މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީގެ އަނެއް ތިން ބާރުގެ މައްޗަށް ގަދަވެގެންވާ ހަތަރުވަނަ ބާރެއްކަމީ ފޮތްތަކުގައި ލިޔެވި ދޫތަކުން ކިޔެމުން އަންނަ ތެދެއްމެއެވެ. ރައްޔިތުންގެ މަޖްލީހުގެ ވަޅީގެ "ވަރުހުރި ތުނޑު" ތަކުގެ މައްޗަށްވެސް އެންމެ ނޫހެއްގައި ޝާއިޢުކޮށްލި "ސިންގަލް" ރިޕޯޓެއްގެ ބާރުހުރިކަން، ސިޔާސީންގެ މެދުގައި މަޤްބޫލު އަދި ނުފޫޒުގަދަ މަންސައެއް ކަމުގައިވާ ޓްވިޓާރ އަށް މިހިނދު ބޯދިއްކޮށްލައިފިނަމަ ލޮލުގައި އަޅައިގަނެ ނުދާނެއެވެ.
ޑިމޮކްރެޓިކް ހަމަތަކުން ރާއްޖޭގެ ވެރިކަމަށް އެންމެ ފުރަތަމަ އިސްކުރެވުނުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން މިމަހުގެ 6 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގައި ރޭޒާ ފުއްތަކަކުން އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޙައްތަކުގެ އިތުރުން އެރޭޒާ ފުއްތައް ވެރިކަމުގެ އެތެރެކޮއިލާއި ހަމައަށްވެސް ފޯރައި "ޒަޙައްމަތަކެއް" ދީފައިވާކަން ބޭއިޚްތިޔާރުގައި ނަމަހީވެސް ޓްވިޓަރއަށް ދޫވެގެންދާ އިޙްސާސްތަކުންމެ ޑައިގްނޯޒް ކޮށްދެއެވެ.
ރައީސް ނަޝީދަށް ދެވުނު ނިރުބަވެރި ޙަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ "ބްރީޗް" ވެފައިވޭތޯ ބެލުމަށް މަޖްލީހުގެ ވަޅީގެ ވަރުހުރި ތުނޑުތަކުން ކޮށްޓައި ހާވައި ބަލަން ފަށައި އެކަން އިޢުލާނުވެސް ކޮށްފައި ވަނިކޮށް ޑިމޮކްރެސީގެ ހަތަރުވަނަ ބާރު މިނިވަން ނޫސްވެރިކަމު އެންމެ "އެތިފަހަރެއް" އަކުން މިވަނީ ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ އިޙްސާސްތަކާއި ކެތްތެރިކަން "ބްރީޗް" ކޮށްފައެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުޚީގެ ދަށުން "މިހާރު އޮންލައިން" ގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅިގެން ރައީސް ނަޝީދު ނިޞްބަތްވެވަޑައިގަންނަވާ އަދި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ އިން ބަޔާނެއް ނެރެ، މިހާރު ނޫހުގެ އެ ޢަމަލަކީ ރައީސް ނަޝީދަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ފަތުރާފައިވާ ޕްރޮޕަގެންޑާ އެއްކަމަށް ޞިފަކޮށް، ނިކަން ހަރުއަޑުން ހަމަ އެދުވަހު އެކަން ކުށްވެރިކޮށްފައި ވެއެވެ. އަދިހަމަ ރައްޔިތުންގެ މަޖްލީހުގެ 241 ކޮމިޓީ އިން އެ އާރޓިކަލްގެ މައްސަލަ ބަލަމުންގެންދާކަން ބަޔާންކޮށް ނޫސްބަޔާނެއް ނެރުމާއެކު ނޫސްވެރިކަމާއި ނޫސްވެރިންގެ ޙައްޤުޤައި މަސައްކަތްކޮށް އަޑުއުފުލުމަށް އެކުލަވާލާފައިވާ ޤާނޫނީ ގުނަވަންތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ހިންދިރުވާލައި ހިފަހައްޓައިގެން ތިބި ޝުޢޫރުތައް "ބްރީޗް" ވެގެންދިޔަކަހަލައެވެ.
އެ ލިޔުމާ ގުޅިގެން، ލިޔުން ލިޔުނު ނޫސްވެރިޔާއާއި، ލިޔުން ޝާއިޢުކުރި ނޫހާއި އަދި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތުގެ މަޞްދަރާ ގުޅޭގޮތުން އެ މައްސަލަ، ވަރު ހުރި ތުނޑު ލިބިގެންވާ މަޖްލީހުގެ 241 ކޮމިޓީއަށް ވެސް ބެލޭނެކަމަށް ޤަބޫލުނުކުރާކަން ހާމަކޮށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ "އެމްޖޭއޭ" އިން މިއަދު ބަޔާނެއް ނެރެފައިވެއެވެ.
ނޫސްވެރިކަން މޮނިޓަރކޮށް ކުރިއެރުވުމުގެ ޤާނޫނީ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަޔާނެއް ނެރެ، އެފަދަ އިންކުއަރީއެއް މަޖްލީހުން ހިންގުމަކީ މިނިވަން ނޫސްވެރިކަން ވަޒަންކުރާ މިންގަޑުން ބަލާއިރު ފަހަތައް އެޅިގެންދާ ފިޔަވަޅެއްކަމާއި އަދި މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއްކަމުގައި ބުނެފައި ވެއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށްވެސް އެމްއެމްސީ ގެ ބަޔާނުގައި މަޖްލީހަށް އިލްތިމާސްކޮށްފައި ވާއިރު، "އެޑިޓާރސް ގިލްޑް" އިންވެސް ބުނެފައިވަނީ، މިހާރު ނޫހުގެ ރިޕޯޓުގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ކަމުގައެވެ.
ކުއްލިއަކަށް "ބްރީޗް" ތައް މުޑިއެރި ކަހަލައެވެ. ޙައްޤުތައް ފުށުއެރި ކަހަލައެވެ. "ފުމެލި ކަށިގަނޑު" ގެ "ރޭޒާ ފުށް" ގެ އިންކުއެރީއެއް ހެދެންދެން ކަށިގަނޑުގެ "ބާކޮޅު" ގައި އިނގިލި އެޅި ކަހަލައެވެ.
ރައްޔިތުންގެ މަޖްލީހުގެ މެމްބަރު އަދި އެމްޑީޕީ ގެ ތަރުޖަމާނު އިމްތިޔާޒު ފަޙްމީ ކުރެއްވި ޓްވީޓެއްގައި: "މިހާރުނޫސް ކުށްވެރިކުރީ އެތިކްސްއާ ޚިލާފަށް ވިޔަސް ލިޔުމުގެ ޙައްޤު އޮންނަކަމަށް ދެކިގެން ލިޔާގޮތަށް، ކުށްވެރިކުރުމުގެ ޙައްޤަކީ ވެސް އޮންން އެއްޗަކަށްވާތީ!" ކަމަށް ވިދާޅުވެ މިހާރުގެ ރިޕޯޓު ކުށްވެރިކުރުމަށް އެމަނިކުފާނަށް ލިބިގެންވާ ޙައްޤުގެ ބޭނުންހިފުން ދިފާޢުކުރަށްވާފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑޭވެސް ޓްވީޓް ކުރަށްވާފައި ވެއެވެ. މެމްބަރު ވައްޑޭ ކުރެއްވި ޓްވީޓުގައި ޙައްޤަކަށް ވަކާލާތުކުރެއްވުމެއް ނެތި ހެޔޮ ނަޞީޙަތެއް ދެއްވާފައި ވީނަމަވެސް "ކަލަ ގޮވުން" ގެ ކުލަވަރެއް ހުރުމުން "ކޮށި އެރުމެއް" ހުންނަކަހަލަ ނޫންހެއްޔެވެ؟!
"ލިބިފައިވާ މިނިވަންކަން (ތަޢައްސުބުން ނެއްޓި) ޒިންމާދާރުކަމާއެކު ބޭނުންކުރައްވާ! ކުރީން ތިބޭފުޅުން އުޅުއްވަންޖެހުނީ ކޮންހާލެއްގައިތޯ؟" މެމްބަރު ވައްޑެގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުއްވުމުގައި ޓްވިޓާރ އިން ފާހަގަކޮށްލެވޭ އިދިކޮޅު ފަރާތެއްކަމުގައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް ކުރަށްވާފައިވާ ޓްވީޓްގައި ސަމާސަ މޫނެއް ހިމަނުއްވާފައި ވީނަމަވެސް، އެ ޓްވީޓުގައި ހާމަކޮށްފައިވާ ކަންކަމާއި، ސެކިޔުރިޓީ ބްރީޗް އާ ގުޅިގެން "ބްރީޗް" ވަމުންދާ ކަންކަމުގެ އިންކުއެރީ އެއް، މިނިވަން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ހެދޭހިނދު، އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މާޒީގައި ހިނގާފައިވާ ޙަޤީޤަތްތަކާމެދުވެސް މި އިންކުއެރީގައި އަޅާލެވޭ ހިނދު، މާބޮޑު އިތުރު ތަފްޞީލަކަށް ނުދިޔަނަމަވެސް ސުރުޚީއަށް އިންޞާފުކުރެވިއްޖެކަމަށް ޤަބޫލުކުރުމަކީ ޙައްޤުމިންވަރުކަމުގައި ދެކުމަކީވެސް ލިބިގެންވާ ޙައްޤެއް ނަމަވެސް "މަސްގުޅަ" ނުކާވަރުގެ ވާރމް އަޕްއެއް ދީފައިމެނުވީ ދޫކޮށްލެވިއްޖެނަމަ، މިނިވަން ވީނަމަވެސް ޒިންމާދާރު ނޫސްވެރިކަމަށް ނުވެދާނެކަމުގެ ބިރަށް ހަމަދެތިން ޖުމްލައެކެވެ.
ދުވަސްވީ ރަށްވެހިންނަށް "ރަން ތިރީސް" އަހަރުކަމުގައި އޭރުވެފައި އޮތް ނަމަވެސް ޢުމުރުން 18 އަހަރު ފުރުމުން ވޯޓުލުމުގެ ޙައްޤު ލިބިގެންދިޔަ ނޫކަށި ފުރައިގެ ޒުވާނުންނަށް ކުރިން ޤައުމު އޮތް ޙާލަތުމެ ފެނިފައި ނުވުމުންނާއި ބަޔަކު ދައްކަމުން ގެންދާ ހުވަފެންތަކަކީ ހޭލާތިއްބާ ދެއްކޭ އަވާމެންދުރެއްކަން އެ ސިކުނޑިތަކަށް އޭރު ވިސްނިފައި ނުވުމާއެކު، "ތިމަރަ ވަދުތަކެއް" ގައި ދަމަމުން ދިޔަ ހުސްބުޅިތަކުގައި އެރައްޔިތުން ޖެހެމުން ދިޔައެވެ. ވަދުގައި ލެވިފައިވާ ބުޅި ނުފެންނަވަރަށް އޮފްދާރުކަން ލޮލަށް ދައްކާލާ، ބޭރުފުށުން ނަލަ ޗާލު ސްލޯގަންތައް ނުވަތަ ޝިޢާރުތަކުގެ ދަޅައިގެ ތެރެއިންނެވެ. ތާހިރު ދިރިއުޅުމާއި، މިނިވަން ޖުޑީޝަރީއާއި، ނޫސްވެރިކަމުގެ މިނިވަންކަން ފަދަ ޝިޢާރުތަކެވެ. ހިފާނެ ފުރުޞަތެއްމެ ނެތިފައި ފެމުނުތަކެއްހެން އެނބުރި އެނބުރިލައި ތިބި، ވެރިކަމަށް ފެންބޮވައި ދާއިމީ ގޮތެއްގައިވެސް ކަރުތެރެ ހިކިފައި ތިބޭ މަދުބައެއް އެމީހުންގެ ކަރުހިއްކުން ފިލުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.
ދެވަނަ ސާސްކަފުގެ ކުރީކޮޅުގައި ޑިމޮކްރެސީ އަށް ރާއްޖެ ގަދަކަމުން "ބަލިވެބައިންދައިގެން" ދުވަސްނުފުރާ 2008 ވަނަ އަހަރު "ވިއްސި" އިރު، ނަޞްލުކަށަވަރުނުކުރެވިވާ އަދި ޙަޟާނާތެއް ޙަވާލުވެގެން ނުވާ ދެ "ދަރިއަކު" ވިއްސާފައި ވެއެވެ. "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ" "ދީނީ މިނިވަންކަން" އެވެ.
ދިވެހިންގެ ޢަޤީދާއަކީ އަދުގެ ނޫކަށި ފުރައިގެ ގިނަ ޒުވާނުންގެވެސް "ރަތް ރޮނގު" ކަމުގައި ވާތީވެ، "ޓެސްޓް ޓިއުބް ބޭބީ" މެތަޑު ބޭނުންކޮށްގެން ޔޫރަޕްގެ ލެބޯޓަރީ ތަކުންގައި ޤަރުބަގެންނުވި "ދީނީ މިނިވަންކަން" މި ދަރި، ސައްތައިން ސައްތަ ދިވެހި މި ފަސްގަނޑަށް ނޭވާނުލެއްވި އަދި ވީނަމަވެސް، ރެޔާއި ދުވާލުމެ ކެނޑިނޭޅި އެ މަސައްކަތްވެސް އެތެރެއާ ބޭރުން ގުޅިގެން ކުރަމުން ގެންދޭމެއެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން" ލިބުންކަމަށް ވަނީވެސް ތެދެއް ދޮގެއް، ޙައްޤެއް ބާޠިލެއް، ޢަބުރެއް ޢިއްޒަތެއް ނުވަތަ ވެރިއެއް ރައްޔިތެއް ބެލުމެއްނެތި ހިތުހުރިހާ ގޮތަކަށް ދުލާއި ގަލަމުން ވެރިންނަށް އެތިވަރާއި އަވަގުރާނަ ބޮޑަށް ގޮވިވަރަކަށެވެ. ވެރިމީހާ ގޯޅާ "ބޯ" އަށް ހަދައި ސަލާމަތީ ޚިދުމަތްތައް ގޮޅާ "ފޯސް" އަށް ނުހަދާހާ ހިނދަކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ކުނޑިފުކެއް ވެސް ލިބިގެންވާކަމަށް ނުބެލެވޭ މިންވަރަށެވެ.
އޭރުގެ ވެރިކަމުގެ ލޮލަށް ހަރާލުމަށް އެމްޑީޕީ އިން ފޭއްސާފައިވާ ތޫނު އިލޮށިގަނޑެއްގެ ގޮތުގައި ފައްކާކުރި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން އެ ޕާރޓީގެ ލޮލަށް މިއަދު ހެރި ނަގަމުންދާ ދިލައަށް ކެތްނުވެގެން އުޅޭ މަންޒަރުމެނުވީ ޓްވިޓަރ އިން ނުފެނެއެވެ.