Ad
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ކަނޑޫދޫގެ ގިނަ ރައްޔިތުންތަކެއް އެޗްއާރުސީއެމްއަށް ޝަކުވާ ހުށައަޅައި، އީސީ ގޮވައިގެން ހައިކޯޓަށް!

ލޯކަލްކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރުމުގައި އެކޮމިޝަންވެސް ނުކުޅެދިގެން ދިމާވި ކަމަކަށް ބިނާކޮށް، އެކޮމިޝަނުން ނިންމި ނިންމުމެއްގެ ސަބަބުން ކަނޑޫދޫ ރައްޔިތުންގެ އިންސާނީ އަސާސީ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާތީވެ ހިއުމަންރައިޓްސް ކޮމިޝަނަށް މައްސަލަ ހުށައެޅުމުގެ އިތުރަށް އިލެކްޝަންސް ކޮމިޝަނާދެކޮޅަށް އެރަށު ރައްޔިތުންގެ ގިނަ ބަޔަކު ހައިކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ވޯޓުލާ އާބާދީގައި 400 ވަރަކަށް މީހުން ހިމެނޭ ކަނޑޫދޫ ރައްޔިތުންގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައާ ބެހޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން، އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމުގައިވާ ތ. ކަނޑޫދޫ ކައުންސިލުގައި އިންތިޚާބީ މެމްބަރެއްގެ ގޮތުގައި އެންމެ ދުވަސްވީ، ތިންވަނަ ދައުރަކަށް މިހިނދުވެސް ކުރިމަތިލައްވާފައިވާ ކައުންސިލް މެމްބަރު މުޙައްމަދު އާދަމް (ކުޑޭ) ވިދާޅުވިގޮތުގައި، ކަނޑޫދޫ ރައްޔިތުންގެ ތެރެއިން ރަށުގައި މިހިނދު ދިރިއުޅޭ 100 ވަރަކަށް މީހުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާކޮށް ހައިކޯޓަށް މައްސަލަ ހުށައަޅައި، ޝަކުވާކޮށް އެޗްއާރސީއެމް އަށް ޕެޓިޝަނެއްވެސް ހުށައަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

"ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ކައުންސިލް ރައީސްގެ މަޤާމަށް މީހަކު އިންތިޚާބުވީ ކަމަށް މިހާރު ކަނޑައަޅުއްވާފަ މިވަނީ އިލެކްޝަން ކޮމިޝަންގެ މެމްބަރުން ވެގެން. ކަނޑޫދޭގެ އެއްވެސް ރައްޔިތެއްގެ ބަހެއްނެތި، އަސާސީ އިންސާނީ ޙައްޤެއްކަމުގައިވާ ވޯޓަލުމުގެ ޙައްޤުން އެރައްޔިތުން މަޙްރޫމްވެސް ކޮށްފަ މިވަނީ. އަހަރު ދުވަސް ވެގެން ދިޔައިރު 2 ކެނޑިޑޭޓަކު ވާދަކުރާކަމަށް އިޢުލާނުކޮށްފަ އޮވެފަ، ވޯޓަށް ދެދުވަހަކަށް ވީމަ މިބުނަނީ ކުރިން އެއީ އޮޅިގެނޭ. ފަހުން އެނގުނީއޭ. ޝަރުޠު ހަމަވަނީ އެންމެ މީހެއްގެއޭ. މިހެން ބުނެ ތިންހަތަރު ފަހަރަށް ސްޕްރީމް ކޯޓުގައި އެދިގެން ތަޙްޤީޤުހިންގައިގެން ކެނޑިޑެންސީއެއް ބާޠިލުކުރުމަށްފަހު އިޢުލާނު މިކޮށްލަނީ އަނެއް ކެނޑިޑޭޓް ހޮވިއްޖެކަމަށް! އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ބަންދުވާ ފަހުން ވޯޓަށް ދެދުވަހަށްވެފައި ވަނިކޮށް މިހެން ހެއްދެވީމަ އެތަކެއް ސަތޭކަ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ގެއްލިއްޖެ. ޝަރުޠު ފުރިހަމަވާ މީހަކު އިންތިޚާބުގަ ބައިވެރިކުރުމުގެ ޙައްޤުވެސް ރައްޔިތުންނަށް ގެއްލިއްޖެ" 

ކަނޑޫދޫގެ ގިނަ ރައްޔިތުންތަކެއް އެެޗް.އާރ.ސީ.އެމް އަަށާއި އަދި ހައިކޯޓަށް ހުށައެޅި މައްސަލައާބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު މުޙައްމަދު އާދަމް ވިދާޅުވިއެވެ.

އިންތިޚާބީ އެއްވެސް މަޤާމަކަށް މީހަކު އިންތިޚާބުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބޭ ބާރެއް ނޫންކަމާއި، އިންތިޚާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބޭ ބާރަކީ، މިނިވަން އިންސާވެރި އަދި ވޯޓުލުމުގެ ހައްޤު ރައްޔިތުންނަށް ފުރިހަމައަށް އަދާކުރެވޭކަން ކަށަވަރުކުރެވިގެންވާ އިންތިޚާބެއްގައި ދިމިޤްރާތީ ހަމަތަކުން ރައްޔިތުން އިޚްތިޔާރުކުރާ ފަރާތެއް އެމަޤާމަށް އިންތިޚާބުވެއްޖެކަމަށް ކަނޑައެޅުންކަމަށްވެސް، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލު މެމްބަރެއްގެ ގޮތުގައި އަހަރުތަކެއް ހޭދަކުރަށްވަމުން ގެންދަވާ މުޙައްމަދު އާދަމް އިތުރަށް ވިދާޅުވިއެވެ.

ކަނޑޫދޫ ރައްޔިތުންގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ، ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ކެނޑިޑޭޓް ޙަސަން މޫސާގެ ކެނޑިޑޭންސީ އިލެކްޝަންސް ކޮމިޝަނުން އެދިގެން ސްޕްރީމް ކޯޓުން ބާޠިލުކުރުމުން، ދެންވާދަކުރި ކެނޑިޑޭޓް އިންތިޚާބަކާ އަދި ވޯޓަކާވެސް ނުލައި އިންތިޚާބުވީކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމި ނިންމުމެއްކަމަށްވާތީވެ އެނިންމުން ބާޠިލުކޮށްދެއްވައި، ކަނޑޫދޫ ރައްޔިތުންނަށް ޤާނޫނުއަސާސީން އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ކަށަވަރުވެގެންދިއުމުގެ ބޭނުމުގައާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައިވެސް ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ ސީދާ ވޯޓަކުން ދިމިޤްރާތީ ހަމަތަކުން އިންތިޚާބުކުރުމުގެ އުޞޫލު ނެގެހެއްޓުމުގެވެސް ބޭނުމުގައި، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ފުރުޞަތެއް އަލުން ހުޅުވާލުމަށް، ނުވަތަ ހޮވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިހިނދު ނިންމާފައިވާ ކެނޑިޑޭޓާމެދު ކަނޑޫދޫ ރައްޔިތުންގެ ފެންނަ ނުފެއްނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް ފަސްކޮށްފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބު 2020 މާދަމާ ބޭއްވުމުގެ އެންމެފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން ވެނިންމާފައިވާއިރު، އިންތިޚާބުގައި ވާދަކުރި 200 އެއްހައި ކެނޑިޑޭޓުން ނަންއަނބުރާ ނަގާފައިވާއިރު، ކުރިން ވާދަކުރި ކެނޑިޑޭޓުން ނަންއަނބުރާ ނެގުމުގެ ސަބަބުން 14 ކެނޑިޑޭޓަކު ވޯޓަކާއި ނުލައި އިންތިޚާބުވެފައިވާކަންވެސް ފާހަގަކޮށްލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *