ކޮންމެ ދިމާއަކުންވެސް އިވެނީ ކޮރަޕްޝަނުގެ ވާހަކައެވެ. ކުންފުނިތަކާއި މިނިސްޓްރީތަކާއި މުވައްސަސާތައްވެސް ހިމެނޭ ގޮތުންނެވެ. މިކަންކަމަށް ހެޔޮ ބަދަލެއް ގެނެވޭނީ ހިތްވަރުގަދަ ނިންމުންތަކެއް ނިންމައިގެންނެވެ. ވިސްނުންތެރި ފިޔަވަޅުތަކެއް އެޅިގެންނެވެ. ހަމައެކަނި ދުލުން ބުނެލާ ވައުދަކުން ނުފުދެއެވެ. އެއީ ކޮރަޕްޝަނާއި ފަސާދައިގެ މޫތައް ފެތުރިގެން، ދެމިގެން ގޮސްފައިވާތީއެވެ.
ބަދަލެއް ގެންނަމާ ހެއްޔެވެ؟ ހެޔޮ ނިޔަތުގައެވެ. ފަށަންވީ ދައުލަތުގެ ހުރިހާ އެގްރީމެންޓްތަކާ ހަމައިންނެވެ. ވަޒީފާގެ އެއްބަސްވުންތައް ވެސް ހިމެނޭ ގޮތުންނެވެ. އަންނަނިވި ކަންކަން އެއްބަސްވުންތަކުގައި ހިމެނުމަށް މި ހުށައަޅަނީ ހެޔޮ ނިޔަތުގައި، ހެޔޮ ބަދަލަކަށް އެދޭތީއެވެ.
އެންޓި ކޮރަޕްޝަން (ކޮރަޕްޝަނާ ދެކޮޅު)
ކޮރަޕްޝަނުގެ ޢަމަލެއް ނުހިންގާނެ ކަމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ނުދޭނެ ކަމަށާއި އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުން އެކަހެރިވާނެ ކަމަށާއި އަދި ވަޒީފާގެ ނުފޫޒުން ހައްގު ނޫން ފައިދާއެއް ނުހޯދާނެކަން އެއްބަސްވުމުގައި ބަޔާންކުރަންވީއެވެ. ޕްރޮޖެކްޓެއް ހޯދުމަށް ނުވަތަ ބިޑެއް ކާމިޔާބު ކުރުމަށް، އެއްބަސްވުން ދެމެހެއްޓުމަށް، އެއްވެސް ސިފައެއްގައި، އެއްވެސް މާނައެއްގައި ކޮރަޕްޝަނުގެ އަމަލެއް ނުހިންގާނެކަމަށް އެއްވެސްވުމުގައި ހިމަންވީއެވެ.
އެންޓި މަނީ ލޯންޑްރީ (މަނީ ލޯންޑްރީއާ ދެކޮޅު)
ދައުލަތުގެ އެންމެ މުވައްޒަފުންނާއި އަދި ދައުލަތުންކުރާ އެއްބަސްވުންތަކުގައި އެންޓި މަނީ ލޯންޑްރީގެ މާއްދާތައް ހިމަނަން ފަށަމާ ހެއްޔެވެ؟ ރާއްޖޭގެ މި ފަދަ ގާނޫނުތައް ހެދިފައި ހުރުމުން އެކަންކަން ތަންފީޒުވާނެ ހުރިހާ ވިސްނުމެއް އިސްކުރަން އެބަ ޖެހެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކާއި ކުންފުނިތަކުން ކުރާ އެއްބަސްވުންތަކުގައިވެސް މިފަދަ މާއްދާތައް ހިމަނާފައި އެބަހުއްޓެވެ. އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނާން އެބަހުއްޓެވެ.