Ad

އެއީ ބާރުގަދަ ގޮވުމެއް! ވަރުގަދަ އިންޒާރެއް!

ޓެރަރިޒަމާ ދެކޮޅު ޤާނޫނުތައް އޮތީ އިންތިހާއަށް ވަރުދަކޮށްދީފަ، ބޭނުންވަނީ ތަންފީޒުކުރާނެ ވަރުގަދަ ބާރެއް

އެމަނިކުފާނު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ޒަހަމްވެގެންނެވެ. ބަޔަކު އަމިއްލައަށް ހަދާފައިވާ ބާރުގަދަ އައިއީޑީއެއް އެމަނިކުފާނަށް އަމާޒުކޮށް ގޮއްވާލުމުންނެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު، މަދީދީ މަގުގެ މެދުންނެވެ. އެނުރައްކާތެރި ހަމަލާ ދިނުމަށްފަހު ޓެރަރިސްޓުން ފަސޭހަކަމާއެކު ވަނީ ފިލާފައެވެ. ޒަހަމްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އޭޑީކޭ އައިސީޔޫގައި ފުރާނައާ ހަނގުރާމަކުރައްވަމުންނެވެ.

އެމަނިކުފާނުގެ ސީޓީ ސްކޭނަށް ބަލާއިރު، ތަފާތު 15 ތަނަކަށް އެ ބޮމުގެ އެތިކޮޅުތައް ހެރި، ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޮން އުފައްދާފައިވަނީ އޭގެ ނުރައްކާ ބޮޑުކޮށް ބާރުގަދަ ކުރުމަށްޓަކައި ރޭޒަރ ފުށް އަޅައިގެންނެވެ. ރައީސް ނަޝީދުގެ ހަށިކޮޅު ފޫދުއްވާލައި އޭގެ ލޭޒަރ ފުށްތައް ހަށިގަނޑުގެ އެތައް މިތަނަށް ވަނީ ހެރިފައެވެ. ބޮލަށެވެ. ފަޔަށެވެ. މެޔަށެވެ. ގޮހޮރަށެވެ. އަތަށެވެ.

ރައީސް ނަޝީދުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި ހާދިސާގައި ގޮއްވާލާފައި ވަނީ އާދަޔާޚިލާފަށް ބާރުގަދަ އެއްޗެކެވެ. މީގެ އަހަރުތަކެއް ކުރިން ސަލްޓަން ޕާކުގައި ގޮއްވާލި މޮހޮރު ބޮމަށްވުރެ އެތައް ގުނައެއް ބާރުގަދައެވެ. އެކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެއްވަމުން ޗީފް އޮފް ޑިފެންސްފޯސް ޝަމާއިލު ވިދާޅުވީ އޭގެ އިމްޕެކްޓް (ބާރު) މައްޗަށް ހިފާފައި ހުރުމުން ކައިރި ބައެއް އިމާރާތްތަކުގެ ފުރާޅުތައްވެސް ހަލާކުވެފައި ހުރި ކަމަށެވެ.

ހާދިސާ ހިނގިތާ މާދުރުނޫން ހިސާބެއްގައި ހުންނަ އިމާރާތެއްގައި ދިރިއުޅޭ އާއިލާއަކުން ބުނިގޮތުގައި އެގޮވުން އެމީހުންނަށް ސިފަވީ އިމާރާތުގެ ޝީޓެއް ވެއްޓުނު ކަހަލަ ބިރުވެރި ގޮތަކަށެވެ. އެންމެންވެސް ތިބީ ބިރުން ވިރިވިރިއެވެ.

"ހީވީ ޝީޓެއް ވެއްޓުނީހެން. އެހާވެސް ވަރުގަދަ އަޑެއް އެއީ. ބިއްލޫރިތައްވެސް ތަޅައިގެން ދިޔަ. ގޮވި އެތީގެ އެތިކޮޅުތައް ވިއްސައިގެން މި ގޭ ގޯޅި ތެރެއަށް ވެސް އައިސްފަ ހުރި. ސިފައިން އެތަންތަންތަން އެބަ ބަލާ،" ހާދިސާ ތަޖުރިބާކުރި ރައީސް ނަޝީދުގެ އަވަށްޓެރިއަކު ކިޔައިދިނެވެ.

އަލިކިލެގެފާނު މަގުގައި ހުރި މީހަކަށް އެ އަޑު ސިފަވީ ބާރުގަދަ ގުގުރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އުޑުމަތި ސާފު ރެއެއްކަމުން އޭނާއަށް ހީވި ހީވުމާމެދު ހިތުގައި އުފެދިފައިވާ ޝައްކު ޔަގީންވީ ރައީސް ނަޝީދު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދެވުނު ހަބަރު މީޑިޔާތަކަށް ތިލަވުމުންނެވެ.

ރަށްދެބައި މަގުގައި ހުރި ގެއެއްގައި ކުޑަ ނާސްތާއެއްކޮށްލުމުގައި ތިބި ރައީސް ނަޝީދުގެ ބައެއް އެކުވެރިންނަށް ވެސް އެއަޑަށް ސިހުން ގެނުވިއެވެ. ބައެއް މީހުން ބޭރަށް ނުކުމެ މަގުމަތި ބަލާހެދިއެވެ. އެމީހުނަށްވެސް ހަގީގަތް އެނގުނީ އޭގެ ބައިގަޑިއިރެއްހާއިރު ފަހުން، އެމްޑީޕީގެ އިސްމީހަކު ކުރި ފޯނުކޯލަކުންނެވެ. އެއީ ބޮމެއް ގޮއްވާލައި، ރައީސް ނަޝީދު ޒަހަމްކޮށްލި ވާހަކައެވެ.

މިހާ ބާރުގަދަ އެއްޗެއް އުފައްދައި، އެ އުފުލައި، ސައިކަލެއްގައި ހަރުކޮށް، ވަކި މީހަކަށް ފާރަލައި، އެމީހާއަށް އަމާޒުކޮށް އަދި މިހާ ފަސޭހައިން ގޮއްވާލިއިރު، ދިވެހި ސަލާމަތީ ބާރުތަކަށް ހަމަ ހިލަމެއްވެސް ނުވެއެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީގެ ޒިންމާ ހަވާލުވެފައިވާ އެމްއެންޑީއެފުން ބުނެފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިފަދަ ހާދިސާތައް ހިނގާކަމަށާއި އިންޓެލިޖެންސާއި ސަލާމަތީ ކަންކަން ހަރުދަނާކޮށްފައި ހުންނައިރުވެސް ބައެއް ފަހަރު ޓެރަރިސްޓުން އެ ފަށަލަތައް ފޫދުއްވާލާ ކަމަށެވެ. އެއީ ގޯސް ވާހަކައެއް ނޫނެވެ. އެފަދަ ގައުމުތަކާ އަޅާބަލާއިރި ފުނަ އޮށެއް ވަރުގެ ކުޑަކުޑަ މި މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މިހާރަށްވުރެ ކާމިޔާބު މަސައްކަތްތަކެއް ކުރެވެންވާނެ ކަމަށް އާންމުން ދެކެއެވެ. ބަހަނާއާއި ޒިންމާއިން ރެކުމުގެ ވާހަކަތަކަށް މިހާރު ޖާގައެއް ނެތެވެ.

ދެން އޮތީ ޓެރަރިސްޓުންގެ ވާހަކައެވެ. ހާދިސާއަށް 24 ގަޑިއިރުވެސް ނުވަނީސް ސަލާމަތީ ބާރުތަކުން މި ހާދިސާވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ކަނޑައަޅައި، އެއީ ސީދާ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް، ދިން ހަމަލާއެއްކަން ކަށަވަރުކޮށްދީފައެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ ވާހަކަތަކުންވެސް އެއްގޮތް ކަންތައްތަކެއް ފާހަގަކުރެވުނެވެ. އެއީ ދިވެހި މުޖުތަމަޢުގައި، ބާރުގަދަ ގޮވާތަކެއްޗާއި ހަތިޔާރު އަމިއްލައަށް އުފައްދަން އެނގޭ މީހުން ނުވަތަ ހަރުކަށި ޓެރަރިސްޓުން މިނިވަންކަމާއެކު އާންމުންނާ މަސްހުނިވެގެން އެބައުޅޭކަމެވެ. އޭގެ ތެރޭގައި އެފަދަ ތުހުމަތުތަކުގައި ކުރިން ހައްޔަރުކޮށް ތަހުގީގު ހިންގިފައިވާ މީހުންނާއި ޝަރީއަތް ހިންގިފައިވާ މީހުންވެސް ހިމެނެއެވެ. ކީއްވެ ހެއްޔެވެ؟

"ކޮންމެވެސް ސަބަބަކާހުރެ އެމީހުން މުޖުތަމައަށް ދޫވެފައި އެބަތިބި. ބައެއް މީހުންގެ މައްޗަށް ހެކި ނެތިގެން. އަނެއް ބަޔަކު ކޯޓުތަކުގެ ތެރެއިން ސަލާމަތްވެފައި ހުރީ،" އާންމުން އިންތިހާއަށް ކަންބޮޑުވި މި ވާހަކަ ވިދާޅުވީ ކަމިޝަނާ އޮފް ޕޮލިސްއެވެ. އާންމުންގެ ސުވާލުތައް ބަންޑުންވީ "ހެކި ނެތިގެން" ދޫ ވާހަކަ ވިދާޅުވުމުންނެވެ. ފުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ދަށީ ހެއްޔެވެ؟ ނުވަތަ އެފަދަ މައްސަލަތަކުގައި ފުލުހުންނަށް ވަރުގަދަ ތަހުގީގެއް ހިންގަން ޖެހިލުން ވަނީ ހެއްޔެވެ؟ ހަމަ މިސުވާލުތައް ކޯޓުތަކަށް ވެސް އެބަ އަމާޒުވެއެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މިފަދަ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު ސަލާމަތީ ބާރުތަކުން ގިނަގިނައިން ނޫސްކޮންފަރެންސްތައް ބާއްވައި، އިންޒާރާއެކު ގަދަފަދަ ވާހަކަތައް ވިދާޅުވެ، ވަޢުތައް ވެއެވެ. އެހެންނަމަވެސް ގިނަ ދުވަސްވާރަކަށް އެ އަޑު މަޑުވެ، ތަހުގީގު ދިގުލައި، އަނެއްބައި ފަހަރު ކޯޓަށް މައްސަލަ ވެއްދުމުން ސާބިތުނުވެ އެ ސަފުހާ ނިމިގެންދެއެވެ. މިފަހަރު މިއޮތީ އަނެއްކާވެސް އެފަދަ ހާދިސާއެކެވެ. ދައުލަތުގެ އެންމެ ނުފޫޒުގަދަ، ވަރުގަދަ އެއްބާރު ކަމުގައިވާ ޤާނޫނު ހަދާ ބާރުގެ ރައީސްގެ ހަށިކޮޅަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް އެމަނިކުފާނާ ދެތިން ފޫޓު ގާތުން ގޮއްވާލައި، މުޅި ގައުމަށް ސިހުމާއި ބިރުވެރިކަން ގެނުވި ހާދިސާއެވެ. ސަލާމަތީ ބާރުތަކުގެ އަމަލުތަކާއި ބަސްމަގު މިފަހަރުވެސް އަދި ހުރީ ކުރިން މިދެންނެވި ގޮތަށެވެ.

ޓެރަރިސްޓުން ހިފާ ހައްޔަރުކުރުމަށް މިހާރު ހަތިޔާރު ބޭނުންކުރެވެއެވެ. ކޯޓު އަމުރަކާނުލާ ހައްޔަރުކުރެވެއެވެ. އަދި ބަންދުގެ މުއްދަތުވެސް ދެމެހެއްޓިދާނެއެވެ. ސުވާލު އުފެދެނީ މި ޤާނޫނު ބާރުވެރިކަމާއެކު އިހްލާސްތެރިކަމާއެކު ތަންފީޒުކުރާނީ ކޮންބާރަކުން ކޮން އިރަކުންތޯއެވެ؟ މިނިވަންކަމާއެކު މުޖުތަމައުގައި އުޅެ، ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުން ގެންދާ ނުވަތަ ނުރައްކާ ކޮށްފާނެ ކަމަށް ބެލެބޭ ޓެރަރިސްޓުން އެކަހެރި ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ސިޔާސީ މޯޓިވެއް އޮތީ ހެއްޔެވެ؟ އެމީހުންނާ ކުރިމަތިލާނެ ހިތްވަރު ނެތީ ހެއްޔެވެ؟

މި ހަމަލާވެސް މިހާރު ނުސީދާކޮށް ގުޅުވާފައި މިއޮތީ ހަރުކަށި ފިކުރާއެވެ. އެމީހުން، ސަލާމަތީ ބާރުތަކުން ސިފަކުރަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އެމީހުން ހައްގަކާނުލައި އިންސާނުންގެ ލޭ ހަލާލުކުރެއެވެ. އެމީހުންގެ ފިކުރާ ޚިލާފު މީހުން ކާފިރު ކުރެއެވެ. ވަކި ކަމެއް ވަކި ގޮތަކަށް ނުކުރާނަމަ އެމީހަކު މެރުމަށް ހުކުމް ނެރެއެވެ. އަޑުއެހުމާއި ވާހަކަ ދެއްކައިގެން ކަންކަމުގެ ހައްލު ހޯދުމުގެ ވިސްނުމާ އެމީހުން ބީރައްޓެއްސެވެ.

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި މިފަދަ މީހުން ނުވަތަ ޖަމާއަތްތަކުގެ އެހީތެރިކަން ސިޔާސީ ވެރިން ބައެއް ފަހަރު ހޯދައެވެ. މަނީލޯންޑަރ ކުރާ މީހުންނާއި ޑްރަގު ޑީލަރުންނާއި ހަތިޔާރުގެ ވަގު ވިޔަފާރި ހިންގާ މީހުންނާއި ފައިސާއަށް މީހުންމަރާ މީހުންވެސް މިފަދަ ހަރުކަށި ޖަމާއަތްތަކާއި މީހުންގެ ބޭނުން ހިފައެވެ. އެމީހުންގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައެވެ. ކަމުގެ ނުރައްކާ މޫލައި، ވަރުގަދަ ވަނީ ނުރައްކާތެރި ކުށުގެ އެތައް ނެޓުވޯކެއް މިގޮތަށް ގުޅޭ ހިސާބުންނެވެ. އޭރުން އެމީހުން އަތުގައި ފައިސާ ހުރެއެވެ. ހަތިޔާރު ހުރެއެވެ. އެހީތެރިވާނެ ބޮޑުން ތިބެއެވެ. ބަންދުވެއްޖެނަމަ ވަކީލުން ހަމަޖައްސައެވެ، އާއިލާގެ ހަރަދުބަރަދު ލިބެއެވެ. މިފަދަ އެތައް ކަމެއް ފަރުދާގެ ފުރަގަހުގައި ހިނގައެވެ.

ރާއްޖޭގައި ވަކިވަކި ކުދި ޖަމާއަތްތައް ހަދައިފިއެވެ. ސޯޝަލް މީޑިޔާއިން އެކަނިވެސް މިކަން ކަށަވަރު ކުރެވޭވަރުގެ ހެކި އެބަ ފެނެއެވެ. ދިރާސާކުރާ މީހުންނަށް މިކަން އެނގޭނެއެވެ. އަމިއްލައަށް އިމާމުކަން އިޢުލާންކޮށްގެން އުޅޭ ވަކިފަރުދުން ވެސް އެބަ އުޅެއެވެ. ބޭރުގެ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތްތައް ރަމްޒުކުރާ ގުރޫޕުތަކާއި މީހުން މިރާއްޖޭގައި އެބަތިއްބެވެ. އެކަން ދިވެހި ސަލާމަތީ ބާރުތަކަށް ނޭނގި ނުދާނެއެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ އިންޓެލިޖެންސް ރިޕޯޓުތަކުގައި އެވާހަކަތައް ލިޔެ އާންމުކޮށްފައި އެބަހުއްޓެވެ. ދިވެހި ރާއްޖެ ދެވަނަ އަފްޢާނިސްތާނަށް ނުވަނީސް، ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު އަޅުއްވާށެވެ. މުޖުތަމަޢު ސާފުކޮށް އަމާން ކުރައްވާށެވެ. ދިވެހި އިގްތިސާދާއި އިސްލާމް ދީނުގެ ވެސް ހައްގުގައެވެ. ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނަ އެކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތަރުހީބުދޭނެއެވެ. އިސްނަގައި ކެރިގެން ނުކުންނަވާށެވެ. އާންމު ރައްޔިތުންގެ ތާއީދު ފުރިހަމައަށް އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *