ކޮވިޑް-19 ޖެހިގެން މިއަދު ހަތް ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.
އެނގިފައިވާގޮތުން ނިޔާވެފައި ވަނީ 62 އަހަރުގެ އަންހެނެކެވެ. އޭނާއަކީ މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މިއަދު އެމެޖެންސީގައި އައިޖީމްއެމް ހޮސްޕިޓަލަށް ގެންދިޔަފަހުން ނިޔާވި ދެވަނަ މީހާއެވެ. މި ދެމީހުންވެސް ކޮވިޑަށް ޕޮޒިޓިވެވެ. މިއަދަކީ ރާއްޖެއިން ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި ދުވަހެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ ދެމީހުން ނިޔާވީ ލ.އަތޮޅުންނެވެ. އެއީ އަންހެނަކާއި ފިރިހެކެވެ. މިއަދު ތިން ވަނަ މީހަކު ނިޔާވީ މާލެ އިންނެވެ. އެއީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ މީހެކެވެ. އޭގެ ފަހުން ނިޔާވި ތިން މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 112 އަށް އަރާފައެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮންޓްރޯލެއްނެތި ދަނީ ކޮވިޑް ބަލި ފެތުރެމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށަށްވެސް މިބަލި ވަނީ ފެތުރިފައެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.