Ad

މެންޗެސްޓަރ ޔުނައިޓެޑުގެ ބަލިކުރުމަށްފަހު ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ލިވަޕޫލުން ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ވާދަވެރި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗް ލިވަޕޫލުން ކާމިޔާބުކުރީ 4-2 ގެ ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖެހީ ޔުނައިޑެޓުންނެވެ. 10 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ނަތަނިއަލް ފިލިޕްސް ފައިގައި ޖެހިފަ އެވެ. ނަމަވެސް ފެނާންޑޭސް ބޯޅަ ފޮނުވާލީ ސީދާ ގޯލާ އަމާޒުވާގޮތަށް ކަމަށް ބަލާ ޕްރިމިއާ ލީގުން ވަނީ މި ގޯލަކީ ބުރޫނޯ ފެނާންޑޭސް ޖެހި ގޯލެއްގެ ގޮތުގައި ބަލާފައެވެ. ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 34 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ޖެހި ގޯލުންނެވެ. މިއީ ޑިފެންޑަރު ފިިލިޕްސް ދިން ބޯޅައަކުން ޖޮޓާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލެކްސަންޑަ އާނޯލްޑް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޔުނައިޓެޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ފިރްމީނޯ ވަނީ ލިވަޕޫލަށް ތިން ވަނަ ގޯލް ޖަހައިދީފަ އެވެ.

 

މެޗުގެ 68 ވަނަ މިނިޓްގައި އެޑިންސަން ކަވާނީ ދިން ބޯޅައަކުން ޔުނައިޑެޓްގެ ދެވަނަ ގޯލް ޖަހައިދިނީ މާކަސް ރެޝްފޯޑެވެ. މެޗުގެ ފަހު ގޯލް 90 ވަނަ މިނިޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މި ގޯލާއެކު ސަލާހު ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. މިއީ މި ފަހަރުގެ ލީގުގައި އޭނާ ޖެހި 21 ވަަނަ ގޯލެވެ. މި މެޗުގައި ލަނޑު ޖެހުމާ އެކު ސަލާހު ވެފައިވަނީ ފާއިތުވި 100 އަހަރު ތެރޭ ޔުނައިޓެޑް ދަނޑުގައި އެއް ސީޒަނެއްގެ ދެ މެޗުގައި ލަނޑު ޖެހި ލިވަޕޫލްގެ ފުރަތަަމަ ކުޅުންތެރިޔާ އަށެވެ. މިއީ ލިވަޕޫލާ 2015 ވަނަ އަހަރު ހަވާލުވިފަހުން ޔާގެން ކްލޮޕް ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

މި މޮޅާ އެކު މި ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ލިވަޕޫލަށް ވަނީ އަމިއްލަ ބާރު ލިބިފައެވެ. ބާކީ އޮތް ތިން މެޗް ކާމިޔާބުކޮށްގެން ގަދަ ހަތަރަކަށް ލިވަޕޫލަށް އެރޭނެއެވެ. ލިވަޕޫލް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ޗެލްސީއާއި ލެސްޓަރސިޓީއަށް ބާކީ ދެ މެޗް އޮތް އިރު މި ދެޓީމު ބައްދަލުކުރާ މެޗް ވެސް ކުރިއަށް އެބައޮތެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ 36 މެޗުން ހޯދި 80 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ޔުނައިޓެޑް ދެ ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ލެސްޓާ ސިޓީ އަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ފަސް ވަނަ އަށް އެރީ 35 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *