Ad
މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ޤާނޫނީ މަސްއޫލިއްޔަތު ޙަލާވުކުރެވިފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) 
މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ޤާނޫނީ މަސްއޫލިއްޔަތު ޙަލާވުކުރެވިފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) 

މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ޒުވާނުން ރީހެބްކުރުމަށް ސަލަފް ޖަމިއްޔާއިން ޝަޢުޤުވެރިކަން ފާޅުކޮށްފި

"އެޗްޕީއޭ އިން ކޮންމެދުވަހަކު ކޮވިޑް "ފައްސި ނައްސި" އިއުލާނުކުރާ ބީދައިން އެންޑީއޭއިން ޑްރަގް "ފައްސި ނައްސި" އިއުލާނުނުކުރި ނަމަވެސް މަސްތުވާތަކެތީގެ ވަބާގެ "ކޮމިޔުނިޓީ ސްޕްރެޑް" އެއް މުޅި ރާއްޖޭގައި އޮތްކަން ކަށަވަރެއް ނޫންހެއްޔެވެ!"

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން ރީހެބްކޮށް އަނބުރާ މުޖުތަމަޢު އަށް ނެރުމުގެ މަސައްކަތް ކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލުމާ ގުޅިގެން އެ ބުރަ މަސްއޫލިއްޔަތު އުފުލުމުގެ ޝަޢުޤުވެރިކަން ޖަމްޢިއްޔަތުއް ސަލަފް އިން ފާޅުކޮށްފިއެވެ.

ރާއްޖޭގެ މަޤްބޫލު ދީނީ ޢިލްމުވެރިން ނިޞްބަތްވެވަޑައިގަންނަވާ މަދަނީ ޖަމިއްޔާއެއްކަމުގައިވާ ޖަމްޢިއްޔަތުއް ސަލަފް އިން މިކަން ހާމަކޮށްފައި މިވަނީ އެ ޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މަސްތުވާ އެއްޗެހީގެ ޝިކާރައަކަށްވާ ޒުވާނުން ރީހެބްކޮށް، އަނބުރާ މުޖްތަމަޢުގައި ބޭނުން ހިފޭ ،ފައިދާހުރި މުވާޠިނުންނަށް ހެދުމުގެ ބުރަމަސައްކަތް ހިންގުމުގެ ޝައުޤުވެރިކަން #ޖަމްޢިއްޔަތުއްސަލަފް އިން ފާޅުކުރަމެވެ. އޯގާވަންތަ މާތް ﷲގެ ޙަޟްރަތުން ވާގިއެދޭ ޙާލު، ފަށަމެވެ."

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ފަރުވާދޭ މަރުކަޒު ގާއިމްކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށް ސަރުކާރުން ނިންމަވައި އެކަން އިޢުލާނުކުރި ޚަބަރު ޙިއްސާކުރަށްވަމުން ޝައިޚް ޢަބްދުﷲ ކުރެއްވި މިޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޕެޑްލްކުރުމާއި، ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި އެމީހުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނުގެ ގޮތުގައި މީގެ ނުވަ އަހަރަށްވުރެ ގިނަ ދުވަސްކުރިން 31 ޑިސެމްބަރު 2011 ގައި ޢަމަލުކުރެވެން ފެށުނު "މަސްތުވާތަކެއްޗާބެހޭ ޤާނޫނު" ގައި، އިންތިހާއަށް މަތިވެރި މައިގަނޑު 8  މަޤްޞަދެއް ކަނޑައެޅި ބަޔާންވެގެން ވީނަމަވެސް އެމަޤްޞަދުތައް ޙާޞިލުކުރުމަށް މުޅި ދައުލަތް މިދަނީ ދުވަހެއް ދުވަހަކަށް "ފެއިލް" ވަމުން ކަމީ ގިނަ ބައަކު އެކަމާމެދު ސުވާލެއްވެސް ނުއުފައްދާނެ ހަގީގަތެއް ކަމާމެދު ދެބަސްވެވެވެން ނެތްމެއެވެ.

ނުހަނު މަތިވެރި މަޤްޞަދުތަކެއް ހިމެނިގެން އިންތިހާއަށް ބާރުތަކެއް ދެވިގެން އަދިހަމަ ވަރުވަރުގެ ގުނަވަންތައްވެސް އެޤާނޫނެއްގެ ދަށުން އުފަންކުރެވިގެން ޤާނޫނު އެކުލަވާލެނުވުތާ 10 އަހަރު ފާއިތުވާން ދާއިރުވެސް އެ ޤާނޫނުގެ މަޤްޞަދުތައް މަފްސަދާއަށް ވެ، ބާރުތައް ކޮރަޕްޝަނަށްވެ ގުނަވަންތައް ވާގިނެތިފައިވާ މަންޒަރު މެނުވީ ނުފެންނަ ކަހަލައެވެ.

މަސްވާތަކެއްޗަށް އަޅުދާސްތުވެ އެތަކެތީގެ ޝިކާރައަކަށްވެފައިވާ ހުނަރުވެރި ޤާބިލު އެތަކެއް ޒުވާނުންނަށް ކެތްނުވެގެން މަދަނީ ޖަމިއްޔާތައް ހަދައި ދައުލަތުގެ މުއައްސަސާތަކަށް ޕެޓިޝަން ހުށައަޅައި އެކަށޭނަ ފަރުވާއަށް ސަލާމްޖަހަން ޖެހިފައިވާއިރު، 10 ރެއާއި 10 ދުވާ ވަންދެން ފުލުހުން ކަނޑުމަތީގައި އެތަކެއް ސަތޭކަ މެއިލް ދުރަށް ދުއްވައިގެން ހިންގާ އޮޕަރޭޝަންތަކުން އަތުލައިގަންނަ "ގޯނި ގޯނި" އަށް ޒިންމާވާން ޖެހޭ ފަރާތްތަކާ ހަމައަށް ޤާނޫނުގެ ދިގުއަތް ފޯރުވޭލެކަ ބާރަށް "ކޮރަޕްޝަންގެ ބަދަވި އަތް" ދިއްކޮށް ސަޕްލައި ޗެއިންއަށް ކުޑަވެސް ބުރުލެއްވެސް ނާރާނެފަދަ ގޮތަކަށް ޖެހިގެން އޮތް "ޝިޕްމަންޓް" ގެންނަންވާއިރަށް "ވިޔަފާރިވެރިން" މިނިވަންވެގެން އެދަނީ އެތަކެތީގެ "ޖީއެސްޓީ" ކޮންމެވެސް ބަޔަކަށް ލިބޭތީއޭ ހަމަ ނުބުނަންވީ ހެއްޔެވެ!

މަސްތުވާތެކެތީގެ ވިޔަފާރިވެރިންނާއި އެވަބާގައި ޖެހިފައިވާ ފަރާތްތަކުގެ އަތުން "މަސްއޫލުވެރިން" ނަގާ "ކަޅު" ފައިސާ، އަޅުދާސްތުވެފައިވާ ކޮންމެވެސް ޒުވާނަކު "ސިކުފިލުވާން" މަޖުބޫރުވެގެން ޖެހިގެން އަންނަ ރޭ ވަގަށްވަގަށް ނަގާ ހިސާބަށް ޤައުމު ދާއިރުމެ "ކަޓާއި "ސަޔެއް" ނެގުމުގައި ދެމިތިބުމަކުން ތިޔަ ފައިސާއިން ކުރާނެ ދުނިޔެވޭ މަންފާއެއްވެސް ނޯންނާނެ ހިނދު، ޤައުމަށް މުޖުތަމަޢު އަށް ނުވަތަ ޚުދު ތިމާއަށްވެސް ރައްކާތެރިކަމެއް ނެތްކަން ޤަބޫލުކޮށް، ދައުލަތެއް ނުވަތަ ސާރުކާރެއް، ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއް އަދިހަމަ ޢާއިލާއެއް ނުވަތަ ފަރުދެއްވެސް އިސްތިސްނާވުމެއްނެތި އިޚްލާސްތެރިކަމާއެކުކުރާ ޒިންމާދާރު މަސައްކަތެއް މެނުވީ މިވަބާގެ "ވެކްސިނެއް" ނެތެވެ.

އެޗްޕީއޭ އިން ކޮންމެދުވަހަކު ކޮވިޑް "ފައްސި ނައްސި" އިއުލާނުކުރާ ބީދައިން އެންޑީއޭއިން ޑްރަގް "ފައްސި ނައްސި" އިއުލާނުނުކުރި ނަމަވެސް މަސްތުވާތަކެތީގެ ވަބާގެ "ކޮމިޔުނިޓީ ސްޕްރެޑް" އެއް މުޅި ރާއްޖޭގައި އޮތްކަން ކަށަވަރެއް ނޫންހެއްޔެވެ!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *