Ad

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މެމްބަރު ބޮންޑޭ ބައިވެރިކަމުގެ ތުހުމަތު!

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ތަހުޤީޤީ ރިޕޯޓުން ހާމަވެއްޖެއެވެ.

އޭސީސީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ޤަވާއިދާ ޚިލާފަށް "ރ. ފުއްގިރި" ކުންފުންޏަކަށް ހަމަޖެއްސުމަށް މެދުވެރިއަކަށްވީ މެމްބަރު އިބްރާހީމް ރަޝީދުގެ އަމިއްލަ ކުންފުނި "އައިބީއާރު މޯލްޑިވްސް" ކަމަށާއި މި ރަށް ހޯދައިދިނުމުގައި އިސްކޮށް އުޅުނީ އިބްރާހިމް ރަޝީދު ކަމަށެވެ. މިގޮތުން ރ.ފުއްގިރީގެ އެކުއިޒިޝަން ކޯސްޓުގެ އިނީޝިއަލް ޕޭމެންޓެއްގެ ގޮތުގައި 150،0000 (އެއްލައްކަ ފަންސާސް ހާސް) ޑޮލަރު (2.3 މިލިޔަން ރުފިޔާ) ވަނީ އިބްރާހިމް ރަޝީދުގެ ކުންފުނިން އެމްއެމްޕީއާރުސީއަށް ދައްކާފައެވެ. 9 ޖޫން 2015 މިފައިސާ އެމްއެމްޕީއާރުސީއަށް ދައްކާފައިވަނީ އިބްރާހިމް ރަޝީދުގެ އައިބީއާރު ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ކަމަށް މި ރިޕޯޓުގައި ވެއެވެ. މިފައިސާ އިބްރާހިމް ރަޝީދުގެ ކުންފުނިން އެމްއެމްޕީއާރުސީއަށް ދެއްކިކަމަށް އިބްރާހިމް ރަޝީދު ވަނީ އޭސީސީއަށް ދެއްވި ބަޔާނުގައި އިއުތިރާފުވެފައެވެ. އޭސީސީގެ ތަހުޤީޤަށް އިބްރާހިމް ރަޝީދު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެރަށުގެ ލީސް އިކުއިޒިޝަން ކޯސްޓްގެ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްލައްކަ ފަންސާސް ހާސް ޑޮލަރު ދެއްކީ "ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގ ލިމިޓެޑަކީ" ދިވެހިރާއްޖެއަށް އަލަށް އައި ފޮރިން ކުންފުންޏަކަށް ވެފައި އޭނާ މަސައްކަތްކުރީ އެކުންފުނީގެ ފަރާތުން ދިވެހިރާއްޖެ ރެޕްރެޒެންޓް ކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން މިރަށް އެކުންފުންޏަށް ހޯދައިދިނުމުގައި މެއިން ލިންކަކަށް އުޅުނީ އިބްރާހިމް ރަޝީދު ކަމަށާއި އެކުންފުންޏަށް މިރަށް ލިބިއްޖެނަމަ މިރަށް ހޯދައިދިނުމުގައި މެދުވެރިއަކަށްވާ ފަރާތަކަށް ބޮޑު ފައިދާއެއް ވާނެކަމަށް އޭސީސީއަށް މީހަކު ދިން ބަޔާނުގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *