Ad
ލޯކަލްކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ އިރުކޮޅެއްކުރިން ކޮމިޝަން މެމްބަރުން-: ފޮޓޯ: ޖަޒީރާ 
ލޯކަލްކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ އިރުކޮޅެއްކުރިން ކޮމިޝަން މެމްބަރުން-: ފޮޓޯ: ޖަޒީރާ 

ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ސާބިތު ދަރަނި އޮތް މީހަކު ކައުންސިލަރުކަމަށް ހޮވިއްޖެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓެއްގެ ސާބިތު ދަރަނީގެ ގޮތުގައި އަދިވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާ ނުދައްކައި އޮތްނަމަވެސް އެކެނޑިޑޭޓަށް އިންތިޚާބުގައި ވާދަކުރެވި މަޤާމަށް ހޮވިއްޖެއެވެ.

ފ. ނިލަންދޫ ރަށުކަައުންސިލަށް އަމިއްލަގޮތުން ވާދަކޮށް 340 ވޯޓާއެކު ދެވަނަ އަށް އެންމެގިނަ ވޯޓު ލިބިގެން ކައުންސިލަރުކަމަށް ހޮވިފައިވާ ކެނޑިޑޭޓް ނަމްބަރު 21، އެރަށު ސާދީވިލާ އަޙްމަދު ސިޔާމަކީ މެޖިސްޓްރޭޓް ކޯޓަކުން 2007 ވަނައަހަރު ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސާބިތު ޚަރަދުގެ ގޮތުގައި 118000 ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ކޯޓަށް ދައްކަންޖެހި މިއަދާއި ހަމައަށްވެސް ނުދައްކައިވާ ފަރާތެއްކަން ތަފާތު ގިނަ މުޢުތަބަރު މަޞްދަރުތަކުން މިނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އަޙްމަދު ސިޔާމް ސާބިތު ޚަރަދުގެ ގޮތުގައި ދައްކަން ޖެހޭ މިފައިސާގެ އިތުރުން އެހެން ދެފަރާތަކަށް ދައްކަންޖެހޭ ސާބިތު ދަރަނީގެ ފައިސާގެ ތެރެއިންވެސް 6000 އަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުދައްކައި ވާއިރު، ކޯޓަށް ޙާޟިރުނުވުމުގެ ސަބަބުން ތަފާތު އެތަކެއް ފަހަރުގެ މަތިން ކޮށްފައިވާ ޖުރުމަނާ ފައިސާތަކެއްވެސް ނުދައްކައި ވާކަންވެސް ބުނެވިދިޔަ މަޞްދަރުތަކުން މިނޫހަށް ކަށަވަރުކޮށްދީފައި ވެއެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ބުނާގޮތުން އެއިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި؛ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހެއެވެ.

"މި ޙާލަތުގައި އީސީއަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. ކޯޓަށް ހުށައަޅަންޖެހޭނީ. އިންތިޚާބުގެ ކުރިންނަމަ އިލެކްޝަނުން ބަލާނެ"

ނިލަންދޫ ކައުންސިލްގެ މެމްބަރުކަމަށް ހޮވުނު ސިޔާމާ ބެހޭގޮތުން މިނޫހަށް މައުލޫމާތު ލިބުމާ ގުޅިގެން އެކެނޑިޑޭޓުގެ މައްސަލާގައި އިލެކްޝަންސްގެ ކޮމެންޓަކީ ނުވަތަ އިލެކްޝަންސް އިން ޢަމަލުކުރަށްވާނެ ގޮތަކީ ކޮބައިކަން ސާފުކުރުމަށް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފާ ސުވާލުކުރުމުން ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައި ޝަރުޠު ފުރިހަމަވާ ފަރާތެއްކަމަށް ކަނޑައަޅައި ކެނޑިޑެންސީ ބަލައިގަންނަ ފަހުން، މަޤާމަށް ހޮވުމަށް ފަހުގައިވެސް، ޝަރުޠު ފުރިހަމަނުވާ ފަރާތެއްކަމުގެ މައުލޫމާތު އެކޮމިޝަނަށް ލިބިއްޖެނަމަ ކޮމިޝަންގެ ފަރާތުން މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތަކީ ސްޕްރީމް ކޯޓަށް ދިއުންކަންވެސް ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބާ ގުޅިގެންވެސް، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ކެނޑިޑޭޓާ ވާދަކުރި އިދިކޮޅު ކެނޑިޑޭޓެއްގެ ކެނޑިޑެންސީއާ މެދު އުފެދުނު ޚިލާފުތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ކެނޑިޑެންސީ ބާޠިލުކުރުމުގެ އިތުރުން ކޮމިޝަންގެ ފަރާތުންވެސް އެމައްސަލާގައި ދެފަހަރަށް ސްޕްރީމް ކޯޓަށް ގޮސްގެން ކެނޑިޑެންސީ ބާޠިލުކުރުމުން އެމްޑީޕީގެ ކެނޑިޑޭޓް "އޮޓަމެޓިކުން" ރައީސްކަމުގެ މަޤާމަށް ހޮވިފައިވެއެވެ.

އަދިހަމަ. 2011 ވަނަ އަހަރު ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް ހޮވުނު އެރަށު އެއްގަމިގެ ޙަސަން ސަޢީދުގެ ސާބިތު ދަރަނީގެ މައްސަލައެއް އިންތިޚާބަށް ފަހުގައި ފެންމަތިވުމުންވެސް އޭނާގެ މެމްބަރުކަން ބާޠިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓަށް ހުށައަޅައިގެން އޭނާގެ މެމްބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ވޭމެއެވެ.

އިންތިޚާބުތަކުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ނުވަތަ ދަރަންޏެއްގެ ސަބަބުން އިންތިޚާބުގައި ކުރިމަތިލުމަށް ޤާނޫނުގައި ބުނާ ޝަރުޠު ހަމަވާ ނުވަތަ ނުވާ މީހެއްތޯ ކަށަވަރުކޮށްދެއްވުން އެދި ކެނޑިޑޭޓުގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ހުށައަޅާ ޤާނޫނީ ފޯމާ ގުޅިގެން ރަސްމީ ޖަވާބުގެ ގޮތުގައި ދޫކުރާ ކުށާއި ދަރަނީގެ ރެކޯޑުގައި، އެފަދަ އެއްވެސް ހުރަހެއް ނެތްކަމަށް ބަޔާންކުރުމަށްފަހުގައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ބަންދުވާ ފަހުން ނުވަތަ އިންތިޚާބަށް ހޮވުމަށްފަހުގައި، ކުރިން ދޫކުރެވުނު ރެކޯޑަކީ "އޮޅުމަކުން" ދޫކުރެވުނު ރެކޯޑެއްކަމަށްބުނެ ކެނޑިޑެންސީ ނުވަތަ މެންބަރުކަން ބާޠިލުކުރެވޭނަމަ އެކަން ވެގެންދާނީ، އިންތިޚާބުގައި ވާދަކުރުމަށްއެދި ހުށައަޅާތާ 48 ގަޑިއިރަށް ފަހުގައި ކެނޑިޑެންސީއާ މެދު ގޮތެއް ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަނުގެ ކިބައިން ޤާނޫނީ ގޮތުން ނަފީކުރުމުގެ ބޭނުންކަމުގައިވާ، ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަށް ދުސްތޫރީ ގޮތުން މަތިކޮށްފައިވާ ޒިންމާއަށް ހުރަސްއަޅާނެ ދޮރެއް ހުޅުވިގެން ނުދިއުމުގެ މަޤްޞަދު،  ނެތިކޮށްލާނެ ކަމަކަށެވެ.

މިފަދަ ޙާލަތްތަކާ ގުޅިގެން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި ޚުދު އިލެކްޝަންސް ކޮމިޝަނުގެ ނިންމެވުންތައްވެސް ވެގެންދާންޖެހޭނީ އެމަޤްޞަދު ނަފީވެގެންނުދާނެ ފަދަ ގޮތަކަށް ކަމީ، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން މުޅި ދައުލަތާއި މަތިކޮށްފައިވާ ދުސްތޫރީ ވާޖިބާއި އަދި 69 ވަނަ މާއްދާއިން އެންމެހައި ފަރާތްތަކާއި މަތިކޮށްފައިވާ ކޮންސްޓިޓިއުޝަނަލް އޮބްލިގޭޝަނުގެވެސް ބޭނުންކަން ހަނދާނުން ކައްސާލުމަށް ފުރުޞަތެއް ދެވިއްޖެނަމަ، ޤާނޫނާ އެއްގޮތްކުރުން ވެގެންދާނީ "އަމާބުނީތީ ފަރައްދިއުމަށް" އެވެ.

ޢާންމު ޤާނޫނެއްގެ މާއްދާއެއްގެ އަކުރެއްގެ "ދެލިގަނޑު" ގެ ޙިމާޔަތުގެ ނަމުގައި، ދުސްތޫރުން ކަށަވަރުކޮށްދީފައިވާ އެތަކެއް އަސާސީ ޙައްޤުތަކެއް އެތަކެއް ރައްޔިތުންނެއްގެ ކިބައިން މަޙްރޫމްވެގެންގޮސް، ދުސްތޫރީ އެތަކެއް ކަށަވަރުކުރުންތަކެއް ނެތިކޮށްލެވި، އުޞޫލުތަކެއް ކަފުންކުރުމަކަށް ވެގެންދާނެ ނިންމެވުންތަކަކީ، ޤާނޫނާ އެއްގޮތް ނިންމެވުމަކަށް ނުވަތަ ޢަދަލު އިންޞާފުޤާއިމުކުރެވުމަށް ވާނެހެއްޔެވެ!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *