ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އޭގައި ޕޯޗުގަލް އާއި އަޒަރުބައިޖާން ބައްދަލުކުރި މެޗް 1-0 ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޕޯޗުގަލުގެ ހޯމް މެޗު ކުޅެފައިވަނީ އިޓަލީގެ ޔުވެންޓަސްގެ ދަނޑުގައެވެ. މި މެޗުގައި ޕޯޗުގަލުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. އަޒަރުބައިޖާނުގެ ގޯލާ އަމާޒުކޮށް 20 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. މީގެތެރެއިން 14 ހަމަލާ ގޯލާ އަމާޒުވެފައިވާއިރު ޕޯޗްގަލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އަޖަރުބައިޖާނަށް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުން ޕޯޗުގަލް މޮޅުވީ މެޗުގެ 36 ވަނަ މިނެޓުގައި އަޒަރުބައިޖާނުގެ މަކްސިމް މެޑްވެޑޭވް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ގްރޫޕުގެ އަނެއް މެޗުން ސާބިއާ ވަނީ އަޔަލެންޑް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.