Ad

ފަލަސްތީނު ކުއްޖެއްގެ ހިތުގެ އާދޭސް

އަހަރެމެންގެ ލޮލުން ކަރުނަ ހުސްވެއްޖެއެވެ. ލިބޭ އަނިޔާއާއި ތަދާއި ވޭނުގައި ރޮއިރޮއި އެވެ. ހިތުގެ ބިރުވެރިކަން ފިލާ ހިނގައްޖެއެވެ. ޔަހޫދީ ސިފައިންގެ ބަޑި އާއި ޓޭންކަރާއި ބަރުހަތިޔާރުގެ ކުރިމަތީގައި ހިތްވަރު ދައްކައިގެންނެވެ. އެމީހުންނާމެދު އަހަރެމެންގެ ހިތުގައި ރަހުމެއް ހަމްދަރުދީއެއް ނުވެއެވެ. އެއީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައިވާ މަކަރުވެރި ފޭރޭ ބައެކެވެ. އެމީހުން އަހަރެމެންގެ ގެތަކަށް ބޮމާއި މިސައިލުން ހަމަލާދީ ސުންނާފަތިކޮށް ބިމާހަމަކޮށްފިއެވެ. އެކަމަކު އަހަރެމެންގެ ހިތުގެ ސާބިތުކަން ވަރުގަދަކަމުން ފުރާނަ ހުރިހާ ހިނދަކު އެމީހުންގެ ކުރިމަތީ ކުޑަކަކޫ ޖަހާނެ އެއްވެސް ހަމައެއް ނެތެވެ. އަހަރެމެން އަތުގައި ހަތިޔާރެއް ނެތެވެ. އެކަމަކު އެމީހުން ސުންނާފަތި ކޮށްފައިވާ އިމާރާތްތަކުން ލިބޭ މުށަށް ހެޔޮވަރު ގާކޮޅުތަކުން އެމީހުންނަށް ހަމަލާދެމެވެ. އެއްވެސް ބިރުވެރިކަމެއް ނެތިއެވެ.

އޭ އިސްލާމީ ޤައުމުތަކުގެ ވެރިންނޭވެ! މާތްﷲ ގެ މަތިވެރިކުރެއްވި މި ބިމުގެ ހިމާޔަތުގައި އަހަރެމެންގެ މިތިބީ ވަރުބަލިކަމެއް ނެތިއެވެ. އެހެނަސް ތިޔަ ބައި މީހުން ތިޔަ ތިބީ ދުނިޔެއައިގެން ވަރުބަލިވެފައެވެ. މާއްދިއްޔަތުގެ އަވާގައި ޖެހި ޣާފިލުވެފައެވެ. ޔަހޫދީންގެ މަކަރުވެރި ރޭވުންތަކުގައި ބެނދެވި ދޫ ބަންދުވެ، ލޯތައް އަނދިރިވެފައެވެ. އަހަރެމެން ދާއިމަށް އުފުލަމުން މިދާ ވޭނާއި ކެކުޅުމުން ސަލާމަތްކޮށްދިނުމަށް އެދި ﷲގެ ހަޟުރަތުގައި ހެޔޮ ހިތުން ދުޢާއެއް ކޮށްލަދޭންވެސް ނުކެރިފައެވެ. ބޮލަށް ބޮންއަޅާފާނެތީ ބިރުންނެވެ. ޔަހޫދީ ބޭންކުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީއެވެ. ޔަހޫދީންގެ ނުރުހުން ލިބިދާނެތީއެވެ. ތިޔަބައި މީހުންގެ ނިޔަތް ތިޔަ ވަނީ ކިލަނބުކޮށްލާފައެވެ. ކަންބޮޑުނުވާށެވެ. އަހަރެމެން ކިތަންމެ ހަގަސް، މި ބިމުގެ ހައްގުގައި، އަޤްސާ މިސްކިތުގެ ހައްގުގައި މިތިބީ ދުޢާ އަށް އަތް އުފުލައިގެންނެވެ. ބިރެއް ނެތިއެވެ. ލަދެއް ނެތިއެވެ. ފިނޑިކަމެއް ނެތިއެވެ. ވަރުބަލި ކަމެއް ވެސް ނެތިއެވެ.

އޭ ދުނިޔެއަށް ގެއްލި ހުސްވެފައިވާ މުސްލިމު އާބާދީއާއެވެ. އަހަރެމެންގެ ސްކޫލުތައް ފުނޑުފުނޑުކޮށްފިއެވެ. ފެނާއި ކާނާއަށް ހުރި މަގުތައް ބަނދުކޮށްފިއެވެ. ހޮސްޕިޓަލްތަކުގެ ޚިދުމަތް ހުއްޓުވައިފިއެވެ. ކަރަންޓުގެ އަލިކަމެއް ނެތި މުޅި މަޝްރަހު އަނދިރިކޮށްލައިފިއެވެ. އަހަރެމެންގެ ޖައްވު ދޭތެރެދޭތެރެއިން ހަވާގެ މަންޒަރުތަކެއްގެން އަލިފާނުން ދިއްލާލަނީ އިޒްރޭލުގެ ބޮމާއި މިސައިލްތަކުގެ ގޮވުންތަކުންނެވެ. ސޯޝަލް މީޑިޔާގައި އެ މަންޒަރުތައް ޝެއާ ކޮށްލުން ފިޔަވައި ތިޔަބައި މީހުންނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ކޮންމެ ނަމާދަކަށް ފަހު އަހަރެމެންގެ މަތިން ހަނދާންކޮށް އަޑުހަރުކޮށް ދުޢާ ކޮށްލަދޭނަމަހީވެސް އަހަރެމެންގެ ސާބިތުކަން އިތުރަށް ވަރުގަދަވީހެވެ. އެވަރުވެސް ކޮށްނުލެވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލި، ހަށިގަނޑުގެ ގުނަވަންތައްވެސް ގެއްލިދަނީއެވެ. އަތާއި ފަޔެވެ. ކަންފަރާއި ލޮލެވެ. އެކަމަކު އެއް ފައި މައްޗަށް ކޮޅަށް  މި ތިބެނީ ދިފާޢުގައި މޭ ދިއްކޮށްގެންނެވެ. ފަލަސްތީނުގެ ނަން ދިރުވުމަށްޓަކައި ފަޚުރުވެރިކަމާއެކުގައެވެ.

އޭ މީޑީޔާތަކުގެ ފިނޑިންނޭވެ! ފެންނަ މަންޒަރު ފެންނަ ގޮތަށް، އިވޭ އަޑުތައް އިވޭ ގޮތަށް ދުރަށް ފޮނުވަން ނުކެރެނީ ކީއްވެ ހެއްޔެވެ؟ ޔަހޫދީންގެ ރިޝްވަތުގެ ފައިސާގައި ޖެހި، ހަޤީޤަތް ވަޅުލަނީއެވެ. އަމިއްލަ ދިފާޢުގައި އަހަރެމެން މިކުރާ މަސައްކަތްތައް ޓެރަރިޒަމްގެ ގޮތުގައި ތިޔަ ސިފަކުރަނީ އާޚިރަތާމެދު ބިރުވެތި ނުވާތީ ހެއްޔެވެ؟ ނިކަން އަޑުއަހާބަލާށެވެ. އެމީހުން އަހަރެމެންގެ ކުރިމަތީގައި މައިންބަފައިން ޝަހީދުކޮށްލައިފިއެވެ. ފުރާވަރަށް އަރާ ދައްތައިންގެ އިއްފަތް ފޭރިގެންފިއެވެ. ގައްޒާގެ ހަގީގީ ވަޒަންވެރިން އެބިމުން ބޭރުކޮށްފިއެވެ. އެމީހުންގެ ގެދޮރުވެސް ފޭރިގަނެ، ޔަހޫދީ އާއިލާތަކަށް ދީފިއެވެ. އަހަރެމެން ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. ކެމެރާ އޮން ކޮށްލަ ބަލާށެވެ. މައިކް ދިއްކޮށްލަ ބަލާށެވެ. މިތިބީ ކެރިގެން ނުކުމެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *