Ad

ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ސީރިޔަސް ބޮޑެތި ތުހުމަތުތަކެއް!

ގާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި، ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ސީރިޔަސް ބޮޑެތި ތުހުމަތުތަކެއް ކޮއްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމާއި، ރާއްޖޭގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި 7 ދަޢުވާއެއް އިޖުރާއީ މައްސަލަތަކާހުރެ، ކޯޓުން ބޭރުކޮށްލުމާއެކު، އެމައްސަލަ ބެއްލެވި ޤާޟީ އިސްމާޢީލް ރަޝީދުގެ ސުލޫކީ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށައެޅިއެވެ. މި މައްސަލަ ބަލާ ނިމެންދެން ދެ މަސްދުވަހުގެ މުއްދަތައް ގާޟީ ސަސްޕެންޑްވެސް ކުރިއެވެ. ސަސްޕެންޑު ކުރި މުއްދަތު ހަމަވުމާއެކު ގާޟީ އިސްމާއީލް ރަޝީދު ވަނީ އަލުން މަސައްކަތައް ނުކުންނަވާފައެވެ. އެމައްސަލަތައް ތަޙްޤީޤުކޮށް ނިންމައި، ޤާޟީ އިސްމާޢީލް ރަޝީދުގެ މައްޗަށްކުރެވޭ ތުހުމަތުތަށް ސާބިތުވާތީކަމަށްބުނެ ޤާޟީކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމައި ޖުޑީޝިއަލް ސަރވިސް ކޮމިޝަނުންވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ނޫސް ބަޔާނުގައިވާ ގޮތުން، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހެޅި 7 ދަޢުވާ ކޯޓަށް ހުށަހެޅުމުގެ ކުރީގައި، ޤާޟީ އިސްމާޢީލް ރަޝީދުވަނީ އެދަޢުވާތަކުގެ ޙުކުމް ލިޔެ ޕެންޑްރައިވެއްގައި “trip finale v2” ކިޔުނު ފޯލްޑަރއެއްގައި ސޭވްކޮށްފައެވެ. އެހެން ނަމަވެސް، މިއީ އެތަކެއް ސުވާލެއް އުފެދޭ ކަމެކެވެ.

ދަޢުވާއެއް ކުރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރީގައި އެދަޢުވާއެއްގެ ޙުކުމް، ޤާޟީއަކު ލިޔެ ނިންމާނީ، ކިހިނެއްތޯއެވެ؟ ދަޢުވާ ކުރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރީގައި، އެދަޢުވާ ކުރިމިނަލް ކޯޓުން ބަލާނެ ޤާޟީ ކަނޑައެޅިފައިވަނީ ކިހިނެއްތޯއެވެ؟ ޤާޟީއަކު، ކޯޓަށް ހުށަނޭޅޭ މައްސަލައެއްގެ ޙުކުމްތަކެއް ލިޔެ، ޤާޟީއަކު ޙުކުމްތަކުގެ ސޮފްޓްކޮޕީ ކޯޓުގެ ސިސްޓަމެއްގައި ބަހައްޓަފާނެތޯ؟ ނުވަތަ ޕެންޑްރައިވް ކޯޓުގައި ބާއްވާފާނެތޯ؟ އެފަދަ ނުރައްކާތެރިކަމަކަށް އަމިއްލައަށް ހުށަހެޅިދާނެތޯ؟

ކޮންމެއަކަސް ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ ނޫސް ބަޔާނާއި ގުޅިގެން ސީރިޔަސް ތުހުމަތުތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ކުރެވެއެވެ. އެއީ، ދަޢުވާތަކެއް ކުރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރީގައި އެދަޢުވާތަކުގެ ޙުކުމް، ޤާޟީއަކަށް ލިޔެވުނަސް ލިޔެވޭނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދުރާލައި އަންގައިގެންކަމުގައި ޤަބޫލުކުރެވެން އެބައޮތެވެ. އެހެން ނޫންނަމަ، އެދަޢުވާތަކާއި، އެދަޢުވާ ބިނާކުރާގޮތާއި، ދަޢުވާކުރާ ސަބަބުތަކާއި، ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިންގެ މަޢުލޫމާތެއް ނޭނގި ޤާޟީއަކު، މައްސަލައެއްގެ ޙުކުމެއް ލިޔުމަކީ މުސްތަޙީލުކަމެކެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، މީގެން އެއްވެސް ކަމެއް ޤަބޫލެއްނުކުރެވެއެވެ.

މިކަމާގުޅޭގޮތުން މަޝްހޫރު ޤާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ، ދަޢުވާ ހުށަހެޅުމުގެ ކުރިން އެ ދައުވާތައް ގާޒީއަކަށް ލިބިއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ ޕީޖީ ކަމަށެވެ.

"އެމީހުން މި ބުނަނީ ދައުވާ ހުށައެޅުމުގެ ކުރިންވެސް މައްސަލަ ނިންމާނެގޮތް ކޮންމެވެސް ޕެންޑްރައިވް އަކުން ފެނުނޭ. ޖޭއެސްސީގެ ނިންމުމުގައި ބުނެފައިވަނީ އެ ދައުވާތައް ހުށައެޅުމުގެ ކުރީގައި ފަނޑިޔާރު މައްސަލަ ނިންމާގޮތް ލިޔަން ފަށައިފިއޭ. އެހެންވެއްޖެއްޔާ ޕީޖީން ތައްޔާރުކޮށްފައިވާ ދައުވާތަކެއް ފަނޑިޔާރަށް ލިބޭނީ ޕީޖީން ދިނީމަ ނޫނީ ބުނެދިނީމަ ދެއްތޯ. ދައުވާ ހުށައެޅުން ކިޔަނީ ކޯޓަށް މައްސަލަ ވެއްދުމުން. ވެއްދުމުގެ ކުރިން އެ ދައުވާ ތަކުގަ އޮތް އެއްޗެއް ނޫނީ އެދައުވާތައް ގާޒީއަށް ލިބޭނީ ޕީޖީތެރެއިން ކޯޓަށް ފޯރުކޮށްދިނީމަ ދޯ ލިބޭނީ. ކޯޓުގަ މި އޮންނަ އުސޫލަކީ މައްސަލައެއްގަ ދައުވާ އުފުލުނީމަ ރެޖިސްޓްރޭޝަން މަރުޙަލާ ނިންމާފަ ކޯޓުގަ އިސް ފަނޑިޔާރަކަށް ހުންނަ މީހާ އެ މައްސަލަ ބަލާނެ ފަނޑިޔާރެއް ކަނޑައަޅާނީ. މިހާރު މީގަ ވާ ގޮތުން ދައުވާ ހުށަހެޅުމުގެ ކުރިން ހުކުމް ޤާޟީ ލިޔަން ފަށައިފިއްޔާ އޭގެ މާނަޔަކީ ޕީޖީތެރެއިން އެއޮތީ ކޯޓަށް ނުވަތަ ވަކި ގާޒީއެއްގެ އަތަށް ދައުވާތައް ފޯރުކޮށްދީފަ. އެހެންވީމަ ޖޭއެސްސީން އެ ދައްކާ ވާހަކައަކީ ދެކޮޅުނުޖެހޭ ވާހަކައެއް. ޖޭއެސްސީން ބުނި ގޮތަށް އެކަން ހިނގާފައޮތިއްޔާ އޭގަ އޮތީ ޕީޖީގެ މައްސަލައެއް. ގާޒީގެ މައްސަލައެއް އެއަކު ނެތް. މިކަމުގަ ފިޔަވަޅު އަޅަންޏާ އަޅަންޖެހޭނީ ޕީޖީއާ ދޭތެރޭގަ." ރައީސް ޔާމީންގެ ލޯޔަރު އާދަމް އާސިފް ވިދާޅުވިއެވެ.

ޖޭއެސްސީގެ މި ނިންމެވުމާއި ގުޅިގެން ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ތިޔަހުރިހާ ކަމެއް އެތާތިބޭ ޕްރޮސިކިއުޓޜުންލައްވާ އެމީހުނގެ ނުގަބޫޅުގައި ކުރުވާމީހަކީ ޕީޛީ ޝަމީމު. އެކަންތަކާ ކެތްނުކުރެވިގެން ކިތައްކުދިންތޯ ތިޔަތަނުން އަމިެްލަޔަށް ވަކިވަނީ.މުހައމަދު

  2. އަޅުގަނޑުގެ ނަޒަރުގައި މައްސަލަ ހުށައެޅުމުގެ ގާޟީ އަށް މައުލާތު ފޯރު ކޮށްދިނީ ޕީޖީ ކަމުގައިވެފައި އެމައުލޫމާތަށް ބިނާ ކޮށް ސަރީ އަތްކުރުމަކައި ނުލައި ހުކުމް ލިޔެފި ނަމަ، މައުލޫމާތު ފޯރު ކޮށްދިން ފަރާތާއި، ހުކުމްލިޔުނުފަރާތް ވެސް ކުއްވެރިވާންޖެހެއެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *