Ad

ފްރާންސް އަށް ކޯޗުކަން ކޮށްދިނަމަކީ ހުވަފެނެއް. އެކަމަކު ރެއަލްމެޑްރިޑު ދޫކޮށްލީ ޤައުމީ ޓީމާއި ޙަވާލުވާކަށް ނޫން: ޒިދާން

ފްރާންސް ޤައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަމަށާއި، ކުޅުންތެރިއެއްގެ ހައިސިއްޔަތުން ޤައުމީ ޓީމަށް ހޯދައިދިން ކާމިޔާބު ކޯޗެއްގެ ގޮތައިހުރެ ފްރާންސަށް ހޯދައިދޭން ބޭނުންވާކަމަށް، ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކުރީގެ ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ބުނެފިއެވެ.

ޒިދާން މިހެން ބުނެފައިވަނީ ފްރާންސްގެ ކުޅިވަރު ނޫހެއްކަމުގައި ޓެލެފޫޓަށް ދާދި ފަހަކުންދީފައިވާ އިންޓަވިއުއެއްގައެވެ. ޒިދާނަކީ ރެއަލް މެޑްރިޑަށް ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ހަމައެކަނި ކޯޗެވެ. މިއީ، މީގެ ކުރީގައި ރެއަލް މެޑްރިޑާއި ޙަވާލުވި، ޑެލްބޮސްކޭ، ކަމާޗޯ، ކުއިރޯޒު، މޮރީނިއޯ އަދި އެންޗެލޮއްޓީ ފަދަ ތަޖުރިބާކާރު ކޯޗުންނަށް ހޯދުނު ކާމިޔާބުތަކެއް ނޫނެވެ.

ފްރާންސްގެ މިހާރުގެ ކޯޗު ޑެޝޯމްޕްސްވެސް ވަނީ ފްރާންސްގެ ކޯޗެއްގެ ގޮތުގައި ޒިދާނު ފެނިގެންދާނެކަމުގައި ތަކުރާރުކޮށް ބުނެފައެވެ. ކޯޗު ޑެޝޯމްޕްސް ބުނެފައިވާ ގޮތުން، އޭނާއަށްފަހު ދެން ޓީމާއި ޙަވާލުވުން ގާތީ ޒިދާނުކަމަށާއި، ކޯޗެއްގެ ގޮތުގައި ޒިދާނު ހޯދި ކާމިޔާބުތަކަކީ ކޮންމެ ކޮންމެ ކޯޗަކަށް ހޯދޭނެ ކާމިޔާބުތަކެއް ނޫންކަމަށެވެ.

ފްރާންސްގެ މީޑިއާތަކާއި ޙަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު އޭރުގެ ކޯޗު ޑޮމަނެކް ކޯޗުކަމުން އިސްތިއުފާ ދިނުމާއެކު، ޒިދާންވަނީ ފްރާންސްގެ ކޯޗުކަމާއި ޙަވާލުވުމަށް ބޭނުންވާކަމުގައިބުނެ ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަނަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެކަމަށް އިޝާރާތްކޮށް، ފެޑެރޭޝަންގެ ރައީސް ލަގްރެޓް ބުނެފައިވަނީ، މީގެ ކުރީގައިވެސް ޒިދާނުވަނީ ފްރާންސްގެ ކޯޗުކަމާއި ޙަވާލުވުމަށް ބޭނުންވާކަމުގައި ބުނެފައެވެ.

"ޑިޝޯމްޕް އަށް ފަހު ފްރާންސްގެ ކޯޗުކަމާއި ޙަވާލުވާނީ ޒިދާން. އެއީ، މިހާރުވެސް ނަގާފައިވާ ޑިސިޝަނެއް." ލަގްރެޓް ބުނެފައިވެއެވެ.

ޒިދާނު މިވަގުތުހުރީ ޗުއްޓީގައި އިޓަލީގެ މިލާނުގައެވެ. "ފްރާންސަށް ކޯޗުކަން ކޮށްދިނުމަކީ ދެކޭ ހުވަފެނެއް. ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު ކާމިޔާބު ކޯޗެއްގެ ގޮތުގައި ޤައުމީ ޓީމަށް ހޯދައިދޭން ބޭނުމީ." އިތުރަށް ވާހަކަ ދައްކަމުން ޒިދާނު ބުނެފައިވަނީ، ރެއަލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލީ ފްރާންސް ޤައުމީ ޓީމާއި ޙަވާލުވުމުގެ ގޮތުން ނޫންކަށެވެ.

"ފްރާންސްގެ ޤައުމީ ޓީމުދެކެވާ ލޯތްބެއްގެ ބޮޑުކަމުން އަބަދުވެސް އަހަރެން ހުންނަނީ ޓީމުގެ ފަހަތުގައި. ޢުއްމީދަކީ، ޔޫރަޕްގެ ޗެމްޕިއަންކަން މިފަހަރު ފްރާންސް ހޯދުން" ޒިދާން ބުނެފައިވެއެވެ.

ފްރާންސްގެ މިހާރުގެ ކޯޗް ޑިޝޯމްޕް އާއި ޒިދާން، ބްރެޒިލްގެ ޑޫންޑާ އަތުން ބޯޅަ އަތުލަނީ

ކުޅުންތެރިއެއްގެ ގޮތުގައި ޒިދާންވަނީ ފްރާންސްގެ ޤައުމީ ޓީމަށް 1998 ވަނަ އަހަރު ވޯލްޑްކަޕާއި 2000 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެދެމުބާރާތުގައިވެސް ޒިދާނުގެ ފަރާތުން ފެނިފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ފަހުން ޒިދާން ފެނިފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައެވެ. އެމުބާރާތުގައިވެސް ފްރާންސް ފައިނަލަށް ގެންގޮސްދިނުމުގެ ޒިދާނުގެ މޮޅުކަން މުޅި ދުނިޔެއަށް ދައްކުވައިދިނެވެ.

2006 ވަނަ އަހަރު ވޯލްޑްކަޕް ފައިނަލަށް ޒިދާނު ފްރާންސް ގެންގޮސްދިނީ، ސްޕޭނާއި ބްރެޒިލް އަދި ޕޯޗުގަލްވެސް ބަލިކޮށްފައެވެ. މީގެ ތެރެއިން ބްރެޒިލް އާއި ދެކޮޅަށް ޒިދާނު ދެއްކި ކުޅުމަކީ އޭނާގެ މުޅި ކެރިއަރުގައި ކުޅުނު އެންމެ މޮޅު މެޗެވެ. އެމެޗުގައި ފްރާންސްގެ މެދުތެރެ ކޮންޓްރޯލްކޮށް، ބްރެޒިލްގެ ރަންޖީލުގެ ކުޅުންތެރިންކަމުގައިވާ ރޮނާލްޑޯ، ރޮނާލްޑީނިއޯ، ކާލޯސް، ކަފޫ އަދި ކަކާ ފަދަ ކުޅުންތެރިން ދަނޑުމައްޗަށް ގަބުކޮށްފައި ދޫކޮށްލީ، ފުޓުބޯޅައިގެ ރަސްގެފާނަކީ ޒިދާނުކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *