ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އިނގެރޭސި މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ގްރަނާޑާއާ ވާދަކުރަން ޖެހިއްޖެއެވެ.
ޔުނައިޓެޑް ކުއާޓަރފައިނަލަށް ދަތުރު ކުރީ އޭސީ މިލާން ބަލިކޮށްގެންނެވެ. އާސެނަލް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގްއާ އެވެ. އަޔަކްސް ކުޅޭނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. އަދި ސްޕެއިންގެ ވިޔަރެއާލް ބައްދަލުކުރާނީ ޓޮޓެންހަމް ލަދުވެތި ގޮތަކަށް ކަޓުވާލި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބްއާ އެވެ. ޑިނަމޯ ޒަގްރެބްއިން ވަނީ ދެވަނަ ލެގްގައި 3-0 އިން ޓޮޓެންހަމް ބަލިކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ކުޅޭނީ ޔުނައިޓެޑާއި ގްރަނާޑާ ކުޅެގެން މޮޅުވާ ޓީމަކާއި އަޔަކްސް އާއި ރޯމާ ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ. ޔުނައިޓެޑުން 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރީ ފައިނަލުގައި އަޔަކްސް ބަލިކުރުމަށް ފަހު އެވެ. މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ސެމީގައި ވިޔަރެއާލް އާއި ޒަގްރެބް ކުޅެގެން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އާސެނަލް އާއި ސްލާވިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހާއި 15 ވަނަ ދުވަހު އެވެ.