Ad

އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިބި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތައް އެމަޤާމުގައި ދެމިތިބޭތީ އާންމުންގެ ފާޑުކިޔުން!

އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިބި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތައް އެމަޤާމުތަކުގައި ދެމިތިބޭތީ އާންމުންގެ ފާޑުކިޔުން އެޕާޓީއަށާއި ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާ މީހުން ބުނީ އެމްޑީޕީއަކީ ކޮރަޕްޝަނާ ދެކޮޅު ޕާޓީއެއްކަމަށް ޕާޓީގެ އިސްވެރިން ބުނަމުންނާއިރު ޕާޓީގެ ޒިންމާދާރު މަޤާމުތަކުގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތައް ތިބުމުން އެމްޑީޕީގެ ސިޔާސަތު ތަކާމެދު ސުވާލު އުފެދޭކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އޮވެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ނުކުރާތީ އާންމުން ގެންދަނީ ސަރުކާރަށާއި އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީއަކީ ކޮރަޕްޝަނަށް ޖާގަދޭނެ ޕާޓީއެއް ނޫންކަމަށް ޕާޓީގެ އިސްވެރިން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތަކަށް ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް އެންމެ ފަހުން ބޭއްވި އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާގެ ފައިސާ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ. މީގެތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަމާއި އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަމަށްވާ "ސިރިއަސް" ކުންފުނީގެ ނަން މި ލިސްޓުގައި ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ތަހުގީގީ އިދާރަތަކުން ފޮނުވި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި 281 މީހެއްގެ ނަން އެބައޮތްކަމަށެވެ. މިކޮމެޓީގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރިން ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް އާޒިމް މިހާރު ކޮމެޓީން ވަކިވެވަޑައިގެންފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *