ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. އޮމަދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
އދ. އޮމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާއި އެއްގޮތަށް އެހިދުމަތްދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށްކަމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުންގެ އައު ގާނޫނު އެކުލަވާލުމުގެ ކުރިންވެސް 2019 ވަނަ އަހަރު އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ހަ ޕްރައޯރިޓީގެ ތެރޭގައި " ލޯކަލް ޕޮލިސިން" ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އޮމަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު، އދ. މަހިބަދޫން ފުލުހުން މިރަށަށް އައިސް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުން އައި އައުމަށް ނިމުން އައިސް، ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅިވިއެވެ.
ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސިންގ ނުވަތަ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރައްޔިތުންނާއި ފުލުހުންގެ ގުޅުމުގެ ތެރެއިން މުޖުތަމައުގައި ހިނގާ ކުށާއި އެކުށުން އުފެދޭ ބިރުވެރިކަމުގެ އިހްސާސް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުން ކުށަށްބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ފުލުހުންގެ ހިދުމަތްތައް ދެމުން ގެންދިއުން އެއީ މިއަދު ވަރަށް އިސްކަންދޭ ކަމެއްކަން ފާހަަގަކުރެއްވިއެވެ.