Ad

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން މަޤާމުތަކުން ދުރުކުރުމަށް ހުށައަޅައިފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން ތަހުގީގު ނިމެންދެން މަގާމުން އެކަހެރި ކުރަން އެންގުމަށް އެމްއެމްޕީއާރުސީ މައްސަލަ ދިރާސާކޮށް ނިންމާ ރިޕޯޓުގައި ހިމަނަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީ މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައި ހިޔާޔާނާތުގެ ލިސްޓު މިހާރު ދިރާސާ ކުރަމުން ދާއިރު ސަބް ކޮމިޓީގެ ބައްދަލުވުމެއް އާންމުކޮށް ހުޅުވާލައިގެން ބާއްވައިފަ އެވެ. މީގެ ކުރިން މި ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ދައުލަތުގެ ކަންކަމުގައި ހަވާލުވެފައި ތިބި މީހުންނަކީ އެމީޙުންގެ މަސައްކަތުން އެމީހުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކަކާއި މައުލޫމާތު ލިބިގެންވާ ބައެއް ކަމަށެވެ. އެ ބާރު ބޭނުން ކޮށްގެން އެކުރާ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެއިތުރުން ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ މައްސަލަތައް ވީހާވެސް އަވަސްކޮށް ދިނުމަށް އެދި ކޮމިޓީ ރިޕޯޓުގައި ހިމެނުމަށް އީވާ ހުށަހެޅުއްވި އެވެ. އީވާ ހުށަހެޅުއްވި ހުށަހެޅުންތަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ތާއީދު ކުރައްވާފަ އެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ބެލުން ލަސްވުމުން އޭގެން ނުކުންނަ ނުރަނގަޅު އެހެން ނަތީޖާތަކެއް ވެސް ހުންނަ ކަމަށެވެ. އެމީހުންގެ މަގާމުގެ ގޮތުން އެތައް ނުފޫޒެއް ދައުލަތަށް ފޯރުވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ކޮރަޕްޝަނުން ފައިދާ ލިބިފައި ތިބި ފަރާތްތައް ދައުލަތުގެ މަގާމުތަކުގައި ތިބުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެކަންތައްތައް އިސްލާހު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް މި މަޖިލީހުން ހަމަގައިމު އަވަސްކޮށް އެބަ އަޅަން ޖެހޭ." ހިސާން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު މި ލިސްޓް އާންމު ކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *