Ad

ނަފްރަތު އުފެއްދުމާ ދެކޮޅަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ވާހަކަ ނެތީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ނަފްރަތު އުފެއްދުމުގެ ވާހަކަގެ އަޑު ގަދަވިއެވެ. ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ސޯޝަލް މީޑިޔާގައި ކެމްޕޭނެއްވެސް ހިންގިއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮޑު ހަމަލާގެ ތަހުގީގު ނުނިމެނީސް ނަފްރަތު އުފެއްދުމުގެ ވާހަކަ ދެއްކުމާއި އެފަދަ ޢަމަލެއް ކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ސަރުކާރުން ގާނޫނުލްއުގޫބާތަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް ގާނޫނުލްއުގޫބާތަށް އިތުރުކުރަން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުމަކީ ޖިނާއީ ކުށެކެވެ.

އެގޮތުން، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައި ވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފައިވެއެވެ.

ނަފްރަތު އުފެއްދުމާ ދެކޮޅު އިސްލާޚު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އިސްލާމް ދީނާ ދެކޮޅު ވާހަކަ ދެއްކުމާއި އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމީ ޝަރީއަތުގެ ހުކުމްތަކާ އިދިކޮޅަށް ވާހަކަ ދެއްކުމާއި އިސްލާމްދީނާ މެދު ނަފްރަތާއި ޝައްކު އުފެދޭ ގޮތަށް ދުލުންނާއި ގަލަމުން ފާޅުކުރާ ފާޅުކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައި ނުވަނީ ކީއްވެ ހެއްޔެވެ؟ މިއީ ވަކިން ޚާއްސަކޮށް މި އިސްލާހުގައި ބޮޑު އަކުރުން ހިމަނަން ޖެހޭ މުހިއްމު އަދި ސީރިއަސް މައްސަލައެކެވެ. ލާދީނީ މީހެއް ކަމަށް ބުނެވެނީ މަތީގައި ބަޔާންކުރެވުނު ވާހަކަތައް ފާޅުގައި ދައްކާތީކަން ސާފުކޮށް އެނގެން އެބަހުއްޓެވެ. އެފަދަ މިސާލުތައް ބައިވަރެވެ

މިކަންކަމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުން މަނާކޮށްފައިވާ ކަންކަންކަމުގައި ވިއަސް، އިސްލާމްދީނާ މެދު ނަފްރަތު އުފެދޭ ގޮތަށް، ނުވަތަ މާތް ރަސޫލާއަށް ކުޑައިމީސް ވާ ގޮތަށް ބައެއް ދިވެހިން ފާޅުގައި ވާހަކަ ދައްކައި، ޚިޔާލުފާޅުކޮށް، ލިއުންތައް ލިޔެ ހެދުމުން މުޖުތަމަޢުގައި އުފެދުނު ރުޅިވެރިކަމުގެ ހޫނުކަން އަދިވެސް ފިލާ ނުދެއެވެ.

އެހެންކަމުން ނަފްރަތު އުފެއްދުމުގެ އިސްލާހަށް މިބައި އިތުރުކޮށްލަން ހުށަހަޅަން ކެރޭނީ ރައްޔިތުންގެ މަޖިލީހުގެ ކޮން ޕާޓީއަކަށް، ކޮން މެންބަރަކަށްތޯއެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އޮރިޔާން ނިވާ ނުކޮށްހުރި މީހަކާ ދިމާއަށް ލާދީނީ މީހެކޭ ބުނަން ހެޔޮވާނެހެއްޔެވެ.؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *