Ad
ގިނަދުވަސްތަކަކަށްފަހުގައި ޖެނުއަރީ މަހު ސްކޫލްތައް ހުޅުވުމާއެކު އަޙްމަދިއްޔާގެ ޕްރީސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ޙާޟިރުވުމުގެ ތެރެއިން-: ފޮޓޯ: އޭއައިއެސް
ގިނަދުވަސްތަކަކަށްފަހުގައި ޖެނުއަރީ މަހު ސްކޫލްތައް ހުޅުވުމާއެކު އަޙްމަދިއްޔާގެ ޕްރީސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ޙާޟިރުވުމުގެ ތެރެއިން-: ފޮޓޯ: އޭއައިއެސް

މާލޭ ސަރަޙައްދު ސްކޫލްތައް ބަންދުކޮށްފި

މާލޭ ސަރަޙައްދުގެ ސްކޫލްތަކަށް ދަރިވަރުން ޙާޟިރުކޮށްގެން ކިޔަވައިދިނުން މެދުކަނޑާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިނިންމެވުން ނިންމަވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އެގޮތުން ޑީޖީޕީއެޗް މައިމޫނާ އަބޫބަކުރު ސޮއިކުރަށްވައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއަށް މިއަދު ފޮނުއްވާފައިވާ ސިޓީއަކުން، ކުރިއަށްއޮތް 2 ހަފްތާގެ މުއްދަތައް ސްކޫލްތަކުގެ ޕިޒިކަލް ކްލާސްތައް ހުއްޓާލުމަށް ދަންނަވާފައިވެއެވެ.

ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެވެސް، ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދިނުން މެދުކަނޑާލުމަށް އެޅުނު މިފިޔަވަޅު އެޅުއްވި ސަބަބެއްގެ ގޮތުގައި އެސިޓީގައި ފާހަގަކުރަށްވާފައި ވަނީ، މިދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެ އޭޖެންސީއިން  އަޅަމުންދާ އިތުރު ފިޔަވަޅުތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެއްކަމުގައެވެ.

އަދި، މިވަގުތުގެ ޙާލަތަށް ބަލާއިރު ބަލި ކޮންޓްރޯލްކޮށް ބަލިޖެހޭ އަދަދު މަދުކުރެވޭނީ އަވަސް ފުރުޞަތެއްގެ ތެރޭގައި އެކުއެކުގައި ބަލި ފެތުރޭފަދަ ހައިރިސްކް ކަންކަން މަދުކޮށްގެންނާއި، މީހުން އެއްތަނުން އަނެއް ތަނަށް ދިއުން (މޫވްމަންޓް) މަދުކޮށްގެންކަމަށްވާތީވެ ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އެފިޔަވަޅު އެޅުއްވީކަމަށްވެސް އެސިޓީގައި ބަޔާންކުރަށްވާފައި ވެއެވެ.

ކޮވިޑް-19 ބައްޔަށް ތަފާތު ވެކްސިންތައް ހޯދި ރާއްޖޭގައިވެސް ލައްކައެއްހާ މީހުންނަށް ވެކްސިން ދެވިފައިވީނަމަވެސް، ބަލިޖެހެމުންދާ ނިސްބަތް އަނެއްކާވެސް މިދުވަސްވަރު ބޮޑުތަކުން އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ވެކްސިނާ ގުޅިގެން ބަލި ހަންމަތަކުރެވޭވަރު އެނގިގެންދާނީ ހަފްތާތަކަކަށް ފަހުގައި ދެވަނަ ޑޯޒްވެސް ދެވިގެންކަން ޞިއްޙީ މާހިރުން ވިދާޅުވަމުން ގެންދަވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *