ފުލުހުންގެ ތާރީޚުގައި ފުރަތަމަ އަންހެން ސްޕްރިންޓެންޑެންޓުން އައްޔަންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުނު އުފާވެރި މުނާޞަބާއާއި ބައްދަލުވެގެން ދިޔައިރު، މިއަހަރަކީ ފުލުހުންގެ ޚިދުމަތުގައި ދެމިތިބި އަންހެން އޮފިސަރުންނަށް ވަރަށް ޚާއްސަ އަހަރެއްގެ ގޮތުގައި މިވަނީ ވެފައެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިލެއްވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކޮށްފައިވާއިރު މިމުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާއި ގުޅިގެން ކުށްމަދުކުރުމަށް ރާވާ ހިންގާފައިވާ ޕްރޮގްރާމްތަކެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭންޕް ފާހަގަކުރެވެއެވެ.
މަތީ ތަޢުލީމަށް ބަލާއިރު ފާތިމަތު ނަޝްވާ ފަސްޓް ޑިގްރީ ހާޞިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެކެވެ. އަދި އޭނާ ގެންދަވަނީ ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަންގަވައިދެއްވަމުންނެވެ. ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯރޑްސް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަރޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓަރ އިން ހޮވި ސީއެސްއާރު ލީޑަރޝިޕް އެވޯރޑްވެސް ހާޞިލުކޮށްފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯރޑް އެވަރޑްވެސް ލިބިލައްވާފައިވެއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު
މަގާމު ލިބިލެއްވިއިރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޜަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޜަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަންގެ މަޤާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި ވިކްޓިމް ސަޕޯޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސައިން ލެންގުއޭޖް ކޯހެއް ފުރިހަމަކުރައްވާ އެބަހުން މުޢާމަލާތްކުރަންވެސް ދަސްކޮށްފައިވެއެވެ. މާސްޓަރސް ލެވެލްއަށް ތަޢުލީމު ހާޞިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯރ ޕޮލިސްއިން ހިންގާ ސީނިއަރ އޮފިސަރސް ބޭސިކް ކޯސްފުރިހަމަކޮށްފައިވެއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާ
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަގާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ. މާސްޓާރސް ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވާއިރު އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ ކެރޭ އޮފިސަރެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި، ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަންވެސް ފާހަގަކުރެވިފައިވެއެވެ. ކްލެރިކަލް އޮފިސަރެއްގެ މަޤާމުން ފެށި މިވަޒީފާގައި އޭނާވަނީ ތަފާތު އެކި ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއްކޮށްފައެވެ. ޚިދުމަތުގެ އެންމެ ދިގު މުއްދަތެއްގައި އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކޮށްފައިވާއިރު ޔުނިޓް ލެވެލްގައާއި ޑިޕާރޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދަވާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ނެޓްވޯރކްގެ ރައީސްގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވާފައިވާ އޮފިސަރަކީވެސް އަޒުމާކަން ފާހަގަކުރެވެއެވެ. ސްޕޯޓްސް ދާއިރާއަށް ޚާއްސަ ޝައުޤުވެރިކަމަށް ބަހައްޓަވާއިރު، ބާސްކެޓުން ރަން ވަނަތައް ހާޞިލުކޮށްފައިވެއެވެ.