Ad
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަލޮޅު ދަނޑުގައި ރެޖިސްޓްރީވާން ގޮސް
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަލޮޅު ދަނޑުގައި ރެޖިސްޓްރީވާން ގޮސް

އަހަރަކު 350 މިލިއަން ރުފިޔާގެ ބޮޑު އިހުމާލެއް

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ބަހާއި ޢަމަލު ދިމަލެއް ނުވޭ

އާ ސަރުކާރާއެކު ބިދޭސީންގެ ކަންކަން ހައްލު ކުރުމުގެ ޒިންމާ މަތިކުރެވުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާޢީލަށެވެ. ރާއްޖޭގައި ވަގަށް އުޅޭ ބިދޭސީންގެ ބޮޑު މަންޒަރު އެމަނިކުފާނު ދިވެހިނަށް ދައްކުވައިދިނީ ގަލޮޅު ދަށަށް އެމީހުން އެއްކޮށްގެންނެވެ. މުޅި ދަނޑު ފުރި ބާރުވިއެވެ. ސަރުކާރުން ލުއިތަކެއް ލިބޭނެ ކަމުގެ އުންމީދުގައި، ހިއުމަން ޓްރެފިންގެ ޤާނޫނުގެ ހާލަތަށް ފެތޭ ބިދޭސީންގެ ކިއޫތައް ދިގު ދެމިގެން ދިޔައެވެ. އެ އެންމެން ސަރުކާރުގެ ދަފްތަރެއްގައި ލިޔެ ފޮޓޯ ނަގާ ހެދިއެވެ. އެއަށް ފަހު މިނިސްޓަރު ވިދާޅުވެފައި ވަނީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިޢުފާ ދެއްވާނެ ކަމަށެވެ.

ސަރުކާރުން އާންމު ކުރެއްވި ރަސްމީ އަދަދަށް ބަލާލަމާ ހެއްޔެވެ؟ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ބިދޭސީން އެބަ އުޅެ އެވެ. މިއީ ގަސްދުގައި ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. ވައްކަމެކެވެ. ހިއުމަން ޓްރެފިކިންގެ ޢަމަލެކެވެ. އެކަމަކު އެފަދަ މީހުންގެ މައްސަލަތައް "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ބަލާ ވާހަކަ މި ސަރުކާރުން ވެސް ނޫސް ކޮންފަރެންސްތަކުގައި ވަނީ ހާމަކޮށްފިއެވެ. އެކަމަކު މިފަދަ ކޮންމެ ކަމެއް ބޮޑު ނިގުލަށްވެ ނިމެނީއެވެ. ވައްކަން ކުރި މީހުން ހަމަ އެކަމުގައި ހޭބޯނާރާ އެ އުޅެނީއެވެ. އެކަމުން ނަފާ ލިބޭ ސަރުކާރުގެ މުވައްޒަފުން ވެސް އަގު ބޮޑު ސެންޓު ޖަހާ، ޓައީ އަޅައިގެން އޮފީހަށް އެދަނީއެވެ. ވީއެއްވެސް ކަމެއް ނެތެވެ.

ރާއްޖޭގައި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ މީހުން ކޮންމެ މަހަކު 350 ރުފިޔާގެ ވިސާ ފީއެއް ސަރުކާރަށް ދައްކަން ޖެހެއެވެ. ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް އަމިއްލަ އަށް އިއުތިރާފުވެ ސަރުކާރުގެ ދަފްތަރުގައި ޖެއްސި މީހުންނަށް ހުރިހާ ކަމެއްވެސް ހިލޭ އެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީން ކޮންމެ މަހަކު އެ ގެއްލެނީ 23 މިލިއަން ވުރެ ގިނަ ރުފިޔާއެވެ. އަހަރަކަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާއެވެ. މިއީ ހަމައެކަނި ވިސާފީގެ ވާހަކައެވެ. އޭގެ އިތުރުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ ވަގަށް ބޭރު ކުރަމުން ގެންދާތީ، އޭގެ ނުރަނގަޅު އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދިވެހި އިގްތިސާދަށް ކުރެއެވެ. ދިވެހި ކުންފުނިތަކަށް ކުރެއެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު ވިދާޅުވި ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކޮށް ދިވެހި ކުންފުނިތަކާއި ދިވެހި އަމިއްލަ މަސައްކަތްތެރިން ބަނގުރޫޓުވުމުގެ ސާފު މަންޒަރު މިހާރު އެބަ ފެނެއެވެ.

"މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އުސޫލުގެ ތެރެއިން އެކަށީގެންވާ ވަރަށް ކޯޓާއެއް ނުލިބޭ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކުންފުނިތަކަށް ބަދަލު ކޮށްދޭނެ ކަމަށް (ސަރުކާރު) ވިދާޅުވެގެން އެކަމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒެއް އަދިވެސް ނުކޮށްދޭ. އެހެންވީމާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެއްވެސް ބައެއްގެ އިހްލާސްތެރިކަމެއް ނުފެނޭ. ވަކި ސަރުކާރެއް ނޫން އެއްވެސް ސަރުކާރަކުން،" އޭނާ ވިދާޅުވިއެވެ. "ފާޅުގައި ގަވާއިދާޚިލާފަށް އުޅޭކަން އެނގޭ ބިދޭސީންނަށް ހެދުނު އެއްވެސް ގޮތެއް ނެތް."

ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުގައިވެސް ގަވާއިދާ ޚިލާފަށް ބިދޭސީން އެބަ ގެންގުޅެއެވެ. އެކަން ހައްލުކޮށްލެވުނަސް އެއީ ވަރަށް ބޮޑުވަރެކެވެ. ޕްރޮޖެކްޓެއް ލިބޭއިރަށް ޒިކުރާ މިސްކިތް ކައިރީގައި ސަފުހަދާފައި ތިބޭ "ވެރިއަކު ނެތް" ބިދޭސީން ހޯދައިގެން މަސައްކަތު ފޮނުވައެވެ. ބޮޑު މުސާރަ ދީފައެވެ.

އެހެންކަމުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ހަގީގަތަކަށް ނުހެދުނު ހޮޅި ވާހަކަތަކެކެވެ. ޖޯޝާއެކު މިނިސްޓަރު ދެއްކެވި ވާހަކަތައް ވެސް ހަނދާން އެބަހުއްޓެވެ. އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަން ފެށި "ސީރިއަސް" ތަހުގީގުގެ މަތިން ހަނދާން އެބަހުއްޓެވެ. ނަތީޖާއެއް ނުފެނެއެވެ. ފެންނާނެކަމުގެ އުންމީދެއްވެސް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *