ދިހަ ކުޅުންތެރިންނާއެކު ކުޅުނު ބަޔާން އިން ސްޓުޓްގާޓް 4-0 ބަލިކޮށްފިއެވެ. މިމެޗްގައި ޕޮލެންޑްގެ ރޮބާޓޯ ލެވަންޑޯސްކީ ވަނީ 3 ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ.
މެޗްގެ ވަރަށް ކުރީކޮޅު12 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ޑޭވިސްއަށް ވަނީ ސީދާ ރައްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭގެ ފަހުން ބަޔާންއިން ވަނީ ފުރަތަމަ ހާފުގައި 4 ގޯލް ޖަހާ އެޓީމުގެ ފެންވަރު ދައްްކާލާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. މިމޮޅާއިއެކު ބަޔާންއަށް ވަނީ ލީގުގެ އެއް ވަނައިގައި އަލުން ހަތަރު ޕޮއިންޓަށް ލީޑެއް ލިބިފައެވެ.
މި މެޗުގައި ލެވަންޑޯސްކީ ޖެހި ތިން ލަނޑާއެކު މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ.
މިނަތީޖާއާ އެކު ބަޔާން މިހާރު އެއް ވަނައިގައި އޮތީ 26 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ލިބިފައިވަނީ 26 މެޗުން 57 ޕޮއިންޓެވެ.