Ad
ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) އިރުވަރު ނޫހަށް އިންޓަރވިއު ދެއްވަނީ
ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) އިރުވަރު ނޫހަށް އިންޓަރވިއު ދެއްވަނީ

މެންބަރުކަމަށް އަންނަން ޕީޕީއެމުން އަޅުގަނޑަށް ފަންސަވީސް ލާރިވެސް ޚަރަދު ނުކުރޭ: މޮސްޓާ

ސިޔާސީ ގޮތުން ނަމޫނާއަކަށް ނަގަންޏާ މި ރާއްޖޭގަ ނަގަން ހުންނާނީ ރައީސް ޔާމީން

ހދ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ސާބިތުކަމާއެކު ބަސް ވިދާޅުވާ މެންބަރެކެވެ. ވާހަކަ ދައްކަވަނީ ޖޯޝާއި މީހުން އަޑުއަހާ ހިއްވާ ގޮތަށެވެ. ޚާއްސަކޮށް މަޖިލީހުގެ ރިޔާސަތަށް އަމާޒުވާ ބަހުގެ ހަމަލާތައް ވަރަށް ހޫނެވެ. ތިރީގައި މި ހިމަނާލަނީ މުހައްމަދު ނަޝީދު (މޮސްޓާ) އޭނާގެ ޕާލިމެންޓްރީ ތަޖުރިބާ އާއި ސިޔާސީ ތަޖުރިބާގެ މައްޗަށް ބިނާކޮށް އިރުވަރަށް ދީފައިވާ އިންޓަވިއުއެކެވެ. އިންޓަވުގައި މޮސްޓާގެ ވަރަށް ޝައުގުވެރި ވާހަކަަތަކެއް އެބަހުއްޓެވެ. އޭނާއާމެދު ކުރެވޭ އެތައް ތުހުމަތެއްގެ ތަފްސީލު ޖަވާބު ވެސް ހިމެނެއެވެ. ކިޔާލާާށެވެ.

 

ރައްޔިތުންގެ މަޖިލީހަށް ވަނުމުގެ ވިސްނުން އައީ ކިހިނެއްތޯ؟

އަޅުގަނޑުގެ އާއިލާއަކީ ސިޔާސީ އާއިލާއެއް. މަންމަ ފަޅިއަކީވެސް ބައްޕަ ފަޅިއަކީވެސް ސިޔާސީ ފަޅިއެއް. ސިޔާސީއޭ މި ބުނަނީ ކާފަޔަކީ ކަތީބު، ބޭބެއަކީ އަނެއް ކަތީބު. ދެން މުޅި އާއިލާ އުޅޭނީ ރަށުގަ އޭރު ހުރި ސިޔާސީ މަޤާމުތަކުގައި. ދެން މަންމަ ފަރާތުގެ ކާފަޔަކީ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ. ދެން އަބަދުވެސް ބުނަން ބޭނުންވާ އެތި ކޮންމެ މީހަކާ ދިމާލަށްވެސް ބުނަން ބޭނުންވޭ. އެއެއްޗެއް ހިތުގަ ބަހައްޓައިގެން ސިއްރުކޮށްގެން އުޅޭ ސްޓައިލެއް ނޫން. އެހެންވީމަ އޭރުން ފެށިގެން ޕޮލިޓިކްސް ފެނޭ. އައްޑޫ ޝަރީފްމެން އައްޑޫގަ ރިސޯޓެއް ނެހެދިގެން އޭރު މަސައްކަތްކުރިތަން ފެނޭ އޭރު. އެކަންތައްތައް އެގޮތަށް ބޭނުންވޭ ކުރަން. ބައެއް އެއްޗެހި އެބަހުރޭ ރިޔާސަތުގަ އިންނަ މީހަކާ ދިމާލަށް ނުބުނެވޭ އެއްޗެހި. އެއެއްޗެހި ބުނެވޭނީ އެތަނަށް ގޮސްގެން ކަމަށްވާތީ އެ ޝައުޤުވެރިކަން އުފެދުނީ.

މޮސްޓާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

 

ސިޔާސީ ގޮތުން ނަމޫނޫ ނަންގަވާ މީހުންނަކީ ކޮބާ؟

ސިޔާސީ ގޮތުން ނަމޫނާއަކަށް ނަގަންޏާ މި ރާއްޖޭގަ ނަގަން ހުންނާނީ ރައީސް ޔާމީން ދޯ. އެއީ ޒީރޯއިން ފެށިގެން ޓޮޕަށް އައި މީހެއް. ދެން އަލީވަހީދަކީ ޕޮލިޓިކްސްގަ ބެލި މީހެއް. އެކަމަކު އަލީ ވަހީދުގެ ބެކްގްރައުންޑްގައި ބަލަނީ އަލީވަހީދު އެކުރި ކަޑަ ކަންތަކެއް ނޫން. ކަޑަ ކަންތަކޭ މި ބުނަނީ ޕާޓީ ބަދަލުކުރުން ކަހަލަ ކަންތައް. އަލީ ވަހީދަކީ އައިޑަލްއެއް އަސްލު ހަޤީޤަތަށް ބުނަންޏާ. މިސާލަކަށް މި ބުނަނީ އޭނަ ޔަންގު އޭޖުގަ މަޖިލީހަށް އައޭ. އޭނަގެ ހަމަ ބަސްމަގު ބޭނުންކޮށްގެން. ވާހަކަ ދެއްކުމުގެ ހުނަރު ބޭނުންކޮށްގެން. އައިއްސަ ނިއުރޭޑިއަންޓްގެ ޗެއާމަންކަން ވެސް ކުރި. އެއީ އަހަރެންވެސް އެންމެ ބޭނުންވާ ދެ ޑްރީމް އޭނަ އޭރު ފުރިހަމަ ކުރީ. އެހެންވީމަ އެގޮތުން އޭނަ ބަލަން. އެކަމަކު ޕާޓީ ބަދަލު ކުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. އަލީ ވަހީދު ޕާޓީ ބަދަލުކުރި ހިސާބުން ދެމީހުންގެ ރައްޓެހިކަމަށްވެސް ކޮންވެސް ކަހަލަ ހީނަރު ކަމެއް އައި. އެކަމަކު ނިއުރޭޑިއަންޓްގެ ޗެއާމަންއަކަށް ވީ ހިސާބުން އަނެއްކާވެސް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ.

މޮސްޓާ، އަލީވަހީދާ އެކު

 

މަޖިލީހުގައި ވަރަށް ޒާތީކޮށް މެމްބަރުންނަށް ރައްދުދޭތީ ފެނޭ. ހިކުމަތަކީ ކޮބާ؟

ޒާތީއެއް ނުވަން އެއްވެސް މެމްބަރަކާ. ޒާތީ ވާންޖެހޭނީ ޒާތީ ވާ މެމްބަރުންނާ. ޒާތީ ވާ ނަމަ ރައީސް ނަޝީދުއާ ޒާތީވާނެ. ދުވަހަކުވެސް ރައީސް ނަޝީދުގެ ޒާތީ ކަމެއްގެ ވާހަކަ ނީންނާނެ ދައްކާފައެއް. ދައްކާފަ ހުންނާނީ ރައީސް ނަޝީދު އަމަލުން ކޮށްފަ ހުރި ކަންތަކާ ބުނެފަ ހުރި ބަސްތަކާ އުޅެފަ ހުރި ގޮތްތަކުގެ ވާހަކަ. އެކަމަކު ރައީސް ނަޝީދުގެ އަމިއްލަ ދިރިއުޅުމާއި، ފެމެލީއާއި މިކަހަލަ ވާހަކަ ނުދައްކަން. އެއީ ދޯ ޒާތީ ވުމަކީ. އަސްލު ހަޤީޤަތަކީ އެމްޑީޕީއާ ދެކޮޅޭ ފެށުނީއްސުރެ. އެމްޑީޕީގެ އުސޫލުތަކާއި ގެންގުޅޭ ގޮތްތަކަކީ ގަބޫލު ކުރާ ކަންތައްތަކެއް ނޫންވީމަ އެކަންކަމާ ދެކޮޅުވާނެ އަބަދުވެސް. އެއީ ޒާތީވުން ކަމަށް ޤަބޫލެއް ނުކުރަން.

 

މަޖިލީހުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް އެޓޭކް ދޭތަން ފެނޭ. ކީއްވެތޯ؟

އެމްޑީޕީން އެ ގެންގުޅޭ ކަންތައްތަކަކީ ދިވެހިރާއްޖެއަށް ރަނގަޅު ކަންތައްތަކެއް ކަމަށް ޤަބޫލެއް ނުކުރަން އެއްވެސް އިރަކު. އެމީހުން އުޅެނީ އެމީހުންގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ކުރަން ވެގެން. ޤައުމަށް ފައިދާ ހުރި ކަމެއް ރައްޔިތުންނަށްނަށް ފައިދާހުރި ކަމެއް ކޮށްދޭކަށްނޫން، ރައްޔިތުންނަށްނަށް ހެޔޮއެދޭ ނަމަ އިދިކޮޅުން މީހަކު ރަނގަޅު ކަމެއް ކުރިޔަސް އެކަން ޖެހޭނެ ބަލައިގަންނަން. އެކަމަކު އެމްޑީޕީގެ ނީންނާނެ އެބައެއް. އެމީހުން ކޮށްފިއްޔާ އެއީ ރައްޔިތުންނަށް ހެޔޮ އެދޭ ކަމެއް. އެމީހުން ނޫން ބަޔަކު އެކަން ކޮށްފިއްޔާ ރައްޔިތުންނަށް ހެޔޮ އެދެނީކީ ނުން. މިސާލަކަށް މިދިޔަ 2 ދައުރުގަ 17 ވަނަ އަދި 18 ވަނަ މަޖިލީހުގެ ދައުރުގަ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ހުޅައެޅުންވި ލޯކަލް ކައުންސިލް އިންތިހާބުގެ މުއްދަތު އިތުރުކުރުމަށް. އެކަމަކު އެމްޑީޕީން އެއްވެސް ފަހަރަކު ތާއީދެއް ނުކުރި. އެކަމަކު އެމީހުން ބޭނުންވީމަ މިކަން ކުރި. މިއީ ދެއްކުންތެރިކަން. އެކަމަށް ތާއީދެއް ނުކުރަން އެއްވެސް އިރެއްގައި. އެހެންވީމަ އެގޮތަށް ވާހަކަ ދެއްކެނީ.

 

މަޖިލީސް ހިންގާ ގޮތާމެދު ހިއްހަމަޖެހޭތޯ؟

އެއްވެސް ވަރަކަށް ހިއްހަމައެއް ނުޖެހޭ. މަޖިލީސް މިހާރު ހިންގަނީ އެމްޑީޕީ ތެރެ ހިންގާ އުސޫލުން. ފެންނާނެކަންނޭންގެ މަޖިލީހުގަ މިސާލަކަށް މިނިސްޓަރުންނާ ސުވާލުކުރާއިރު. އެންމެ ފުރަތަމަ މިކަން ފެށިގެން އައިގޮތަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސުވާލެއް ކުރެއްވުމަށް ހެލްތު މިނިސްޓަރު ހާޟިރު ކުރަނީ މަޖިލީހަށް. އެދުވަހު އައިޖީއެމްއެޗާ ބެހޭގޮތުން ސުވާލެއް ކުރެއްވީމަ މަޖިލީސް ރައީސް އެކަން ހުއްޓުވަނީ. ބުނަނީ ތިޔަކީ އެކަމާ ގުޅޭ ސުވާލެއް ނޫނޭ. އެކަމަކު ސިއްޚީ ދާއިރާގެ ކަންތައްތަކާ ބެހޭގޮތުން ސުވާލު ކުރެވޭނެ ކަންނޭންގެ. ދެން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އާންމުކޮށް މި ނަގާ ނިޒާމީ ނުކުތާ. މަޖިލީހުގެ ރިޔާސަތަށް އެނގެންޖެހޭނެ ނިޒާމީ ނުކުތާއެއް ވިއްޔާ ނިޒާމީ ނުކުތާއެއްކަން ނުވަތަ ނޫންކަން. އިދިކޮޅު މެމްބަރުން ވާހަކަ ދައްކާ ގަޑީގައި ހުއްޓުވަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުން ނިޒާމީ ނުކުތާގެ ނަމުގައި ވާހަކަ ދައްކަނީ. އެ ދައްކަނީ ޒާތީ ވާހަކަ. އެކަންތައްތައް މަޖިލީހުގެ ރައީސަކަށް ނުހުއްޓުވޭ. އެކަމަކު އިދިކޮޅު މެމްބަރަކު އެއްޗެކޭ ބުނާއިރަށް ނަން އިއްވުމާއި އެހެން ކަންތައް ކުރަނީ. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ބާރެއް އޮތަތީ އޭގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރާތަން މަޖިލީސް ތެރެއިން ފެންނަނީ.

 

މޮސްޓާއާ ގްރޫޕްތަކާ ޑްރަގްސް ވިއްކާ މީހުންނާ ގުޅުން އޮންނަ ކަމަށް ބުނޭ. މަޖިލީހަށް ވަނީ އެކަންކަން ހިމާޔަތް ކުރަންކަމަށްވެސް ވާހަކަ ދައްކާ. ކޭކޭ ބުނެލާނީ؟

މިރާއްޖޭގެ ވަރަށް ގިނަ މީހުންނާ ގުޅުން އޮންނާނެ. މިސާލަކަށް ސަލަފުގެ އެންމެންނާވެސް ގުޅުން އޮންނާނެ. އެވާހަކައެއް ނުދައްކާ. ފޮތެއް ކިޔަންޏާ އޭގެ އެއްބައި ކިޔަސް ކަމަކު ނުދާނެ ކަންނޭންގެ. ގޭންގު ތަކުގަވެސް، ސަލަފްގަވެސް، ސިޔާސީ މީހުންތެރޭގަވެސް ވިޔަފާރިވެރިން ތެރޭގައިވެސް ތިބޭނެ ގުޅުން އޮންނަ މީހުން. އަމިއްލަ ލައިފުގަ ފޮރުވަން ޖެހޭ އެއްޗެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރަން. ހަމަޔަގީނުންވެސް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ނީންނާނެ އަޅުގަނޑުގެ މައްޗަށް ސާބިތުވެފަ އިން މައްސަލައެއް. ބަޔަކާއެކީގައި އުޅޭ ކަމަށްވަންޏާ ތުހުމަތެއް ކޮށްފާނެ. ހަމަޔަގީނުންވެސް މިއަދާ ހަމައަށް ނީންނާނެ މި ދެތުންފަތުގައި ސިނގިރޭޓެއްހާ މިންވަރުވެސް ޖެހިފަ. ކުޑައިރުންވެސް ފެށިގެން ޑްރީމެއް މަޖިލީހަށް އައުމަކީ. އެހެންވީމަ އެއްވެސް ކަމެއް ފޮރުވާކަށްނޫން މަޖިލީހަށް އައީ. މިރާއްޖޭގަ ކަމެއް ފޮރުވަން މަޖިލީހަށް އަންނާކަށް ނުޖެހޭނެ. ރުފިޔާ ހުރިއްޔާ މި ރާއްޖޭގަ ހުރިހާ ކަމެއް ކުރާތަން މި ފެންނަނީ މަޖަލީހަށް ނަޔަސް. ހަޤީޤަތުގައި ފައިސާ ހުރި މީހުންނަށް ހުކުމެއް ނުކުރެވޭ ގިނަ ކަންތައްތަކުގައެއް. ޕޮލިހުގަ މައްސަލަތަކެއް ހުރި ނަމަތާ މަޖިލީހަށް ވަދެގެން ހިޔާމަތް ކުރާނީ. ދެން އަނެއްކާ ސަރުކާރާ ދެކޮޅަށް ހުރެގެން ކޮންކަމެއް ހިމާޔަތް ކުރަން އޮންނާނީ އެއުސޫލުން ބަލާ ކަމަށް ވަންޏާ.

މޮސްޓާ ޒުވާނުންނާއެކު. މޮސްޓާ ފާހަގަކުރެވިފައިވަނީ ޒުވާނުންނާ ވަރަށް ގުޅޭ ބޭފުޅެއްގެ ގޮތުގައި

ކިހިނެެއް ސަރުކާރު؟

ހަޤީޤަތުގައި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މަސައްކަތް އެބަ ކުރޭ ބައެއް ކަންތައް ކުރަން ވެގެން. އެކަމަކު އިބްރާހިމް މުޙައްމަދު ސޯލިހަށް ވަރަށް އެހެން ކަހަލަ ގޮތެއް މި ދިމާވީ. ހިއްދަތި ގޮތެކޭވެސް ބުނެވިދާނެ. ވެރިކަމަށް އައިތަނާ މި ކޮރޯނާގެ ކަންތައްގަނޑު މިއައީ. ދިވެހިރާއްޖޭގެ އާމްދަނީގެ 95 އިންސައްތަ މި މިބިނާވަވީ ޓުއަރިޒަމް އިންޑަސްޓްރީގެ މައްޗަށް. ޓޫރިޒަމުން އާމްދަނީއެއް ނުލިބޭކަމަށް ވަންޏާ ޤައުމު ހިންގަން އުނދަގޫވާނެ. އިގްތިޞާދީ ގޮތުން ބަލާނަމަ އިބްރާހިމް މުޙައްމަދު ސޯލިހަށް އައީ ވަރަށް އެހެން ކަހަލަ ދުވަސްތަކެއް. އެކަމަކު އެމުއްދަތުގެތެރޭގައި ޤައުމަށް ލިބުނު ކަންނޭނެ ވަރަށް ބައިވަރު ހިލޭ އެހީއާއި އެހެން ކަންތައްވެސް. މަސައްކަތް ކުރާތަން އެބަފެނޭ ބައެއް ކަންތައް ކުރަން. ފަހަރެއްގަ ވެދާނެ ކޮލިޓީ ނެތީމަ ކަމަށްވެސް ތިބި ބައެއް މީސްމީހުންގެ. އެ ކޮލިޓީ ނެތިއްޔާ ބޭނުންވާ ވަރަކަށް ޑެލިވަރ އެއް ނުކުރެވޭނެ. އެކަންތައްތައް މި ސަރުކާރުން އެންމެ ބޮޑަށް ފެނިގެން މިދަނީ.

 

ރައީސް ޔާމީން މިނިވަން ކުރަން މިހާރުވެސް ވަރަށް އެބަ ގޮވާލާ. ރައީސް ޔާމީން ފަންޑްކޮށްގެންތޯ ކޮނޑި ކާމިޔާބުވީ؟

ހަމަޔަޤީނުންވެސް ޕީޕީއެމްއިން ނީންނާނެ 25 ލާރިވެސް މި ގޮނޑިއާ ހަމައަށް އަންނަން ދީފައެއް. ދެފަހަރުވެސް އުޅުނީ ޕީޕީއެމުން ކުރިމަތިލާން. ވަރަށް ހަމަ ވަރަށް ބޮޑަށް މަސައްކަތް ކުރިން. ހަޤީޤަތުގައި ނޮޅިވަރަމްފަރު ރައްޔިތަކަށް އެންމެ ފުރަތަމަ ޕީޕީއެމަށް ސޮއިކޮށްފަ އިންނާނީވެސް އަޅުގަނޑު. ޕީޕީއެމަށް ނޮޅިވަރަމްފަރުން ވައްދަދިނިން 489 މީހުން. އަމިއްލައަށް ހެކިވެރިޔަކަށް ސޮއިކޮށްފަ. ވައްދަދީގެން ވަރަށް މަސައްކަތް ކުރިން. އެވަރުންވެސް ޕީޕީއެމް އަކުން ނުލިބޭ އެއްބާރުލުމެއް. ފުރަތަމަ ފަހަރުވެސް ޖޭޕީއަށް ދާއިރާ ދިނީ. ރައީސް ޔާމީނަށް ދެވަނަ އަށް އެންމެ ބޮޑު ތާއީދެއް އޮންނަ ދާއިރާއޭ ބުންޏަސް ދޮގަކަށް ނުވާނެ. ނިލަންދޫ ދާއިރާއާއި ނޮޅިވަރަމް ދާއިރާގަ ޕީޕީއެމްއަށް އެންމެ ތާއީދު ބޮޑުވާނީ. މިދާއިރާ ކޮންމެ ފަހަރު ޖޭޕީއަށް މި ދެނީ. މިފަހަރުވެސް ޖޭޕީ ކެންޑިޑޭޓެއް ނިކުތް. އެމްޑީޕީ ކެންޑިޑޭޓެއް ނިކުތް. އަމިއްލަ ގޮތުން ގިނަ ބަޔަކު ނިކުތް. އަނެއްކާ ރައީސް ޔާމީނުގެ އެންމެ އަރިހުގައި މަސައްކަތްކުރި އަލީ އާރިފްގެ ބޭބެ އިޤްބާލް އާދަމް ނޮޅިވަރަމް ދާއިރާއަށް ނިކުތީމަ އިޤްބާލަށް ޕީޕީއެމްގެ އިސްކޮށްތިބި މީހުން ހަރަދު ކުރަން ފެށީމަ އޭގެ މާނަޔަކީ ޕީޕީއެމުން މި ގޮނޑި އަޅުގަނޑަށް ނުދޭންވެގެން މަސައްކަތް ކުރުން ކަހަލަ ކަމެކޭ. އެކަމަކު ހަޤީޤަތުގައި ޕީޕީއެމްގެ ގްރާސްރޫޓް ހަމަ 100 ޕަސެންޓް ތާއީދު އަޅުގަނޑަށް. އެކަމަކު ޕީޕީއެމްގެ މަތިފަޑީގަ އުޅޭ ގޮނޑި ދޭން ބޭނުންނުވާ ބަޔަކު. ފަހަރެއްގަ ވެދޭނަ ކުރިމަތީގަ ބޭނުންވާ އެއްޗެއް ބުނާތީ ކަމަށްވެސް.  ރައީސް ޔާމީނަށްވެސް އެނގޭނެ އެތަނުގައި ޕީޕީއެމް ކުރިއަރުވަން އެންމެ ބުރަކޮށް މަސައްކަތްކުރީ އަޅުގަނޑުކަން. މިހާރުވެސް ބަލާ ޖަހަގަހާއި ހުރިހާތަނެއް ހަމަ އަމިއްލަ ގޭގަ ހުންނާނީ. އަމިއްލަ ޖީބުން ހަރަދުކޮށްގެން ހުންނާނެ އެތައް ކަމެއް ކޮށްފަ. ރަށުގަ ހަމަ ވަރަށް ރަނގަޅަށް ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އެއްބާރުލުން ލިބޭ. ޚާއްޞަކޮށް ގިނަ ޒުވާނުން ތިބޭނީ ޕީޕީއެމްގަ. އެއީ މިހާރު ނޮޅިވަރަމް ދާއިރާގަ މިހިރަ މެމްބަރު ކުރި ބުރަ މަސައްކަތް. އެހެންވީމަ ޕީޕީއެމްގެ ބައެއް އިސްވެރިންނަށް މީތި އެނގެން އެބަޖެހޭ.

މޮސްޓާ ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް އޭރުގެ ޕީޕީއެމްގެ ރައީސް، ރައީސް މަޢުމޫނާ ހަވާލުކުރައްވަނީ

 

ދެވަނަ ދައުރަކަށް ކުރިމަތި ލައްވަން ވިސްނަންތޯ؟

ސިޔާސީ ކަންތައް މި ހުންނަ ގޮތުން ފުދޭވަރަކަށް ފައިނޭންސް ރަނގަޅުވާންވާނެ. ބޭނުންވާނެ. އެވަރުގެ ބަޖެޓަކާ އެއްއެއްޗެހި ހަމަޖެހި އެވަރުގެ ޕާރފޯމަންސްއެއް ދެއްކިއްޖެއްޔާ ދެވަނަ ދައުރަކާ ދޭތެރޭގަ ވިސްނާނަން. ނޫނީ ދެވަނަ ދައުރަކަށް ނުވިސްނާނަން.

މޮސްޓާ، ޔޫތު މިނިސްޓަރު މަހުލޫފާ ބައްދަލު ކޮށް ދާއިރާގެ ކަންތަކާ މަޝްވަރާ ކުރައްވަނީ

 

މި ސަރުކާރާ ގުޅިދާނަންތޯ؟

ނޮޅިވަރަމްއާއި ނޮޅިވަރަމްފަރާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނަން. ހަމަޔަޤީނުންވެސް ތަރައްޤީއަށް ހުރަސް އަޅާ މީހަކަށް ނުވާނަން. ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރާ ގުޅޭނަން. އެކަމަކު ޕާޓީ ބަދަލު ކުރުމުގެ ގޮތަކުން ސަރުކާރަކާ ނުގުޅޭނަން.

މޮސްޓާ، ނާއިބްރައީސް ފައިސަލްއާ ބައްދަލުކުރައްވަނީ

 

ބަރުލަމާނީ ނިޒާމައް ތާއީދު ކުރަންތޯ؟

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން މިއުޅެނީ ކޮން ބޭނުންމެއްގައިތޯ؟ އިނގެރޭސި ވިލާތުގެ މެޝިނަރީތަކުން އެލިބޭ ރުފިޔާއިން މި ޤައުމު ހިންގަންތޯ. ބަރުލަމާނީއެއް ގެނެއްސިއްޔާ މަހަކުން މަހަކުން ސަރުކާރު ބަދަލުވާނެ. ރައްޔިތުންނަށް އެންމެ ފައިދާ ވަނީ ރިޔާސީ ނިޒާމެއް މި ޤައުމުގަ އޮތުން.

 

އިންޑިއާއާއި ޗައިނާ ޖެއްސުމަށް ސިޔާސީ ދެފިކުރުން ކުރާ މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ނިކުމެދާނެތޯ؟ އެގޮތަށް އަމަލު ކުރުމާމެދު ހިޔާލަކީ ކޮބައިތޯ؟

އިންޑިއާއާއި ޗައިނާ ޖައްސަން ސިޔާސީ ދެ ފިކުރުން މަސައްކަތް ކުރާ ތަނެއް ނުފެނޭ. އެއްބަޔަކު މާ ބޮޑަށް އިންޑިއާ ކޮޅަން ބުރަވެގެންދާތަން މި ފެންނަނީ. ހަޤީޤަތުގައި އިންޑިއާއިން އުޅެނީ އަޅުވެތިކުރަން. ޗައިނާއިން ނޫޅޭނެ އަޅުވެތިކުރާކަށް. ޗައިނާއިން އަޅުވެތި ކުރާނީ އެހެން ގޮތަކުން. މިސާލަކަށް އެމީހުން ކުރާނީ އިންވެސްޓްމަންޓްތަކެއް. އެކަމަކު އެތާންގައި އެމީހުންގެ ސިފައިން އައިއްސަ އެގޮތަށް އަރާ އުސޫލެއް ނީންނާނެ ޗައިނާގައެއް. އިންޑިއާއިން އަބަދުވެސް ދައުވާ ކުރާ ރާއްޖެއައީ އިންޑިއާގެ 49 ވަނަ ސްޓޭޓް ކަމަށް. އިންޑިއާއަކުން މި ޤައުމަށް ހެވެއް ނޭދޭނެ. މި ޤައުމު ދާންވީ އިންޑިއާގަ މި އޮންނަ ލަކުޑި ބޯޓުތަކުގެ ތަރައްޤީއަކަށް ނޫން. މި ޤައުމު ދާންވީ ޔޫރަޕްގަ ހުރި ބޮޑެތި ބޯޓު ތަކުގެ ތަރައްޤީއަށް ދާންވީ. މި ޤައުމުގެ އެންމެ ބޮޑަށް އުމްރާނީ ތަރައްޤީ ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި. އިންޑިއާއިން ހިލަވެލި ނުދިނީމަ ހިލަވެލި ނުގެނެސްތޯ މަސައްކަތްކުރީ. ދިވެހިން ބޭނުންވަނީ ތަރައްޤީ. ރިޒުގު ދެއްވާނީ ޖެހިގެން އޮންނަ ޤައުމަކުންނޫން. ދުނިޔޭގެ އެންމެ ވަރުގަދަ ޓުވަރިޒަމް ޑެސްޓިނޭޝަން ދިވެހިރާއްޖެއަކީ. އެހެންވީމަ މިތަނަށް ހުންނާނެ އެތައް ގޮތަކުން ކަންތައްތައް ކުރެވެން. ކޮންމެހެން ނުޖެހޭނެ ބައެއްގެ ތައްޕާހަށް ވެއްޓިގެން ކަންތައް ކުރާކަށް.

 

މަޖިލީހުގައި ދެއްކެވި ވާހަކައަކުން ބިރުދައްކާ އިންޒާރުދީ ހެދިތޯ؟

އެކަހަލަ ކަމެއް ނާދޭ އެއްވެސް ވަރަކަށް.

މަޖިލީހުގައި އުޅެމުން އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަވަނީ ކިހިނެއްތޯ؟

ވަކި މަޖިލީސްގަ އުޅުމެކޭ ކުރިއެކޭ އަނެއްހެން ނާދޭ އަމިއްލަ ދިރުއުޅުމުގަ ތަފާތެއް. ހަމަ ކުރީގަވެސް އުޅޭގޮތަށް ހަމަ ރައްޓެހިންނާއެކު ކޮފީ ބޯލާ މަޖާކޮށްލާ ދެން ހަމަ ވަރަށް މަދު ވެގުތެއް އަބަދުވެސް ގޭގަ އުޅެވޭނީ ސްކޫލް ނިންނީއްސުރެ. ހަމަ އެލައިފް އޭރެކޭ މިހާރެކޭ ތަފާތެއް ނާދޭ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *