Ad

ބޮޑު އޮޅުމެއް، ބޮޑު އިހްމާލެއް!

ދެ ބްރޭންޑެއްގެ ދެ ވެކްސިން ދިވެއްސެއްގެ ގަޔަށް ޖެހުމުން ފާޑުކިއުން

ފުރަތަމަ އެވާހަކަ ދައުރުވާން ފެށީ ސޯޝަލް މީޑިޔާގައެވެ. އަބްދުލްމަތީން މޫސާގެ ގަޔަށް ދެ ބްރޭންޑެއްގެ ދެ ވެކްސިން ޖެހި ވާހަކައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވެކްސިން ކާޑުގައިވާ މައުލޫމާތަށް ބަލާއިރު، ފުރަތަމަ ޑޯޒްގެ ގޮތުގައި ޗައިނާގެ ސިނަފޯމް ވެކްސިން ޖެހުމަށް ފަހު، ދެވަނަ ޑޯޒްގެ ގޮތުގައި އޭނާގެ ގަޔަށް ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. މިއީ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑް ނޫން އެހެން، ބްރޭންޑެއްގެ ވެކްސިންއެއް ރާއްޖޭގައި މީހެއްގެ ގަޔަށް ޖެހުނު ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިޔާގައި މިކަން އާންމުވުމާއެކު އެކަމުގެ އިންތިހާ ކަންބޮޑުވުން އާންމުން ފާޅުކުރަން ފެށުމުން، އެއީ ހަގީގަތެއްކަން ހެލްތު ޕްރޮޓެކްޝަން އޮތީރިޓީން (އެޗްޕީއޭ) ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.ކޮވިޑުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޑް ވެކްސިންގެ ދެ ބްރޭންޑެއްގެ ވެކްސިން ދިވެއްސެއްގެ ގަޔަށް ޖެހުނީ "އޮޅުމަކުން"ނެވެ.

މީގެ ކުރިން ރާއްޖޭގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ ދިވެހިންނަށް ވެކްސިން ޖަހާއިރު، ޖަހާނީ އެއް ބްރޭންޑްގެ ދެ ޑޯޒް ވެކްސިން ކަމަށެވެ.

ދެ ބްރޭންޑެއްގެ ވެކްސިން ދެވުމުން، ސިއްޚީ އިދާރާއިން އެކަން ޑަބްލިއުއެޗްއޯގެ ސާމަލުކަމަށް ގެނައުމުގެ އިތުރުން އެމީހާގެ ހާލަތު ގާތުން މޮނިޓަކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

"އެކަން އެގޮތަށް ހިނގާފައިވާ ކަމަށާއި އަޅުގަނޑުމެން ދެން މަސައްކަތް ކުރާނީ އިތުރަށް އެފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކޮށްގެން ވަރަށް ބޮޑަށް ސަމާލުކަންދީގެން،" އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު މިއަދު ވިދާޅުވި އެވެ.

މިހާތަނަށް ހަދާފައިވާ ދިރާސާތަކާ ހަވާލާދީ އޭނާ ވިދާޅުވިގޮތުގައި، ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދީގެން ސީދާ ގެއްލުމެއް ލިބޭ ކަމަކަށް ނުދައްކަ އެވެ.

"މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާ، އެގޮތަށް ދެ ޑޯޒް ދެވުމުގެ ސަބަބުން ލިބިގެން ދާނެ ކަމަށް މިވަނީ އެނގިފައި. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ދިޔަ ކަމެއް މިއީ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.

މިއީ ކޮވިޑާއި ކޮވިޑްގެ ފަރުވާއާމެދު މާގިނަ މަޢުލޫމާތެއް ހޯދިފައި ނެތް ދަނޑިވަޅެއްގައި އެރި ވަރަށް ބޮޑު އޮޅުމެކެވެ. އަދި އެހާމެ ބޮޑު އިހްމާލެކެވެ. މިފަދަ އިހްމާލުތަކަކީ ތަކުރާރުވެގެން ނުވާނެ އަދި އެ އިހްމާލަކާމެދު ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އިހްމާލެއް ވެސް މެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *