މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައިވެސް ތަފާތު އެކި ސަބަބުތަކާހުރެ ނަން މަޝްހޫރު މޮޅެތި އެތަކެއް ކުޅުންތެރިންތަކެއް ނުފެންނާނެއެވެ. ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ކުޅުމުގެ ފުރުޞަތު ގެއްލުނުއިރު، އަނެއް ބައި ކުޅުންތެރިންގެ ޕާފޯމެންސަށް ބަލައި ޖާގަދީފައިނުވަނީއެވެ. އެގޮތުން، ތިރީގައި އެވަނީ މިފަހަރުގެ ޔޫރޯގައި ނުފެންނާނެ މަޝްހޫރު 11 ކުޅުންތެރިންނެވެ.
މާކް އެންޑްރޭ ޓަރ ސްޓެގެން (ޖާރމަނީ)
ސްޕެއިންގެ ބާސެލޯނާގެ 1 ނަންބަރ ކީޕަރ ޓަރ ސްޓެގެންއަށް ޔޫރޯ ނުކުޅެވޭނެކަން ކުރިއާލައިވަނީ އެނގިފައެވެ. ބާސެލޯނާއަށް ކުޅެނިކޮށް ޓަރ ސްޓެގެންގެ ކަނާތު ފައިގެ ކަކުލަށް އަނިޔާވެ މިހާރުވަނީ އޮޕަރޭޝަންވެސް ކޮށްފައެވެ. މެނުއަލް ނޯޔަރ އަށްފަހު ދާއިމީ ގޮތެއްގައި ޖަރމަނީގެ ގޯލް ބަލަހައްޓާނެކަމުގައި ބެލެވޭ ޢުމުރުން 29 އަހަރުގެ ގޯލްކީޕަރ މިހާރު އަންނަނީ ފިޓުވުމަށް މަސައްކަތްކުރަމުންކަމުގައި ބާސެލޯނާއިންވަނީ ބުނެފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 25 މެޗުގައި، ޓަރ ސްޓެގެންވަނީ ޖަރމަނީގެ ގޯލް ބަލަހައްޓާފައެވެ.
ސާޖިއޯ ރާމޯސް (ސްޕެއިން)
ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު ސެންޓަރ ބެކް ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ ސާޖިއޯ ރާމޯސް މިފަހަރު ސްޕެއިންގެ ޤައުމީ ޓީމުގައި ނުހިމެނުނުކަމީ، މިފަހަރުގެ ޔޫރޯއަށް ފަޅުކަމެއް ގެންނާނެކަމެކެވެ. ސަބަބަކީ، ޔޫރޯއަކީ ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންކުޅޭ މުބާރާތަކަށްވެފައި، އެންމެ ފަހުން ބޭއްވި ޔޫރޯގެ 3 މުބާރާތުގައިވެސް ސާޖިއޯ ރާމޯސްވަނީ ފެނިފައެވެ. ޤައުމީ ސްކޮޑުން ސާޖިއޯ ރާމޯސް އަށް ޖާގަ ލިބިފައިނުވަނީ އަނިޔާގެ ސަބަބުތަކާހުރެ ފިޓްނަސް ދަށްވުމުގެ ސަބަބުން ކަމުގައި ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭވަނީ ބުނެފައެވެ.
ވެން ޑައިކް (ނެދަލޭންޑްސް)
ލިވަޕޫލްގެ ސެންޓަރ ބެކް ވެން ޑައިކް އަކީ ނެދަލޭންޑްސްގެ ކެޕްޓަނެވެ. މިނިމުނު ފުޓުބޯޅަ ސީޒަންގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއަކާހުރެ، ޔޫރޯ ނުކުޅޭނެކަމަށް އަމިއްލައަށް އިޢުލާންކުރި ޑިފެންޑަރު ދީފައިވާ އިންޓަރވިއުގައި ބުނެފައިވަނީ، ޔޫރޯގައި ބައިވެރިވުމަށް ބޭނުންނުވީ ރިކަވަރ ނުވެ އެފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ ކުރިޔަށް އޮތް ސީޒަނެއްގައި ނުކުޅެ ހުންނަންޖެހިދާނެފަދަ ޙާލަތެއް މެދުވެރިވެދާނެތީއެވެ. ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައެވެ. ނެދަލެންޑްސްގެ ހީނަރުވެފައިވާ ފުޓްބޯޅަ ވެންޑައިކްގެ ކެޕްޓަން ކަމުގައިވަނީ ކޮޅަށް ޖަހާ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ވެންޑައިކު ފާހަގަވެފައިވަނީ ލީޑަރޝިޕް ރަނގަޅު ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ވެންޑައިކް ވަނީ ސްކޮޓްލޭންޑްގެ ސެލްޓިކް އަދި އިނގޭރިސި ކްލަބް ސައުތެމްޕްޓަން އަށްވެސް ކުޅެފައެވެ. 2019 ވަނަ އަހަރުގެ ބެލޮންޑޯ ގެ 2 ވަނަ މަޤާމު ވެން ޑައިކް ހޯދިއެވެ.
އެލެކްޒެންޑަރ އާނޯލްޑް (އިންގްލެންޑް)
އެލެކްޒެންޑަރ ޓްރެންޓް އާނޯލްޑަކީ މިވަގުތު އިނގިރޭސިވިލާތުގައިހުރި އެންމެ މޮޅު ރައިޓް ބެކެވެ. އާނޯލްޑް އާއި އެއްވަރަށް އެމަޤާމަށް ކުޅެވޭ އިތުރު ޑިފެންޑަރަކު އިންގްލެންޑް ގައި ނެތެވެ. ޗެމްޕިއަންސް ލީގު ލިވަޕޫލް 2019-2018 ވަނަ އަހަރު ހޯދިއިރު، މުހިންމު ރޯލެއް އާނޯލްޑް ހަދާކުރިއެވެ. 2018 ވަނަ އަހަރުން ފެށިގެން އާނޯލްޑްވަނީ އިންގްލެންޑގެ ޤައުމީ ޓީމަށް 13 މެޗު ކުޅެދީފައެވެ. އާނޯލްޑަށް އަނިޔާވީ ޔޫރޯގެ ފައިނަލް ސްކޮޑް އިއުލާންކުރުމަށްފަހު އިންގްލެންޑް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗްގެ ފަހުކޮޅުގައެވެ.
ފާލެންޑ މެންޑީ (ރެއަލް މެޑްރިޑް)
ރެއަލް މެޑްރިޑްގެ ލެފްޓް ބެކް ފާލެންޑ މެންޑީއަކީ އަނިޔާގެ ސަބަބުން މިނިމުނު ފުޓުބޯޅަ ސީޒަންގެ ފަހު ބައި ނުކުޅެ ހުންނަންޖެހުނު ކުޅުންތެރިއެކެވެ. ފްރާންސް ޤައުމީ ޓީމަށް 2018 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 7 މެޗު މެންޑީ ކުޅެދީފައިވާއިރު، މިފަހަރުގެ ފްރާންސް ޤައުމީ ސްކޮޑުން މެންޑީ އަށް ޖާގަ ލިބިފައިނުވަނީ އަނިޔާގައި ހުރުމުގެ ސަބަބުންކަމަށް ކޯޗު ޑެޝޯމްޕްސްވަނީ ބުނެފައެވެ. ފްރާންސް ލަހޭވް އާއި ލިޔޯން އަށް ކުޅުމަށްފަހު، 2019 ވަނަ އަހަރު މެންޑީ ރެއަލް މެޑްރިޑަށް ބަދަލުވެ، އެފަހަރު ލަލީގާގެ ޗެމްޕިއަންކަން ރެއަލް މެޑްރިޑާއެކު ހޯދާފައިވެއެވެ.
މާކް ރެއުސް (ޖާމަނީ)
ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށްކުޅޭ ރެއުސް އަކީ އަނިޔާގެ ސަބަބުން ޖަރުމަނުގެ ޤައުމީ ސްކޮޑުން ޖާގަ ގެއްލުނު އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މެދުތެރެއަށާއި އެންމެ ކުރިޔަށްވެސް ކުޅޭ ރެއުސް އަކީ އަނިޔާއާއި ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ރެއުސް އަށްވަނީ ޤައުމީ ސްކޮޑުން ޖާގަ ގެއްލިފައެވެ. 2010 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 66 މެޗު ރެއުސްވަނީ ޤައުމީ ޓީމަށް ކުޅެދީފައެވެ. ބުންޑެސް ލީގާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރެއުސްވަނީ 3 ފަހަރަކު ހޯދާފައެވެ.
ތިއޯ ހެނާންޑޭޒް (ފްރާންސް)
ފްރާންސްގެ ތިއޯ ހެނާންޑޭޒްއަކީ އޭސީ މިލާނުގައި މިނިމުނު ދެ ސީޒަނުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ތިއޯ އަކީ ފްރާންސްގެ 1986 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ލުއިސް ހެނާންޑޭޒްގެ ދަރިއެކެވެ. ތިއޯ ގެ ބޭބެ އަކީ ފްރާންސްގެ ލޫކަސް ހެނާންޑޭޒެވެ. އިޓަލީގެ އޭސީ މިލާނުގައި ތިއޯ ކުޅެމުންދަނީ ލޯނެއްގެ ގޮތުގައި ރެއަލް މެޑްރިޑުން ދޫކޮށްލުމުންނެވެ. އަދި، މިހާތަނަށް އެއްވެސް މެޗެއްގައި ތިއޯ އަށް ފްރާންސްގެ ޤައުމީ ޓީމުން ޖާގަ ލިބިފައިނުވާއިރު، ތިއޯ ވަރަށް ފަހުން ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ، ފްރާންސްގެ ޤައުމީ ޓީމަށް ކުޅެން ފުރުޞަތު ލިބޭތޯ އަބަދުވެސް ކެތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭކަމަށެވެ.
އެރިކް ޑަޔަރ (ޓޮޓެންހަމް ހޮޓްސްޕަރ)
އެރިކް ޑަޔަރ އަކީ އިންގްލެންޑްގެ މެދުތެރެއަށްވެސް އަދި ދިފާޢީ މެދެއްގެ ގޮތުގައިވެސް ކޯޗު ބޭނުންކުރާ ކުޅުންތެރިއެކެވެ. 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އިންގްލެންޑ ޤައުމީ ޓީމުގައި މުހިންމު ރޯލެއް ޑަޔަރ ކުޅެދިނެވެ. އެރިކް ޑަޔަރ ވަނީ ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަންއަށް އަދި އެވަރޓަންއަށްވެސް ކުޅެދީފައެވެ. 2015 ވަނަ އަހަރުން ފެށިގެން 45 މެޗު އިންގްލެންޑްގެ ޤައުމީ ޓީމަށް ޑަޔަރ ވަނީ ކުޅެދީފައެވެ.
އެންތޮނީ މާޝިއަލް (ފްރާންސް)
ބޯޅަ ޑްރިބުލްކުރުމާއި ކޮއްޓުމާއި ނެއްޓުމުގައި އެފަދަ ދެވަނައެއް ނެތް މެންޗެސްޓަރ ޔުނައިޓެޑަށްކުޅޭ އެންތޮނީ މީޝިއަލްއަކީ އަނިޔާގެ ސަބަބުން މިފަހަރުގެ ޔޫރޯގައި ފްރާންސް ޤައުމީ ޓީމުން ޖާގަ ގެއްލިފައިވާ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ މާޝިއަލްއަކީ ފްރާންސްގެ ކޯޗު ޑިޝޯމްޕްސް އަށް ވަރަށް ކަމުދާ ކުޅުމެއް ކުޅެދޭ ކުޅުންތެރިއެކެވެ. ޢާންމު ކަނައަތް ފަރާތު ވިންގަށްކުޅޭ މާޝިއަލްވަނީ 2016 ވަނަ އަހަރު ފްރާންސާއެކު ޔޫރޯގެ ރިހިމެޑަލް ހޯދާފައެވެ. 2015 ވަނަ އަހަރުން ފެށިގެން 27 މެޗު މާޝިއަލްވަނީ ފްރާންސް ޓީމަށް ކުޅެދީފައެވެ.
ޒަލަޓާން އިބްރަހިމޮވިޗް (ސްވިޑްން)
އަނިޔާގެ ސަބަބުން ޔޫރޯގައި ބައިވެރިނުވާނެކަމުގައި ބުނެފައިވާ އިބްރަހިމޮވިޗަކީ ހެންރިކް ލާސަން އަށް ފަހު ސްވިޑްންގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. 2002 ވަނަ އަހަރުގެ ވޯލްޑްކަޕުން ފެށިގެން ބޭއްވޭ ކޮންމެ މުބާރާތެއްގައިމެ ޒަލަޓާން އިބްރަހިމޮވިޗް ފެނިގެންދެއެވެ. އިޓަލީގެ ޔުވެންޓަސް، އިންޓަމިލާން ފްރާންސްގެ ޕީ އެސް ޖީ އަދި ސްޕެއިންގެ ބާސެލޯނާއަށާއި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު ޒަލަޓާން އިބްރަހިމޮވިޗް މިހާރު ކުޅެނީ އިޓަލީގެ އޭސީ މިލާނަށެވެ. 2001 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އިބްރަހިމޮވިޗްވަނީ 118 މެޗު ސްވިޑްން ޤައުމީ ޓީމަށް ކުޅެދީ 66 ގޯލް ޖަހާދީފައެވެ.
ނަބިލް ފެކީރް (ފްރާންސް)
ސްޕެއިންގެ ރެއަލް ބެޓިސްއަށް ކުޅޭ ފްރާންސްގެ ނަބިލް ފެކީރުވަނީ މިނިމުނު ސީޒަންގައި ރެއަލް ބެޓިސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. ފްރާންސް ޤައުމީ ޓީމަށް ފެކީރު އެންމެ ފުރަތަމަ ކުޅެދީފައިވަނީ 2015 ވަނަ އަހަރު ބްރެޒިލް އާއި ދެކޮޅަށެވެ. ފްރާންސްގެ ލިޔޯންގެ ޔޫތު ސިސްޓަމުން އެފެދުނު ފެކީރު ވަނީ 2018 ވަނަ އަހަރު ވޯލްޑްކަޕް ހޯދި ފްރާންސް ޤައުމީ ޓީމުގައި ހިމެނިފައެވެ. ފެކީރު ހޯދުމަށްޓަކައި ދުނިޔޭގެ ބޮޑެތި އެތަކެއް ކްލަބުތަކުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ. 2015 ވަނަ އަހަރު ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކާނާތު ފައިގެ ލަގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން 1 އަހަރު ދުވަހުގެ ފަރުވާއަށްފަހު އަލުން އަނބުރި އައިސް 2017 ވަނަ އަހަރު ފްރާންސް ޤައުމީ ޓީމުން ޖާގަވެސް ހޯދިއެވެ. ނަބީލް ފެކީރު މަޝްހޫރުވެފައިވަނީ ފްރާންސްގެ ޑިއޭގޯ މެރެޑޯނާގެ ގޮތުގައެވެ.