Ad
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޚިދުމަތް ދެވެމުންދަނީ- ފޮޓޯ: ފޯރ ސްކެއަރ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޚިދުމަތް ދެވެމުންދަނީ- ފޮޓޯ: ފޯރ ސްކެއަރ

ކެނޑިޑެންސީ ބާޠިލުކުރި ޙަސަން ޚަރަދުފައިސާ ދައްކާފައިވޭތޯ ޑީޖޭއޭ އިން ކޯޓުން ސާފުކޮށްފައިވަނީ ފައިސާ ޑީޖޭއޭގައި "ހިފަހައްޓާފައި"

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެކެނޑިޑޭޓުންގެ ތެރެއިން އިދިކޮޅު ކެނޑިޑޭޓް ޙަސަން މޫސާ ޙުކުމާ އެއްގޮތަށް ދައްކަމުން ނުގެންދާ ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ ކެނޑިޑެންސީ ބާޠިލުކޮށްފައިވަނީ، ޑިޕާޓްމަންޓަށް އޭނާ ދައްކާފައިވާ ޚަރަދު ފައިސާތަކެއް ބިލެއްދޫ ކޯޓަށް ފޯރުކޮށްދިނުމެއްނެތި މަސްތަކަކަށް ޑިޕާޓްމަންޓުގައި ހިފެހެއްޓިފައިވޭމެ، އެކަން ޑިޕާޓްމަންޓަށް އެނގިތިބެ ބިލެއްދޫ ކޯޓަށް ނުލިބިވާ ފައިސާގެ ތަފްޞީލު އެކޯޓުން ހޯދުމަށްފަހުގައި އެކަމުގެ މައްޗަށް ބިނާކޮށްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ޝަރުޠެއް ފުރިހަމަ ނުވާފަދަ ރެކޯޑެއް އޭނާގެ ނެތްކަމަށް ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އޭނާއަށް ދޫކުރި ރެކޯޑު ހުށައަޅައިގެން އިންތިޚާބުގައި ވާދަކޮށްފައިވާތާ 08 މަސްދުވަހަށްވުރެ ގިނަ ދުވަސްފަހުން 27 އޮކްޓޯބަރު 2020 ގައި ޑިޕާޓްމަންޓުން ޙަސަން މޫސާއަށް ފޮނުވި ސިޓީއާ ގުޅިގެން ޙަސަން މޫސާގެ ފަރާތުން ސާފުކުރި މައުލޫމާތުތަކުންނެވެ.

ޑިޕާޓްމަންޓްގެ މިސިޓީއާ ގުޅިގެން ޙަސަން މޫސާގެ ފަރާތުން ބިލެއްދޫ ކޯޓުން ސާފުކުރުމުން އެކޯޓުން ޙަސަން މޫސާއަށް ދީ އަދި ދޫކޮށްފައިވާ، މިނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޑިޕާޓްމަންޓުން އެންމެ ފުރަތަމަ ބިލެއްދޫ ކޯޓުގައި ސުވާލުކޮށްފައި ވަނީ ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. އަދި އެކޯޓުން ޖަވާބުދެއްވާފައި ވަނީ ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އެކޯޓުގައި ނެތްކަމަށެވެ.

އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޑިޕާޓްމަންޓުން ބިލެއްދޫ ކޯޓުގައި ތަކުރާރުކޮށް ސުވާލުކުރިކަމަށާއި ޙަސަން މޫސާގެ މައްޗަށް ޙުކުމްކުރެވިފައިވާ އެއްވެސް ޚަރަދު މައްސަލައެއް އޮތްތޯއާއި އޮތްނަމަ އެމައްސަލައިގެ ޙުކުމާއި އަދި ޙުކުމާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެއިން ބިލެއްދޫ ކޯޓަށް އެހާތަނަށް ނުލިބިވާ ފައިސާގެ މައުލޫމާތު ޑިޕާޓްމަންޓަށް ފޮނުވުމަށް އެދިފައިވެއެވެ.

އެހެންނަމަވެސް މިއެންމެހައި މުޢާމަލާތްތައް ބިލެއްދޫ ކޯޓާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަން ފަށައި ކުރަމުން ގެންދިޔައިރުވެސް ބިލެއްދޫ ކޯޓު ޙުކުމަށް ދަށްކަންޖެހޭ ދެދަރިންގެ ޚަރަދަށް ޑިޕާޓްމަންޓް މެދުވެރިކޮށް ދައްކާފައިވާ މަސްތަކެއްގެ ފައިސާ ބިލެއްދޫ ކޯޓަށް ފޯރުކޮށްދިމެއް ނެތި އެޑިޕާޓްމަންޓުގައި މަސްތަކަކަށް "ތާށިވެފައި" ހުރިކަން މިނޫހަށް ކަށަވަރުވެފައިވެއެވެ.

އެގޮތުން 2020 ޖުލައި މަހުގެ ފަހުކޮޅެއްހާ ހިސާބުން ފެށިގެން ދައްކާފައިވާ ފައިސާ ޑިޕާޓްމަންޓްގައި "ތާށިވެފައި" ހުރިކަމާއި، ދަރިންގެ ޚަރަދާ ގުޅިގެން؛ ހަމައަށް ލިބެންޖެހޭ ފައިސާގެ ޖުމްލައަކާއި، ހަމައަށް ލިބުނު ފައިސާގެ ޖުމްލައަކާއި، ހަމައަށް ޙަވާލުކުރެވުނު ފައިސާގެ ޖުމްލައަކާއި، ހަމައަށް ޙަވާލުނުކޮށްހުރި ފައިސާގެ ޖުމްލަތަކެއް ބިލެއްދޫ ކޯޓުން ޙަސަން މޫސާއަށް ބަޔާންކޮށްދީފައި ވާއިރު، ޑިޕާޓްމަންޓަށް ޝަކުވާ ލިބުމާ ގުޅިގެން ބިލެއްދޫ ކޯޓުން މައުލޫމާތު ސާފުކުރުމުގެ ކުރިން ފެށިގެން، އެތަކެއް މަސްތަކެއް ވެގެންދިޔައިރުވެސް ހަމައަށް ޙަވާލުނުކޮށްހުރި ފައިސާގެ ޖުމްލަ އެތަކެއް ހާސް ރުފިޔާއަށް އަރާކަމާއި މިފައިސާއަކީ ޑިޕާޓްމަންޓުގައި "ތާށިވެފައި" ހުރި ފައިސާކަންވެސް ބިލެއްދޫ ކޯޓުން ހަސަން މޫސާއަށް ދީފައިވާ އަމިއްލަ މީހުންފޮނުވާ ސިޓީގެ ޖަވާބުންނާއި ޑިޕާޓްމަންޓުން ދޫކޮށްފައިވާ ސްލިޕްތަކުން ހާމަވެއެވެ.

ޑިޕާޓްމަންޓަށް ހުށައެޅުނު ޝަކުވާއަކަށް ބިނާކޮށް ޙަސަން މޫސާގެ ރެކޯޑާ ގުޅިގެން ޑިޕާޓްމަންޓުން ބިލެއްދޫ ކޯޓުން މައުލޫމާތު ސާފުކުރަންކުރި މުޢާމަލާތްތަކާއި އެމުއާމަލާތްތަކާ ގުޅިގެން ބިލެއްދޫ ކޯޓުން ޑިޕާޓްމަންޓަށް ލިޔުމުން ފޯރުކޮށްދިން މައުލޫމާތުތައް ހޯދުމަށް އެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ޙަސަން މޫސާ ބިލެއްދޫ ކޯޓަށާއި ޑިޕާޓްމަންޓަށް ހުށައެޅި ހުށައެޅުމާ ގުޅިގެން އެމައުލޫމާތުތައް އޭނާއަށް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓުން ކަނޑައެޅިގެން އިންކާރުކޮށްފައި ވާތީވެ، ޙަސަން މޫސާގެ ސާބިތު ދަރަންޏެއް ނެތްކަމަށް ބަޔާންކޮށް ބިލެއްދޫ ކޯޓުން ޑިޕާޓްމަންޓަށް ފޮނުވިކަމަށް އެކޯޓުން މީގެ ކުރިން މައުލޫމާތު ދީފައިވާ ލިޔުމުގެ ކޮޕީ އަދި ލިބިފައިނުވާކަމަށްވެސް މިނޫހަށް މިއަދު ދިން މި ޚާއްޞަ އިންޓަރވިއުގައި ޙަސަން މޫސާ ފާހަގަކޮށްފައި ވެއެވެ.

ޚަރަދު މައްސަލައަކާ ގުޅިގެން، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގެންދާ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވާކަމަށް ބުނެ ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކޮށްދެއްވުން އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މީގެ ކުރިން ސްޕްރީމް ކޯޓަށް ދިއުމުން އެމައްސަލަ އެކޯޓުން ބަލައިނުގެން ބޭރުކޮށްލުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަކުން ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކުރި ކުރުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި، ޙަސަން މޫސާގެ ނަން ކެނޑިޑޭޓުންގެ ލިސްޓުގައި ހިމެނުމަށް ސްޕްރީމް ކޯޓުން އަންގާރަދުވަހު އަމުރުކުރަށްވާފައި ވެއެވެ.

އެހެންނަމަވެސް، ކެނޑިޑޭޓުންގެ ލިސްޓްގައި ނަން ހިމެނުމާއެކު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އެމައްސަލަ ސްޕްރީމް ކޯޓަށް މިހާރު ހުށައަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *