Ad

މިޔަންމާ ހާލަތާމެދު މަޝްވަރާކުރުމަށް އާސިޔާގެ ލީޑަރުން ބައްދަލުވުމަށް އިންޑޮނޭޝިޔާއިން ގޮވާލައިފި

މިޔަންމާގެ ހާލަތު ގޯހުން ގޯހަށް ދާތީ، އާސިޔާންގެ މެންބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ވީއެންމެ އަވަހަކަށް ބޭއްވުމަށް އިންޑޮނޭޝިޔާއިން ގޮވާލައިފިއެވެ.

ދިހަ ގައުމު ހިމެނޭ އާސިޔާންގެ ރިޔާސަތު މިވަގުތު ބަލަހައްޓަނީ ބުރުނާއީއެވެ.

އިންޑޮނޭޝިޔާއިން މިއަދު ބުރުނާއީގެ ރިޔާސަތަށް ގޮވާލާފައިވަނީ މެންބަރު ގައުމުތަކުގެ އިސްވެރިން ބައްދަލުކޮށް މިޔަންމާގެ ހާލަތާމެދު ސީރިއަސް މަޝްވަރާތަކެއް ކުރަން  ޖެހިއްޖެ ކަމަށާއި ބުރުނާއީ އިން އެކަމަށް އިސްނެގުން އަވަސްކުރުން މުހިއްމު ކަމަށެވެ.

މިޔަންމާގެ އިންތިހާބީ ވެރިޔާ ސޫކީގެ ވެރިކަން އަސްކަރީ ބަގާވާތަކުން ބަދަލުކޮށް، އަސްކަރީ ވެރިކަމެއް ގާއިމުކުރުމާއެކު، ރައްޔިތުން މަގުތަކަށް ނުކުމެ، ވަރުގަދަ މުޒާހަރާތަކެއް ގެންދަނީ ކުރަމުންނެވެ. އަސްކަރިއްޔާގެ އިންޒާރަށް ބެލުމެއް ނެތި، މުޒާހަރާއަށް ނުކުންނަ މީހުން އިތުރުވާން ފެށުމުން މިޔަންމާ އަސްކަރިއްޔާއިން ގެންދަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ހަތިޔާރު ބޭނުން ކުރަމުންނެވެ. ބަޑިޖަހަމުންނެވެ.

މިހާތަނަށް 200 އަށްވުރެ ގިނަ މީހުން އަސްކަރިއްޔާއިން މަރައިފިއެވެ. ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

އާސިޔާނުގެ ވެރިންގެ އަވަސް ބައްދަލުވުމެއް ބޭއްވުމަށް އިންޑޮނޭޝިޔާއިން ގޮވާލާފައި މިވަނީ މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ބޮޑުވެ، މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *