Ad

ހަޤީޤީ ހާދިސާ: ޓެކްސީ ޑްރައިވަރެއްގެ ޑައިރީން މެންދަމު ދަތުރު 3

ބައްޗު ހޮޓަލުން ނާސްތާއެއް ކޮށްގެން ކާރަށް އެރީ ގެއަށް ވަންނަ ވަރަށް ދަތުރު ލިބިފައި ނުވާތީ، ދުވަހުގެ އަމާޒަށް ވާސިލުވުމަށްޓަކާއެވެ. މަޖީދީ މަގުން ކާރު ދުއްވަމުން ދިޔައީ ސީދާ އިރަށެވެ. މެންދަމުގެ ވަގުތުކަމުން މަގު އޮތީ ވަރަށް އަމާންކޮށެވެ. ޓްރެފިކެއް ނެތެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މަޖީދީ މަގު ކަންމަތީގައި ހުރި ދެބައި އުމުރުގެ އަންހެނަކު އަތް ނެގުމުން ކާރު މަޑުކޮށްލީމެވެ. ކުރީ ޝީޓުގެ ބިއްލޫރިގަނޑު ތިރިކޮށްލުމުން އޭނާ އެދުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްދިނުމަށެވެ. އޭނާ ނަގައިގެން އެދިމާއަށް ދުއްވަން ފެށީމެވެ. ކާރަށް އެރީއްސުރެ އެމީހާގެ އަނގަ ހުއްޓުމަކަށް ނާދެއެވެ. އެކި ކަހަލަ ވާހަކަތައް ދައްކަމުން ގެންދެއެވެ. ބައެއް ފަހަރު އަންހެނެއްގެ ވަރަށް ޒާތީ ވާހަކަތައްވެސް ތިލަކުރެއެވެ.

އޭނާ ބުނި ގެސްޓްހައުސް ކައިރިއަށް ކާރު މަޑުކޮށްލީމެވެ.

"މިތާ ކުޑަ އިރުކޮޅަކު މަޑުކޮށްލާ އިނގޭ. އެބަ އަންނަން ލާރި ހިފައިގެން،" ކާރުގެ ދޮރު ހުޅުވާލަމުން އެ އަންހެން މީހާ ބުންޏެވެ.

މާގިނައިރެއް ނުވެއެވެ. މީހަކު ކާރުގެ ބިއްލޫރީގައި ޓަކި ޖަހާލުމުން ބަލާލިއިރު އެހުރީ، ފުރާ ފުރިހަމަވެފައިވާ ރީތި އަންހެން ކުއްޖެކެވެ. ދޮރު ހުޅުވާލަ ދިނުމުން، 500 ރުފިޔާގެ ނޫޓެއް ދިއްކޮށްލިއެވެ. އަދި ބުންޏެވެ؛ "މަންމަގެ ދަތުރުގެ ލާރި ކަނޑާލަދީ އަވަހަށް!"

މާރުކުރެވޭ ވަރަށް ވަކި ލާރިއެއް ނެތެވެ. އެހެން ބުނުމުން އެކުއްޖާ ޖަހާލީ ހިނިގަނޑެކެވެ. މާރު ކުރެވޭނެ ގޮތަކާ މެދު ދެ މީހުން މަޝްވަރާކުރަން އިރުކޮޅަކު މަޑުކޮށްލީއެވެ. އަންހެން ކުއްޖާ އެދުނީ ކާރު ޕާކުކޮށްފައި އޭނައާއެކު ގެސްޓްހައުސް އަށް ވަނުމަށެވެ. އަހަރެންނަށް ވިސްނާލަން ވެސް ހަނދާނެއް ނެތެވެ. ކާރު ބާއްވާފައި އޭނައާއެކު އެތެރެއަށް ވަނީމެވެ. ކޮޓަރީގައި އޭނަގެ މަންމަ ޓީވީ ބަލަން އޮތެވެ. ކޮޓަރީގައި ހުރީ ހަމައެކަނި ޓީވީގެ އަލިކަމެވެ. އެނދުކައިރީގައި ހުރި ގޮނޑިއެއް ދައްކާފައި އެތާ އިށީނުމަށް ޒުވާން އަންހެން ކުއްޖާ އެދުނެވެ.

ދެމައިންގެ އަތް ދަބަސް ބަލާ ހެދުމުން ވެސް ކާރު ދަތުރުގެ ލާރި ހަމައެއް ނުވިއެވެ. އަންހެން ކުއްޖާ އައިސް އަހަރެންނާ ވަރަށް ގާތުގައި އެނދުގައި އިށީނެވެ. ވިންދު އަވަސްވާން ފެށިއެވެ. ނުތަނަވަސްވަނީއެވެ. ޓީވީ ނިއްވާލައިފިއެވެ. ކޮޓަރި އަނދިރިވެއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ފަލަ މަސްގަނޑުގައި ފިރުމަން ފެށިއެވެ. ވައި އަޑަކުން ބުނެލިއަޑު އިވުނެވެ؛ "ލޯމަރާލައިގެން ރީއްޗަށް އިނދޭ. އަރާމު އިންތިހާ ދޭނަން!"

ފަހަތުން އަހަރެންގެ މޭމަތީގައި ވެސް ފިރުމަން ފެށިއެވެ. އަދި ކިހިލި ފަތްދަށަށް އަތްލައްވާލައި އަހަރެން ކޮޅަށް ނެގިއެވެ. އެއަށް ފަހު އެނދު މައްޗަށް ހުރަހަށް ވައްޓާލިއެވެ. ދެން އެ ފެށުނީއެވެ. ދެމީހުން ދެފަރާތުން އަހަރެންގެ ހަށިގަނޑު ހީވަނީ ދިރުވާލަފާނެ ހެންނެވެ. އެފަދަ އިހްސާސެއް ކުރިން ތަޖުރިބާކުރެވިފައެއް ނުވިއެވެ. އަހަރެންގެ ހިއްސުތައް ހަމައިން ނައްޓުވާލީ މާއަވަހަށެވެ. ވަރުބަލިކޮށްލައިފިއެވެ. ލޭގެ ހިނގުން މަތިވެއްޖެއެވެ. އެއަށް ފަހު ހަށިގަނޑުން ވާގި ދިޔަ ކަހަލައެވެ. ލޯ މެރުނެވެ.

ހޭވެރިކަން ވީއިރު އެނދުގައި އޮތީ އަހަރެން އެކަންޏެވެ. ތެދުވެގެން ފާހާނާއަށް ވަދެ، މޫނު ދޮވެ ތާހިރުވެލައިގެން ނުކުތްއިރު ކޮމެވެސް މީހަކު ކޮޓަރީގެ ދޮރު ހުޅުވަނީއެވެ. ދޮރުން އެވަނީ ފުލުހުންގެ ޔުނީފޯމުގައި ތިބި ދެމީހުންނެވެ. އެމީހުން ސުވާލުކުރިއެވެ.

"ތީ ކާކު؟ މިތާ ކީއްތިކުރަނީ. މިތާ ތިބޭ މީހުން ކޮންތާކަށް ދިޔައީ!"

އަހަރެން ހުރީ ފާޑަކަށް ގަނޑުވެފައެވެ. އެމީހުންގެ އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް ނެތެވެ. އެމީހުން ހީކުރީ އަހަރެން މީ ވަގެއް ކަމަށެވެ. އެމީހުން ބޭނުންވީ އަހަރެން ފުލުހުންނާ ހަވާލުކުރާށެވެ. އެހިސާބުން އަހަރެން ބިރުން ހުރެ ވާހަކަ ދެއްކީމެވެ. ކަންވީގޮތް ކިޔައިދިނީމެވެ. އެމީހުން ފެށީ ހޭށެވެ. އެކަކު ބުންޏެވެ؛ "ކްލައިންޓެއް ދޯ!"

ތިން ހާސް ފައްސަތޭކަ ރުފިޔާ ދިނުމަށް އެމީހުން އެދުނެވެ. އޯވަރނައިޓެއް ކަމުން ފައްސަތޭކަ އިތުރުކޮށްފައޭވެސް ބުންޏެވެ. އަހަރެން ރަނގަޅު މަޅިއަކަށް މެހިއްޖެކަން މިހިސާބުން ޔަގީންވިއެވެ. އަތުގައި އެވަރަށް ފައިސާ ނެތްކަމަށް ބުނުމުން ކާރުގެ ތަޅުދަނޑި އަތުލިއެވެ. އަދި ތަޅުދަނޑި ލިބޭނީ ފައިސާ ގެނެސްދިނީމަ ކަމަށް ބުންޏެވެ.

ތަޅުދަނޑި އެމީހުން އަތަށް ދީފައި ގެސްޓް ހައުސްއިން ނުކުމެގެން ވިލިނގިއްޔާ ދިމާލު ތޮށިގަނޑުމަތީގައި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ލުމަށް ފަހު މިކަމުން ސަލާމަތްވާނެ ގޮތަކާމެދު ވިސްނަން ފެށީމެވެ. ސިކުނޑިއަށް އައި ހަމައެކަނި ހައްލަނީ އެމީހުން ބުނި ވަރަށް ފައިސާ ދިނުމެވެ. އެހެންވެ ދެތިން ރައްޓެހިންނަށް ގުޅާ އެ އަދަދަށް ފައިސާ ހަމަކޮށްގެން ގެސްޓު ހައުސްއަށް ދިޔައިރު ދެ އަންހެނުން ވެސް ތިއްބެވެ.

ދޮރުމަތީގައި ހުރެ ލާރި ދިއްކޮށްލުމުން ފިރިހެނަކު އައިސް ލާރީގައި ހިފިއެވެ. އަދި ރޭގެ ކާރު ދަތުރަށް 100 ރުފިޔާ ދިނެވެ. އަދި ފޯނު ނަމްބަރެއް ވެސް ދިއްކޮށްލިއެވެ. ބުންޏެވެ؛ "އެހެން ރައްޓެއްސަކު ވެސް ބޭނުމިއްޔާ މިތަނަށް ގެނެސްދީ އިނގޭ. ކަމިޝަން ދޭނަން. ބޮލަކަށް ފައްސަތޭކަ ތިކޮޅަށް އޮންނާނެ!"

މިވީ ގޮތް މިހާރު އެނގިއްޖެ ނޫން ހެއްޔެވެ؟ އަހަރެން ގެއަށް ގޮސް ނިދޭތޯ އުޅެއުޅެ ނުވެސް ނިދުނެވެ. ރޭގަ ވިސްނާނުލާ ހެދުނު ގޯސް، އިތުރަށް ގޯސްވެ، މުޅި ދިރިއުޅުން ބަރުބާދު ވެދާނެތީއެވެ. އެހެންވެ އަހަރެން ނިންމީ ދުވަސްކޮޅަކަށް ރަށަށް ޖައްސާލާށެވެ. ދެ ދުވަސް ފަހުން ފުރި ބޯޓަކުން ރަށަށް ގޮސް، ދާން ފެށީ މަހަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *