އދ. މަޖިލީހުގައި ދިވެހިރާއްޖެ ބައިވެރިވިތާ ފާއިތުވި 50 އަހަރުގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ފަޚުރުވެެރި މަޤާމު ކަމުގައިވާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ދުނިޔޭގެ ގައުުމުތަކުން އިންތިހާބުކޮށްފިއެވެ. މިއީ ދިވެހި ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.
އަފްޣާނިސްތާނުގެ މަންދޫބާ ވާދަކޮށް ޝާހިދަށް 143 ވޯޓު ކާމިޔާބު ކުރެއްވިއެވެ. ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރާއްޖެއަށް ލިބުނު ކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ފަޚުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ޝާހިދު ކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޝާހިދަކީ ޚާރިޖީ ދާއިރާގައި މީގެ އެތައް އަހަރު ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އެ ދާއިރާގައި ރާއްޖެ އިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ.
މަގާމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އޮނަރަބަލް ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނަކީ ވިދާޅުވާ ބަސްފުޅު ދަމަހައްޓަވާނެ ބޭފުޅެއް ކަމަށާއި ޔޫއެންގެ ޗާޖަރާއި އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މަގާމުގެ ޒިންމާތައް އަދާކުރައްވާނެ ކަމަށެވެ.
އަދި މިރޭ ރާއްޖެއަށް ލިބުނު ފަޚުރުވެރި ކާމިޔާބަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެއްޖެކަމުގެ ސާފު ހެއްކެއް ކަމަށާއި އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދުނިޔޭގެ ގައުމުތަކުގެ ރުހުމާއި ތާއީދާއި އިތުބާރު އޮތްކަން ރަމްޒުކޮށްދިން ފަހުރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.