Ad

ޔޫރޯ 2020: މިއީ މުހިންމު 3 ގޯލްކީޕަރުން ކުޅޭނެ ފަހުގެ ޔޫރޯ މުބާރާތަށް ވެދާނެ!

ގޯލް ކީޕަރުންނަކީ ކެރިއަރުގައި ޢުމުރު މައްޗަށް ދާވަރަކަށް، ޕީކަށް އެޅޭ ކުޅުންތެރިންނެވެ. ޢުމުރުން 30 އަށްވުރެ ގިނަ އަހަރުވިޔަސް ގޯލްކީޕަރުން ޤައުމީޓީމުތަކަށާއި ކްލަބު ފެންވަރުގައި ފުޓުބޯޅަ ކުޅޭތަން ފެނެއެވެ. ފްރާންސްގެ ފެބިއަން ބާތޭޒް، އިޓަލީގެ ބުފޯން، ސްޕެއިންގެ އިކަރ ކަސިއަސް، ނެދަރލޭންޑްސް ވެންޑަރސަރ އަދި ޖަރމަނީގެ އޮލިވަރ ޚާން އަށް ފަހު، ފެނުނު މޮޅެތި ގޯލް ކީޕަރުން ވަރަށް މަދެވެ.

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ، ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އާއި ޖަރމަނީގެ ކެޕްޓަން މެނުއަލް ނޯޔަރ އާއި ޑެންމާކްގެ ކެޕްޓަން ކެސްޕަރ ޝްމައިކަލްގެ ފަހުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ވެދާނެއެވެ. މި 3 ގޯލްކީޕަރުންނަކީވެސް ޓީމުގެ ކެޕްޓަނުންނެވެ.

ހޫގޯ ލޮރިސް (ފްރާންސް، 34އ)

ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ގޯލްކީޕަރެކެވެ. ފްރާންސް ރަންޖީލުގެ ގޯލްކީޕަރ ފެބިއަން ބާތޭޒް އަށް ފަހު ފްރާންސްގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރަކީ ހޫގޯ ލޮރިސް އެވެ. ހޫގޯ ލޮރިސް އަކީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕަރގެ ވެސް ކެޕްޓަނެވެ. މިއީ، ވަރަށް މަދު ފަހަރަކު ގޯލްކީޕަރަކަށް ލިބޭނެ ޝަރަފެކެވެ. ހޫގޯ ލޮރިސް ފްރާންސަށް އެންމެ ފުރަތަމަ ކުޅެންފެށީ 2008 ވަނަ އަހަރުއެވެ. އެއީ، އޭރުގެ 1 ވަނަ ގޯލް ކީޕަރ ގްރެގޮރީ ކޫޕޭ ރިޓަޔަރ ކުރުމާއެކު ފްރާންސްގެ 1 ވަނަ ގޯލްކީޕަރކަމުގެ މަޤާމު ލިބުނީއެވެ. ފްރާންސްގެ ދާއިމީ ކެޕްޓަންކަމުގެ މަޤާމު ހޫގޯ ލޮރިސް އަށް ލިބުނީ 2011 ވަނަ އަހަރު ކޯޗު ލައުރެންޓް ބްލޮންކް ޓީމާއި ޙަވާލުވި ހިސާބުންނެވެ. ހޫގޯ ލޮރިސްވަނީ ގޯލްކީޕަރެއްގެ ގޮތުގައި ފްރާންސަށް 100 މެޗު ކުޅެދީފައެވެ. 2018 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދިއިރު، ޓީމުގެ ކެޕްޓަނަކީވެސް ހޫގޯ ލޮރިސް އެވެ. ޢުމުރުން 34 އަހަރުގެ ކީޕަރ ލޮރިސް މިއީ ފަހުގެ ޔޫރޯ އަށްވުން ވަރަށް ގާތެވެ.

މެނުއަލް ނޯޔަރ (ޖަރމަނީ، 35އ)

ޖަރމަނީގެ ކެޕްޓަން މެނުއަލް ނޯޔަރއަކީ ޖަރމަނީގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މެނުއަލް ނޯޔަރ ޖަރމަނަށް އެންމެ ފުރަތަމަ ކުޅެފައިވަނީ 2009 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ޖަރމަނީ ހޯދިއިރު، މެނުއަލް ނޯޔަރވަނީ ތަފާތު މޮޅު ސޭވްތަކެއް ކޮށް ޓީމު މޮޅުކޮށްދީފައެވެ. ޖަރމަނީގެ ކުރީގެ ގޯލްކީޕަރުންކަމުގައިވާ ހެރަލްޑް ޝޫމޭކަރ އާއި އޮލިވަރ ކާން އަށް ފަހު މެނުއަލް ނޯޔަރ ވެގެން ގޮސްފައިވަނީ ޖަރމަނީގައި މުޅި ކެރިއަރު ހޭދަކޮށް، އެޤައުމުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރގެ ގޮތުގައެވެ. މިފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖަކީ އުމުރުން 35 އަހަރުގެ މެނުއަލް ނޯޔަރ އެންމެ ބުރަކޮށް މަސައްކަތްކުރަންޖެހޭ މުބާރާތެވެ. ސަބަބަކީ، ޖަރމަނު އޮތީ މަރުގެ ގްރޫޕްގައި ކަމުގައިވެފައި، އިދިކޮޅު ފްރާންސާއި ޕޯޗުގަލްގެ ފޯވަޑްލައިނުގައި ތިބި ކުޅުންތެރިންނަކީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ގޯލަށް ނުރައްކާކުރާނެ ވަރުގެ ހުނަރުވެރި ކުޅުންތެރިން ތަކެއްކަމުގައިވާތީއެވެ.

ކެސްޕަރ ޝްމައިކަލް (ޑެންމާކް، 34އ)

ކެސްޕަރ ޝްމައިކަލްއަކީ ޑެންމާކުގެ ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރ ޕީޓަރ ޝްމައިކަލްގެ ދަރިއެވެ. ކެސްޕަރ ޝްމައިކަލްއަކީ ޕީޓަރ ޝްމައިކަލް ފަދައިން ޑެންމާކުގެ މިހާރުގެ ކެޕްޓަންކަމާއި، އިނގިރޭސި ކްލަބް ލެސްޓަރ ސިޓީގެ ގޯލްކީޕަރެވެ. ކެސްޕަރ ޝްމައިކަލްއަކީ ދަނޑުމަތީގެ ލީޑަރެކެވެ. ކެސްޕަރ ޝްމައިކަލްއަކީ މެންޗަސްޓަރ ސިޓީ، ކާޑިފް ސިޓީ، ކޮވެންޓްރީ ސިޓީ އަދި ލީޑްސް ޔުނައިޓެޑްގެ ގޯލްވެސް ބެލެހެއްޓި ގޯލްކީޕަރެވެ. 2013 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 64 މެޗު ޑެންމާކުގެ 1 ވަނަ ކީޕަރގެ ގޮތުގައި ކެސްޕަރ ޝްމައިކަލް ކުޅެދީފައިވާއިރު، ޑެންމާކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 2016 އަދި 2017 ވަނަ އަހަރު ކެސްޕަރ ޝްމައިކަލްވަނީ ހޯދާފައެވެ. ފީފާއިން 2018 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރކަމުގެ 3 ވަނަ މަޤާމު ކެސްޕަރ ޝްމައިކަލްވަނީ ހޯދާފައެވެ. މިއީ، ކެސްޕަރ ޝްމައިކަލްގެ ފަހުގެ ޔޫރޯ އަށްވުން ވަރަށް ގާތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *