Ad

ކޮވިޑް-19ގެ ސަބަބުން ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިން މެޗްތައް ފަސްކޮށްފި

ކޯވިޑް-19 ފެތުރޭތީ ޔޫރަޕްގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މި މަހު ކުޅެން ތާވަލުކުރި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

އެ މެޗުތައް ފަސްކުރަން ކޮންމެބޯލް އިން ނިންމީ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން ކްލަބްތަކުން ދެކޮޅު ހަދާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިކަން ހައްލުކުރުމަށް ކުރެވުނު އެކިއެކި މަޝްވަރާތަކުން ހައްލެއް ނުލިބުމުން އެންމެ ރަނގަޅު ގޮތަކީ މެޗްތައް ފަސްކުރުން ކަމަށް ކޮންމެބޯލްއިން ބުނެއެވެ.

ވޯލްޑް ކަޕް ކޮލިފައިންއަށް ފަހު އެނބުރި އައިސް ކްލަބާ ގުޅުމުގެ ކުރިން ކުޅުންތެރިން ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު އޮތުމުން ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ދެކޮޅު ހަދާފައިވާ ކްލަބްތައް ނިސްބަތުން ވަރަށް ގިނަ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ޔޫރަޕުން ބޭރު ގައުމަކަށް ގޮސްފައި އެނބުރި އަންނަ ކޮންމެ މީހެއް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލު ކަނޑައަޅައިފަ އެވެ. މެޗުތައް ފަސްކުރި ނަމަވެސް ދެން ކުޅޭނެ ތާރީހެއް ކޮންމެބޯލް އިން އަދި އިއުލާނެއް ނުކުރެ އެވެ. ދެކުނު އެމެރިކާ ބައްރުގެ ހުރިހާ މަޝްހޫރު ކުޅުންތެރިން ކުޅެނީ ޔޫރަޕްގައެވެ.

ކޮންމެބޯލް އިން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރީ މި މަހު 25، 26 އާއި 30 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *