Ad

ޔޫރޯ 2020: ބެލްޖިއަމް

ނުވަދިހައިގެ ފަހުގެ އަހަރުތަކުން ފެށިގެން ބެލްޖިއަމްއަކީ ދުނިޔޭގެ ފުޓުބޯޅައިގާ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. ދުނިޔޭގެ ނިސްބަތުން ނަން މަޝްހޫރު އެތަކެއް ކުޅުންތެރިންނެއް ބެލްޖިއަމްއަށް ކުޅެފައިވެއެވެ. މާކް ވިލްމޮންޓްސް، އެމިލް އެމްޕެންޒާ، ބާޓް ގޯރ ފަދަ ކުޅުންތެރިންނަކީ ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ކުޅެފައިތިބި މޮޅެތި ކުޅުންތެރިންނެވެ.

ބެލްޖިއަމްގައި މިވަގުތު މިއޮތް ފުޓުބޯޅަ ޖެނެރޭޝަންއަކީ، ބެލްޖިއަމްގެ ފުޓުބޯޅައިގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ޖެނެރޭޝަންއެވެ. އެހެން ނަމަވެސް، ބެލްޖިއަމްގައި މިހާރު މިއޮތް ރަންޖީލު އޮވެގެން އެކަށީގެންވާ ކާމިޔާބެއް ބެލްޖިއަމްއަށް ހޯދިފައިނުވެއެވެ. މިހާތަނަށް ބައިނަލް އަޤްވާމީ 3 މުބާރާތެއްގައިވަނީ މިހާރުގެ ބެލްޖިއަމްގެ ކުޅުންތެރިން ކުޅެދީފައެވެ. އެއީ، 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕާއި، 2016 ވަނަ އަހަރުގެ ޔޫރޯ އެވެ. މިއިން އެއްވެސް މުބާރާތެއް ބެލްޖިއަމްއަށް ކާމިޔާބުކުރެވިފައިނުވެއެވެ.

ކޯޗް:

ބެލްޖިއަމްގެ މީޑިޔާތަކުން ދެކެނީ، ބެލްޖިއަމްގެ މިހާރުގެ ކޯޗު ސްޕެއިންގެ ރޮބާޓޯ މާޓިނޭޒަކީ، މިހާރުގެ ޓީމަށް ކޯޗުކަން ކޮށްދޭން އެކަށީގެންވާ ކޯޗެއްކަމުގައިނުވާތީއެވެ. ރޮބާޓޯ މާޓިނޭޒަކީ، ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން، ސްޕެއިނާއި، ސްކޮޓްލޭންޑ އަދި އިންގްލެންޑްގެ ދަށް ޑިވިޝަންތަކުގައި ވަނީ ކުޅެފައެވެ. ކޯޗެއްގެ ހައިސިއްޔަތުން ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަރޓަންއަށް ވަނީ ކޯޗުކަން ކޮށްދީފައެވެ. މާޓިނޭޒް ކޯޗުކަމާއި ޙަވާލުވީ، ބެލްޖިއަމްގެ ފުޓުބޯޅަ ލެޖެންޑް މާރކް ވިލްމޮންޓްސް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައިވާ ގޮތުން، ބެލްޖިއަމް ޓީމުގެ ވަޒީފާއަކީ މިހާތަނަށް ފުޓުބޯޅައިގެ ޙަޔާތުގައި އޭނާ ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖެވެ. ސަބަބަކީ، ކުރިއަރުގައި ކޯޗުކަން ކޮށްދެވިފައިވާ އިނގިރޭސި ވިލާތުގެ މެދުފަންތީގެ ކުލަބްތަކަށް ކަމުގައިވެފައި، ބައިނަލް އަޤްވާމީ ފުޓުބޯޅައިގެ ތެރެއަށް ވަންނަންޖެހުނީވެސް، އޭރު ކޯޗުކަން ކޮށްދިން އެވަރޓަންއަށް ލިބުނު ބޮޑު ނާކާމިޔާބާއި ގުޅިގެން ވަޒީފާ ގެއްލިފައިވަނިކޮށެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވާދަކުރީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައެވެ. އެމުބާރާތުގެ ބްރޯންޒްމެޑަލް ބެލްޖިއަމް ހޯދިއެވެ.

ކުޅުންތެރިން:

ރޮބާޓޯ މާޓިނޭޒް އިޢުލާންކުރި ޓީމުގައި މައިގަނޑު ގޮތެއްގައި ތިބީ 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައިވެސް ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. ޓީމުގެ ތަރިއެއްގެ ގޮތުގައި، ރެއަލް މެޑްރިޑަށްކުޅޭ ހަޒާޑު ހުރިއިރު، އަނިޔާގެ ބޮޑެތި އެތަކެއް މައްސަލަތަކާހުރެ މިނިމުނު ފުޓުބޯޅަ ސީޒަންގެ ބޮޑުގައި ހޭދަކުރީ އަނިޔާގައެވެ. ދެންތިބި ކުޅުންތެރިންނަށް ބަލާއިރު، ރެއަލް މެޑްރިޑްގެ ގޯލް ކީޕަރ ތިބައުޓް ކޯޓުޢާސް، އިންޓަރ މިލާންގެ ލުކާކޫ، ނަޕޯލީގެ މާޓެންސް، ލެސްޓަރ ސިޓީގެ ޓިއެލެމެންސް، މެންޗެސްޓަރ ސިޓީގެ ޑިބްރުއިނޭ، ބްރޫޝިއާ ޑޯޓްމަންޑްގެ އަޒެލް ވިޓްސެލްއަކީ މިނިމުނު ސީޒަންގައި ތަފާތު މޮޅު ކުޅުމެއްދާކައިވާ ކުޅުންތެރިންނެވެ.

ބެލްޖިއަމްއަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ޑިފެންޑަރ ޖޭން ވަރޓޮންގެން އެވެ. އޭނާވަނީ 2007 ވަނަ އަހަރުން ފެށިގެން 126 މެޗު ކުޅެދީފައެވެ. 59 ގޯލް ޖަހައިގެން ބެލްޖިއަމްއަށް އެންމެ ގިނަ ގޯލް ޖެހީ ލުކާކޫއެވެ.

އެހެންޓީމުތަކާމެދު:

ގްރޫޕް ސްޓޭޖްގައި ބެލްޖިއަމްއޮތީ ފަސޭހަ ގްރޫޕެއްގައެވެ. ގްރޫޕްގައި ދެން ހިމެނެނީ، ޑެންމާކް، ރަޝިޔާ އަދި ފިންލޭންޑެވެ. ބެލްޖިއަމްގައި މިހާރު އޮތް ސްކޮޑާއި އަޅާ ބަލާއިރު، ބަލިކޮށްލަން އެންމެ އުނދަގޫވާނެ ޓީމެއްކަމުގައި ބެލެވެނީ ރަޝިޔާއެވެ. ރަޝިޔާއަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ކުޅުނު ޓީމެކެވެ. ޑެންމާކްއަކީވެސް ފުޓުބޯޅައިގާ ބޮޑު ނަމެކެވެ. އެހެން ނަމަވެސް، މިހާރުގެ ޑެންމާކުގެ ޓީމަކީ ކުރީގެ ލައުޑްރަޕްމެންގެ ރަންޖީލަށްފަހު، އުފެދުނު މެދު ފަންތީގެ ޓީމެކެވެ.

ޢުއްމީދު:

ބެލްޖިއަމްގެ ރައްޔިތުންނާއި ސަޕޯޓަރުން ބޭނުންވަނީ މުބާރާތުގެ ޗެމްޕިއަންކަމެވެ. ބެލްޖިއަމްގައި މިހާރު އޮތް ޓީމަކީ، މިވީ 100 އަހަރު ތެރޭގައިވެސް ބެލްޖިއަމްއިން ނެގުނު އެންމެ މޮޅު ޓީމެވެ. 2016 ވަނަ އަހަރުން ފެށިގެންވެސް ބެލްޖިއަމްއަކީ ވާދަކުރާ ކޮންމެ މުބާރާތެއްގެމެ، ޓޮޕް ފޭވަރިޓެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖާއި ކުއަރޓަރ ފައިނަލްގައި އާދަޔާ ޚިލާފު ގޮތަކަށް ޖަޕާނު ބަލިކުރުމާއެކު، މުބާރާތުގެ ޗެމްޕިއަންކަން ބެލްޖިއަމް ނަގާނެކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް، ސެމީ ފައިނަލްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 1-0 އިން ބެލްޖިއަމް ބަލިވެ، ވަނީ މުބާރާތުން ކަޓާފައެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، އެންމެ ބޮޑު ކާމިޔާބެއް ބެލްޖިއަމަށް ލިބިފައިވަނީ 1980 ވަނަ އަހަރުއެވެ. އެމުބާރާތުގެ ސިލްވަރ މެޑަލް ބެލްޖިއަމް ހޯދިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *