެކްޝަނުން މިނިންމަނީ، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ ސާބިތު ދަރަންޏެއް އަޅުގަނޑުގެ އޮތްކަމަށް"

އޭނާގެ ބަހެއް އެއްވެސް މީޑިއާއަކުން ނުހޯދައި، ސްޕްރީމް ކޯޓުގެ އަޑުއެހުމުގައި އިލެކްޝަނުން ދެއްކި ވާހަކަތަކަށް އެކަނި ބިނާކޮށް، ޙަޤީޤަތް އޮޅޭގޮތަށް، އޭނާގެ ސާބިތު ދަރަންޏެއް އޮތްކަމަށް ދޭހަވާ ބީދައިން މިޚަބަރު ރިޕޯޓްކޮށްފައިވާތީވެ ތަފްޞީލްކޮށް ކިޔައިދީ ލިޔެކިޔުންތައްވެސް މިނޫހާ ހިއްސާކުރަމުން ޙަސަން ބުނެފައިވޭމެއެވެ.

ޑިޕާޓްމަންޓުން މާރިޗް މަހުކޮށްފައިވާ އިޢުލާނުގެ ސްކްރީން ފޮޓޯއެއް

ޙަސަން މޫސާގެ ކެނޑިޑެންސީއާ މެދު ގޮތެއް ނިންމަވައިދެއްވުން އެދި އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓަށް މީގެ ކުރިން ހުށައެޅި މައްސަލައެއް އެކޯޓުން ބަލައިނުގެން ބޭރުކޮށްލާފައިވުމުން، އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަކުން އޭނާގެ ކެނޑިޑެންސީ ބާޠިލުކޮށްފައިވެއެވެ. އެހެންނަމަވެސް ޙަސަންގެ ފަރާތުން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން އަންގާރަ ދުވަހު ވަނީ ޙަސަން މޫސާގެ ކެނޑިޑެންސީ އިލެކްޝަނުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި އޭނާގެ ނަން ލިސްޓުގައި ހިމެނުމަށް އަމުރުކުރަށްވާފައެވެ.

އަނެއްކާވެސް އީސީ އިން މިވަނީ، މިމައްސަލާގައި ތިންވަނަ ފަހަރަށް ސްޕްރީމް ކޯޓަށް ހުށައެޅޭ ހުށައެޅުމުގެ ގޮތުގައި ޙަސަންގެ ކެނޑިޑެންސީ ބާޠިލުކުރުމަށްއެދި މައްސަލައެއް ހުށައަޅާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *