އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ސެމީ ފައިނަލުން ލެސްޓާ ސިޓީން ޖާގަ ހޯދައިފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑް ކެޓީ ރަށުން ބޭރުގައި ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލެސްޓާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލެސްޓާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ގޯލެެއް ޖަހާ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި އިހެނާޗޯ ވަނީ އިތުރު ލަނޑެއް ޖަހައި، ލެސްޓާއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
އަންނަ މަހު 17 ވަނަ ދުވަހު ވެމްބްލީގައި ކުޅޭ އެފްއޭ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ލެސްޓާ ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ޗެލްސީ ވާދަކުރަންޖެހޭނީ މެންޗެސްޓަރ ސިޓީއާއެވެ.