Ad

އިޒްރޭލަށް ގެންދަން އުޅުނު ހަތިޔާރު ބަރުކުރަން އިޓަލީގެ މަސައްކަތްތެރިން ދެކޮޅު ހަދައިފި

ހައްދުފަހަނައަޅަފައިވާ ޓެރަރިސްޓް ދައުލަތެއްކަމަށް ގިނަ ބަޔަކު ސިފަކުރާ އިޒްރޭލަށް ގެންދެވޭ ހަތިޔާރުތަކެއްކަން އެނގުމުން އެ ހަތިޔާރުތައް ބޯޓަށް ބަރުކުރުމަށް އިޓަލީގެ ބަނދަރެއްގައި މަސައްކަތްކުރާ މަސައްކަތްތެރިން ހަޅުތާލުކޮށް ދެކޮޅުހަދައިފި އެވެ.

އިޓަލީގެ އިރު އުތުރުގައި އޮންނަ ރަވެއްނާގެ ބަނދަރުން މުދާ ބަރުކުރަމުން ދިޔަ އާސިއާޓިކް ލިބަޓީ ނަމަކަށް ކިޔުނު މުދާ އުފުލާ ބޯޓަކަށް ބަރުކުރެވޭ ހަތިޔާރުތަކަކީ އިޒްރާއީލުގެ އަޝްޑޯޑްގެ ބަނދަރަށް ބޭލޭ ހަތިޔާރުތަކެއްކަން އެ ބޯޓަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހުންނަށް އެނގުމުން، އިޓަލީގެ ވިޔަފާރި ޔޫނިއަންތައް ގުޅިގެން އެ ބަނދަރުގައި އިއްޔަ ފެށި ހަޅުތާލުގެ ސަބަބުން އެ ބަނދަރުން ބޯޓަށް ހަތިޔާރު ބަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅުކަމާއި އަދި ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ އެކުގައި ވާކަން ހާމަކުރުމަށް ހިންގުނު މި ހަޅުތާލު އިންތިޒާމްކުރި މިނިވަން ޓެރޭޑް ޔޫނިއަން، ޔޫ.އެސް.ބީ އިން މި ހަޅުތާލާ ގުޅިގެން ބުނެފައި ވަނީ؛ "ހަނގުރާމައާ ދެކޮޅުހެދޭނެ ސުލްހަވެރި ހަމައެކަނި މަގަކީ، އެކަމާ ދެކޮޅަށް ތެދުވަން ލިބޭ ކޮންމެ ފުރުޞަތެއްގައިމެ ތެދުވެ (ހަނގުރާމައާ ) ދެކޮޅުވެރިކަން ހާމަކޮށްދިނުން" ކަމަށެވެ.

އިޓަލީ އިން ނުވަތަ އެންމެ ކުޑަމިނުން ރަވެއްނާގެ ބަނދަރުން އިޒްރޭލަށް ހަތިޔާރު ބޭރުނުކުރެވޭނެކަން ޔަޤީންކޮށްދޭ ކަމަށްވެސް މި ޔޫނިއަން އިން އިއްޔެ ވަޢުދުވެފައި ވާއިރު، ބޯޓުގެ ވެރިފަރާތުން މިއަދު މިވަނީ އެ ބަނދަރުން ބޯޓު ބަރުނުކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

އިޓަލީގެ އެހެން ބޮޑު ބަނދަރެއްކަމުގައިވާ ލިވޯނޯ ބަނދަރުން މުދާ ބަރުކުރަމުން ގެންދިޔަ އެހެން ބޯޓަކަށް، އިޒްރޭލަށް ގެންދާ ހަތިޔާރު ބަރުކުރުންވެސް މި ޖަމާޢަތުން ހުއްޓުވާފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.

(ބައިނަލް އަޤްވާމީ ނޫސްތައް)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *