ތުރުކީގެ ވެރިރަށް އިސްތަންބޯލްގެ މެދުތެރޭގައި ބިނާކުރަށްވާނެކަމަށް ރައީސް އުރުދުޣާން ވަޢުދުވެވަޑައިގެންނެވި މިސްކިތް ބިނާކުރަށްވައި އިއްޔެގެ ހުކުރުނަމާދާއެކު މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
ވެރިރަށް އިސްތަންބޯލުގެ މުހިންމު ސަރަޙައްދެއްކަމަށްވާ ތަޤްސީމް މައިދާނުގައި، މިސްކިތުގެ ނަމަކަށްވެސް "ތަޤްސީމް މަސްޖިދް" ކިޔިގެން އިއްޔެ ހުޅުވުނު މި މިސްކިތަކީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ބިނާކުރަން ފެއްޓުނު މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވުމުގެ ވަޢުދު ރައީސް އުރުދުޣާން އެންމެ ފުރަތަމަ ވެވަޑައިގެންފައި ވަނީ އިސްތަންބޯލުގެ މޭޔަރަކަށް އެ މަނިކުފާނު ހޮވިވަޑައިގެންނެވި 1994 ވަނަ އަހަރުގެ ތެރޭގައެވެ.
ލައިބްރަރީއަކާއި މަޢުރަޟު ހޯލެއްގެ އިތުރުން ކާރ ޕާކިންގ އޭރިއާއެއް ވެސް ހިމެނިގެން ތަރައްޤީކުރެވިފައިވާ މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 4000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށްވެސް ތުރުކީގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.
ތަޤްޞީމް މިސްކިތް ފަރުމާކޮށްފައި ވަނީ އެ މިސްކިތުގެ 30 މީޓަރުގެ އުސްމިނުގެ ގުއްބު، ތުރުކީގެ ކުރީގެ ސެކިޔުލަރ ވެރިޔާ މުސްތަފާ ކަމާލް އަތާތުރްކު "ޖުމްހޫރީ ތުރުކީ" އަކަށް އެޤައުމު ބަދަލުކުރި ކުރުން ރަމްޒުކޮށްދިނުމަށް ހެދިފައިވާ މޮނިއުމަންޓުގެ މައްޗަށް އިސްލާމީ ރަމްޒު ގަދަވެގެންދާ ގޮތަށްކަންވެސް ފާހަގަކޮށްލެވެއެވެ.
(ރޮއިޓާރސް ނޫސް އެޖެންސީ)