Ad

ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ: ޑރ.ޝަހީމް

ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭކަމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާކަމަށާއި، އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށެވެ.

ޝަރުޢީ ޟަވާބިޠު ތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ ޚިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި ޢަމަލުތަކަކީ ވެސް ޤާނޫނީ ގޮތުން ހުއްޓުވަންޖެހޭކަންކަމަށް ޝަހީމް ވިދާޅުވިއެވެ.
"މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެވެ. އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށެވެ. ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫނެވެ. އެކަމަކު އަދަބު ދިނުމަކީ ވެސް އިޞްލާޙީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެކެވެ. މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ މުޖުތަމަޢެއްގައި ނަފްރަތުގެ ޢަމަލުތައް ހުއްޓުވަން ޤާނޫނެއް ހަދާ ނަމަ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ޤާނޫނު އެކުލަވާލެވިއްޖެ ނަމަ ޤައުމާއި މުޖުތަމަޢަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޑރ. ޝަހީމްގެ ބަޔާނުގައި ވެއެވެ. ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިޔަތު ދިނުމުގެ މަގުކަމަށާއި މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މި ބަޔާނުގައި ބެއެވެ.
ނަފުރަތު އުފެއްދުމުގެ ޢަމަލުތައް އިސްލާމްދީނުގައި މަނާކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ ދީނަށް ފުރައްސާރަކުރުމާއި ޣީބަ ބުނުމާއި ދޮގު ހެދުމާއި ދޮގު ފެތުރުމާއި ތަފާތުކުރުމާއި އަބުރާ ބެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން ގޮވުމާއި އޮޅުވާލުމާއި ނުޙައްޤުން ލޭ އޮހޮރުވާލުމާއި މިފަދަ ކަންކަންވަނީ ނަހީކުރައްވާފައިވާކަމަށެވެ.
"އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެކެވެ. ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށެވެ. ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ޤާނޫނުލްޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙުގައި ނަފްރަތުގެ ޢަމަލަކީ ކޮބައިކަން ޞަރީޙަކޮށް ބަޔާންކުރަންޖެހޭނެ ކަމަށާއި އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި ޢަމަލުތައް ހިންގުން ޞަރީޙަކޮށް ޤާނުގައި މަނާކުރެވެން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އިސްލާމީ މުޖުތަމަޢުތަކުގައި ނަފްރަތުގެ ޢަމަލުގެ ފެށޭ ހިސާބަކީ އެއީ އެވެ. އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެއެވެ. ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެކެވެ." ޝަހީމް އާންމުކުރެއްވި ބަޔާނުގައި ވެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އަލީ ރަމީޒުގެ ވިސްނުން މިކަމުގަ ހުރިގޮތެއް މުހިއްމު!

  2. ބައެއް އިލްމުވެރިން ދީނީއުސޫލާއިޚިލާފަށް ނުރުހޭކަމަކަށްނަމަ ދެއްވަނީރައްދު ނަމަވެސް ޑރ ޟަހީމު އެވިދާޅުވަނީ އިތުރައް ރަނގަޅުކުރަންވީ ކަންކަން މިއީކުރީގެޢިލްމުވެރިން އަޅުގަނޑުމެންނައް ދައުވަތު ދެއްވިގޮތް މިލިޔުއްވުމަށް އަޅުގަނޑުޟުކުރުވެރިވަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *