މައިންބަފައިންނާ ދުރަށް ގަދަ ކަމުން ދަރިން ގެންދެއެވެ. އިމާމުންނާއި ޢިލްމުވެރިން "ތަޢުލީމާއި ތަމްރީން"ގެ ނަމުގައި އެކަހެރިކޮށް "ޖަލެއް" ފަދަ ތަންތަނުގައި ބަންދުކޮށް ސިކުނޑި ދޮވެލުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައެވެ. ތުނބުޅި ދިގުކޮށްގެން މިސްކިތްތަކަށް އެރުން ތަކުރާރުކޮށް މަނާކުރެއެވެ. ރޯދަމަހު ހަތިޔާރުއެޅި ސިފައިން، މުސްލިމުން ރޯދަ ދޫކޮށްލަން މަޖުބޫރުކުރުވައެވެ.
ހަގީގަތް އޮތީ އަދިވެސް ވަރަށް ހަނުހިމޭންކޮށެވެ. ސަބަބަކީ ޗައިނާއިން ގެންގުޅޭ މަޑުމައިތިރި ޚާރިޖީ ސިޔާސަތުގެ ސަބަބުން، އެގައުމުގެ މޫނުމަތި ވަނީ މަތިއޮމާންކޮށްފައެވެ. އެހެންނަމަވެސް ޗައިނާގެ އެކި ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ރާވައިގެން ހިންގާ ހީލަތްތެރި ހަރަކާތްތަކުގެ ސަބަބުން މުސްލިމުންގެ އާބާދީއަށް އޮތީ ބިރުވެރިކަމާއި ނާމާންކަން ފެތުރިފައެވެ.
ޗައިނާގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދެ މިލިއަން މުސްލިމުން ގަދަކަމުން ގެންގޮސް ސްކޫލުގެ ނަމުގައި ހިންގާ "ޖަލު" ޚިދުމަތާ ވަނީ ގުޅުވާފައެވެ. ޗައިނާއިން ބުނަނީ އެމީހުންނަކީ ދަރިވަރުން ކަމަށެވެ. ކުށްވެރިން ނޫން ކަމަށެވެ. އެތަންތަނުގައި ތިބޭ ކުދިންނަށް އިންޓަވިއު ދިނުން މަނަލެވެ. ފޯނު ބޭނުންކުރެވެނީ ސަރުކާރުން އިންސްޓޯލުކޮށްފައިވާ އެޕްލިކޭޝަންތައް އެކަންޏެވެ.
ޗައިނާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި "ތައުލީމާއި ތަމްރީން"ދޭ މަރުކަޒުތަކުގައި ތިބި މުސްލިމުން ވަޒީފާއަށް ނެރުމަށް ބޭނުންވާ ހުނަރު ލިބިދިނުމުގެ ޕްރޮގްރާމްތަކާއި ޗައިނާގެ ގާނޫނާއި ގަވާއިދުތަކާއި އާދަކާދަތައް ދަސްކޮށްދިނުމުގެ ކްލާސްތައްވެސް ހިންގައެވެ.
"ޕްރޮފެސަރުން އެބަ ތިބި. އިލްމުވެރިން އެބަތިބި. އިމާމުން އެބަތިބި. ތީޗަރުން އެބަތިބި. އެމީހުންނަށް ދަސްކޮށްދޭން ޖެހެނީ ކޮން ކަމެއްތޯ؟ ފެސިލިޓީޒްތަކުގައި ނަމާދެއް ނުކުރެވޭ. ނަށަން ޖެހޭ. ލަވަކިޔަން ޖެހޭ. ޤުރުއާން ކިޔެވުން މަނާ. ރޯދަހިފުން މަނާ. ތުނބުޅި ދިގެއް ނުކުރެވޭނެ،" ދާދިފަހުން ވޮޝިންޓަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޗައިނާގެ އަންހެނަކު ކިޔައިދިނެވެ. "އެތައް މިލިއަން ބަޔަކަށް އެދަނީ އަނިޔާ ދެމުން. އެމީހުންނަށް އެއްވެސް މިނިވަންކަމެއް ނެތް. އެތަންތަނުން ނުކުމެވޭނެ ދުވަހެއް، ގޮތެއް ނޭނގެ."
ދެހާސް ސަތާރަ ވަނަ އަހަރާ ހަމައަށް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ބޮޑެތި މިސްކިތްތައް މިހާރު ފެންނާކަށް ނެތެވެ. ބައެއް މިސްކިތްތައް ތަޅާ ބިމާ ހަމަކޮށްފިއެވެ. ބޮޑެތި ފާރުތަކުން ބަންދުކޮށްފިއެވެ. ސަރުކާރުން ބުނަނީ ތަރައްގީއަށްޓަކައި ޖާގަ ބޭނުންވާތީ، މުސްލިމުންގެ ގެތަކާއި މިސްކިތްތައް ނަގަން ޖެހުނީ ކަމަށެވެ.
ޗައިނާގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ "ސްކޫލް"ތަކުގައި ރޭގަނޑު އޮންނަނީ ބްރެއިން ވޮޝް ކުރުމެވެ. އަގީދާ ބަލިކަށިކުރުމެވެ. އިސްލާމްދީނާ ދުރަށް ގެންދިއުމުގެ ހަރަކާތްތަކެވެ.
މިއަހަރުގެ ރޯދަ މަސް އައިސް ޖެހެނީއެވެ. ޗައިނާގެ މުސްލިމުންނަށް މިފަހަރުވެސް ހަމަޖެހިލައިގެން ރޯދަ ހިފޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.