Ad

މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއް ފެނިފައިނުވާތީ ޝަޒާއިލްގެ މައްސަލަ ނިންމާލައިފި

މުސާރައާއި އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ޝަޒާއިލް ސަސްޕެންޑްކޮށްފައި ހުންނަތާ 17 މަސް ދުވަސް ވަނީ ވެފ

މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއް ފެނިފައިނުވާތީ ޝަޒާއިލްގެ މައްސަލަ ފުލުހުން ނިންމާލައިފިއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނަވަނިކޮށް ކޮރަޕްޝަންގެ ތުހުމަތުގައި ޝަޒާއިލް ސަސްޕެންޑްކޮށްފައިވަނީ  2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި މައްސަލަ ބަލަން ފެށީ ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ރައީސް އޮފީހުން އޭސީސީއަށް ފޮނުވި އެވެ. މި މައްސަލަ ތަހުޤީޤު ކުރުމަށްފަގު އޭސީސީން ނިންމާފައިވަނީ މިކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައި ނުވާކަމަށެވެ. ނަމަވެސް އޭސީސީގެ ތަހުޤީޤުގައި މަނީ ލޯންޑަރިންގެ ތުހުމަތު ފާހަގަ ކުރެވިފައިވާތީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެ މައްސަލަ އޭސީސީން ފުލުހަށް ހުށަހެޅި އެވެ.

ފުލުހުންގެ ތަހުޤީޤުތަކުން މަނީލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ އެއްވެސް އަމަލެއް ފެނިފައިނުވާތީ އެ މައްސަލަ ނިންމާލާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންކަމުން ޝަޒައިލް ޝިޔާމްގެ ކޮރަޕްޝަންގެ އެއްވެސް ކަމެއް "ތުހުމަތު" ކުރެވޭ މިންވަރަށް ނެތް ކަމަށް ކަމާބެހޭ މުވައްސަސާތަކުން މިވަނީ ނިންމާފައެވެ.

މުސާރައާއި އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ޝަޒާއިލް ސަސްޕެންޑްކޮށްފައި ހުންނަތާ 17 މަސް ދުވަސް ވަނީ ވެފައެވެ.

ޝަޒައިލް އަކީ ޓެކްނޮލޮޖީ މެނޭޖްމެންޓް ދާއިރާ (އިންޑަސްޓިރިއަލް މެނޭޖްމަންޓް) އިން މެލޭޝިޔާ އިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ 16 އަހަރު ކުރިން ފެށިގެން ޝަޒާއިލް ގެންދަވަނީ ދައުލަތުގެ އެކި މަގާމްތައް ފުރުއްވަމުންނެވެ.

މި ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކާއި، ވުޒާރާތަކުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން ދަނީ ތަހުޤީޤު ކުރަމުންނެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ 84 މައްސަލައްއެއް އޭސީސީން މިހާރުވެސް ގެންދަނީ ބަލަމުންނެވެ. ނަމަވެސް ޝަޒާއިލް ފިޔަވާ މިއިން އެއްވެސް ކުންފުންޏެއްގެ ނުވަތަ މުވައްސަސާއެއްގެ ވެރިޔަކު ޒީރޯ ޓޮލަރެންގެ ދަށުން ސަސްޕެންޑްކޮށްގެން މައްސަލަ ތަހުޤީޤު ކޮށްފައެއް ނުވެއެވެ. މިއީ އިންސާފު ނޫން ކަމަށްބުނެ ގިޔަބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *