Ad
އިންތިޚާބާބެހޭ މިމައްސަލައިގެ ޙުކުމްކުރުމަށް ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖްލީހުގެ ތެރެއިން-: ފޮޓޯ: ލައިވް ސްޓްރީމް ސްކްރީން ފޮޓޯ
އިންތިޚާބާބެހޭ މިމައްސަލައިގެ ޙުކުމްކުރުމަށް ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖްލީހުގެ ތެރެއިން-: ފޮޓޯ: ލައިވް ސްޓްރީމް ސްކްރީން ފޮޓޯ

ހައިކޯޓުން ބޭރުކޮށްލި އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބަލަނީ

ކޮވިޑް-19 ގެ ސަބަބުން ފަސްކުރަން ޖެހުނު ލޯކަލްކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްވެގެން ދިޔަނަމަވެސް އެއިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޤާނޫނަކުން ބަންދުކޮށް، އެއިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަލަށް ޢުމުރުން 18 އަހަރުފުރޭ އެތަކެއް ހާސް ރައްޔިތުންނެއްގެ ކިބައިން އެއްކޮށް ނަފީކޮށް އަސާސީ ޙައްޤުތަކެއް ހިފަހައްޓައި ހަނިކުރުމާ ގުޅިގެން ހުށައެޅުނު ދުސްތޫރީ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖްލީހަށް ހުށައެޅި ޝަކުވާ ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް ނަޝީދަށް އެޑްރެސްކޮށް ސިޓީއަކުން ހުށައެޅުނު މިމައްސަލަ ބެލުމަށް މަޖްލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައިވާކަމުގައި މައްސަލަ ހުށައެޅި ފަރާތަށް މަޖްލީހުން މިއަދު ލިޔުމުން އަންގަވާފައިވާކަމަށް މައްސަލަ ހުށައެޅި ފަރާތުން މިނޫހަށް ކަށަވަރުކޮށްދީފައިވެއެވެ.

މި މައްސަލަ ކޯޓަށްވެސް ވައްދަވައިގެން ޤާނޫނީ ޙައްލެއް ހޯއްދެވުމަށްވެސް މަސައްކަތް ކުރެއްވި ވަކީލް ތަސްލީމް ކަންބޮޑުވުން ފާޅުކުރަށްވައި މަޖްލިސް ރައީސަށް ފޮނުއްވި ސިޓީ، މިހަފްތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިފައިވާކަމަށާއި، ސިޓީގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅިގެން އެކޮމިޓީ އިން ނިންމަވާގޮތެއް އަންގަވާނެކަމަށް ވިދާޅުވެ މަޖްލީހުގެ އަމީން ޢާންމު ސޮއިކުރަށްވައި މިއަދުގެ ވަގުތެއްގައި ސިޓީއަށް ޖަވާބުދެއްވާފައިވާކަމަށް ތަސްލީމް ހާމަކުރެއްވިއެވެ.

ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުކަމުގައިވާ ވޯޓުލުމުގެ ޙައްޤާއި، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާވެސް ސީދާ ގޮތުން ގުޅިފައިވާ މައްސަލައަކަށްވާއިރުއާއި، އެފަދަ ކަންކަމާ ގުޅިގެން ޝަކުވާތަކާއި މައްސަލަތައްވެސް ހުށައެޅުމަށާއި، ހުށައެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ނިންމުމަށްވެސް ޤާނޫނުގައި އިންތިހާއަށް ކުރު މުހުލަތުތަކެއް ކަނޑައަޅާފައިވާއިރު، އެފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ ހިނދު ދުވަސްތަކަކަށް ފަހުގައިވެސް އެއްވެސް ޙައްލެއްނެތި "ސުމަކުން" ފަށަންޖެހޭ ފަދަ ގޮތަކަށް ޝަރުޢީ ކޯޓުތަކުގެ ނިންމެވުންތައް އައުމަކީ ޢަދުލު އިންސާފު ޤާއިމުވެގެން ދިއުމާދުރު ކަމެއްކަމަށް ފާހަގަކުރެއްވުމާއެކު، ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެން ކަށަވަރުކޮށްދެވިފައިވާ އަސާސީ ޙައްޤުތަކެއް ހޯދުމުގެ ބޭނުމުގައި އެޤާނޫނުއަސާސީން ހަމަ އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ ޢަދުލު އިންޞާފު ލިބުމުގެ ޙައްޤަށް އެދެވޭހިނދު އެހައްޤުންވެސް ރައްޔިތުން މަޙްރޫމްވެގެންދާ ނަމަ، ޢަދުލު އިންޞާފަކީ ލިބެންނެތް އެއްޗެއްކަމުގައި ޤަބޫލުކުރަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ދުވަސްވީ ޘަޤާފަތަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަން ސިޓީގައި ފާހަގަކުރަށްވައި އެދިލައްވާފައިވާނީ، ޢަދުލު އިންޞާފު ކަށަވަރުވެގެންދާކަން ކަށަވަރުހިއްޕަވައިދެއްވުން ކަމަށްވެސް، ރައްޔިތުންގެ މަޖްލީހަށް މައްސަލަ ހުށައެޅުއްވި ތަސްލީމް އިތުރަށް މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރެވޭނީ، 06 މާރިޗް 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ޤާނޫނޫއަސާސީއާ ޚިލާފުކަމަށް ކަނޑައަޅުއްވައިދެއްވުން އެދި 16 ނޮވެމްބަރު 2020 ވަނަ ދުވަހުގައި އެންމެ ފުރަތަމަ ސްޕްރީމް ކޯޓަށް ހުށައެޅި އެމައްސަލަ ސްޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި އެކޯޓަށް ބަލައިގަނެވެން ނެތްކަމަށް ސްޕްރީމް ކޯޓުގެ "ރެޖިސްޓްރާރގެ ނިންމުން" އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހު ނިންމެވުމާއެކު އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅި، ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަވައި މައްސަލަައަށް ޖަވާބުދާރީވުންވެސް ނިމުމަށްފަހުގައި، މައްސަލަ ހުށައެޅުނުތާ ތިން މަސްދުވަސް ވާންދަނިކޮށް އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވައި މިމަހުގެ 11 ވަނަދުވަހު އެކޯޓުން މައްސަލަ ބޭރުކޮށްފައި ވެއެވެ.

ހައިކޯޓުން ދުވަސްތަކަކަށްފަހު އެމައްސަލަ ބޭރުކޮށްލެއްވުމާއެކު އަލުން އެމައްސަލަ ސްޕްރީމް ކޯޓަށް އިއްޔެގެ ވަގުތެއްގައި ހުށައެޅިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *