ސްޕެނިޝް ކޮޕަޑެލްރޭ ގައި ސެމީ ފައިނަލުގައި ސެވިއްޔާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.
ސެމީގެ ފުރަތަމަ ލެގުގައި މިދިޔަ މަހު ސެވިއްޔާއިން ވަނީ 2-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ. އެކަމަކު ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ބާސާ ވަނީ ނަތީޖާ އަނބުރާލާފައެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗް ކާމިޔާބުކުރީ 3-0 ނެވެ. މިއާއެކު 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާ ވަނީ ކުރިހޯދާފައެވެ.
މިމެޗުގައި ފުރަތަމަ ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ މަތަކޮށް ޓީމަށް ދިރުން ގެނެސްދީފައެވެ.
ސެވިއްޔާއަށް މައްސަލަތަކެއް ކުރިމަތިވީ އިތުރު ވަގުތުގައި އެ ޓީމުގެ ފެނާންޑޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މިމެޗް ބާސާ ސަލާމަތްކޮށްދިން ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ.
މިއާއެކު މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާ ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހީ މާޓިން ބްރެތުވެއިޓެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ބާސާ ދަތުރުކުރިއިރު، ފައިނަލުގައި ބާސާ ބައްދަލުކުރަން ޖެހޭނީ ލެވަންޓޭ ނުވަތަ އެތުލެޓިކް ބިލްބާއޯއާއެވެ.