ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ވައިނަލްޑަމް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ހޫނު މޫސުމަށް ހަމަވާނެއެވެ. ލިވަޕޫލުން އަންނަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރިނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ސަބަބަކީ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ބާސާއަށް ބަދަލުވާން ވައިނަލްޑަމް މިހާރު ނިންމާފައިވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވައިނަލްޑަމް ހޯދުމަށް މިދިޔަ ސީޒަނުން ފަށައިގެން ބާސާއިން މަސައްކަތްކުރަމުން އަންނައިރު، ވައިނަލްޑަމަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. އަދި ކޫމަންގެ އިރުޝާދުގެ ދަށުން ވައިނަލްޑަމް ވަނީ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވާ ކަމަށާއި، ބާސާއާއެކު ވައިނަލްޑަމް މިހާރު އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 226 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.
ލިވަޕޫލްގެ ޖޯޒީގައި ވައިނަލްޑަމް އެންމެ ފާހަގަވެގެންދިޔަ މެޗަކީ ލިވަޕޫލުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު އެމުބާރާތުގެ ސެމީ ފައިނަލްގައި ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗެވެ. ސެމީގެ ފުރަތަމަ ލެގް3-0 ބާސެލޯނާ ކާމިޔާބުކޮށްފައި ވަނިކޮށް ދެވަނަ ލެގް ލިވަޕޫލް ކޮޅަށް އަނބުރާލީ ވައިނަލްޑަމްގެ މޮޅު ކުޅުމާ އެކުގައެވެ. 4-0 ބާސެލޯނާ ބަލިކުރި މި މެޗްގައި ވައިނަލްޑަމް ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ 2 ގޯލް ކާމިޔާބުކޮށްފައެވެ.