Ad
ދިވެހިރާއްޖޭގައި ހެދިފައިވާ ބައެއް ޤާނޫނުތައް، ދިވެހިރާއްޖޭގައި ހެދޭ ޤާނޫނުތަކުގެ މަޞްދަރަކީ އިސްލާމް ދީންކަމާއި އެދީނުގެ އެއްވެސް އަޞްލަކާ ޚިލާފަށް ހަދާ ޤާނޫނެއްނަމަ "އެބް އިނީޝިއޯ" ބާޠިލުވާނެކަމަށް ޤާނޫނުއަސާސީ ބަޔާންކުރޭ

"ބޭން ސެކިޔުލަރ ބިލް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިން އެއް

ހައްދުފަނައަޅާފައިވާ ނުރައްކާތެރި ޢަމަލުތަކަށް މަގުފަހިކުރުވާ ނަފްރަތުގެ ބަސްތަކާއި ޢަމަލުތައް ހުއްޓުވުމުގެ ގޮތުންކަމަށް ބުނެ ޢުޤޫބާތު ޤާނޫނަށް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލުގައި ހިމަނާފައިވާ ބައެއްކަންކަމާ ގުޅިގެން އެބިލާ ދެކޮޅަށް އިޙްތިޖާޖުކޮށް އަޑުއުފުލުމުގެ ގޮތުން "BanSecularBill" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

ސިޔާސީންގެ މެދުގައި މަޤްބޫލު މަންސައެއްކަމަށްވާ ޓްވިޓަރގެ އިތުރުން ޢާންމުންގެ މެދުގައި މަޝްހޫރު ފޭސްބުކްގައިވެސް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި ދީނީ ޢިލްމުވެރިންނާއި ގިނަ ޢާންމުރައްޔިތުންވެސް ބައިވެރިވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

"ހިނގާ މި ހޭޝްޓްގެ ވައިރަލް ކޮށްލަމާ!"

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ މަދަނީ ޖަމްޢިއްޔާއެއްކަމުގައިވާ "ޖަމްޢިއްޔަތުއްސަލަފް" ގެ ރަސްމީ ޓްވިޓަރ އަތްގަނޑުން ކޮށްފައިވާ ޓްވީޓެއްގައި "BanSecularBill" މި ހޭޝްޓެގް ޖަހައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

"ސެކިޔުލަރިޒަމްއަށް މަގުފަހިވެ، ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވާގޮތައް ޤާނޫނުލް ޢުޤޫބާތަށް ބަދަލުގެނައުމަށް ހުށައަޅާފައިވާ ބިލާ ދެކޮޅުހެދުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނުގައި ރަސްމީކޮށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ހޭޝްޓެގް"

އެ ހޭޝްޓެގު އިތުރަށް ސާފުކޮށްދެމުން ސަލަފް ޖަމިއްޔާ އިން ކޮށްފައިވާ ޓްވީޓާއެކު ހިމަނާފައިވާ ފޮޓޯގައި ބުނެފައި ވެއެވެ.

މި ކެމްޕެއިނަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނުހަނު ތަރުޚީބު ލިބިގެންދާކަން ޓްވިޓަރ އިން ފާހަގަވަމުން ދާއިރު، ރާއްޖޭގެ މަޤްބޫލު ދީނީ ޢިލްމުވެރިންވެސް މި ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.

ދިވެހިރާއްޖޭގައި ޖިނާއީ ކުށްތައް ކަނޑައަޅައި އަދަބު ބަޔާންކޮށްފައިވާ މައިގަނޑު ޤާނޫނު ކަމުގައިވާ ޤާނޫނު ނަމްބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ބައެއް އިޞްލާޙުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް މިހިނދު ހުށައަޅުއްވައި ބިލުގެ ފުރަތަމަ ކިޔުންވެސް އިއްވިފައިވާ "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު" އަކީ، މުސްލިމަކު ކާފަރުކުރުމަކީ ޖިނާއީ ކުށެއްކަމަށް ބަޔާންކުރާ ބިލުގެ ގޮތުގައި އެ ބިލު "މަޝްހޫރު" ވެގެންދިޔަ ބިލެކެވެ.

ނަމަވެސް، އެ ބިލާއެކު ޤާނޫނަށް ހުށައަޅާފައިވާ އެންމެ ފުރަތަމަ އިޞްލާޙުތައް ކަމަށްވާ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ރޯމަން ނަމްބަރު 1 އަދި 2 ގައި ބުނެފައިވާ ޢަމަލުތަކަކީ ޖިނާއީ ކުށްކަމަށް ކަނޑައެޅުމަށް ހުށައަޅާފައި ވުމުން، އެ ބިލާމެދު ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ފަރާތްތަކާއި ޢާންމުންގެ ގިނަ ބަޔަކުވެސް ކަންބޮޑުވުން ފާޅުކޮށް ބިލުގެ ޙަޤީޤީ މަޤްޞަދާމެދު ޝައްކުގެ ނަޒަރުން ސުވާލުތައް އުފައްދާފައި ވެއެވެ.

އިސްވެބުނެވުނު ނުކުތާތަކުގައި ކަނޑައަޅާފައިވާ ގޮތުން، ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި، އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނުލް ޢުޤޫބާތުގެ ތެރެއަށް އަލަށް އުފަންކުރެވޭ ޖިނާއީ ކުށްތަކެވެ. އަދި އެކުށްތަކަށް ބޮޑެތި އަދަބުތައްވެސް އެ ބިލުގައި ކަނޑައަޅާފައި ވެއެވެ.

"އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާކުރުމަށާއި، އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ނޫނީ ނުދެކެމެވެ" 

ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ހުށައަޅާފައިވާ އިސްވެބުނެވުނު އިސްލާޙުތަކަށް ނިޞްބަތްކުރަށްވައި، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައި ވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ އިތުރުން ޢަދާލަތު ޕާޓީގެ ފަރާތުންވެސް ވަނީ މިބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައެއެވެ.

މިބިލު މިހާރު އޮތްގޮތަށް ފާސްކުރުމަށް ވޯޓުދިނުމަކީ މަޖްލިސް މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާއި ޚިލާފުކަމެއްކަމަށް ވިދާޅުވެ ބިލަށް ވޯޓުނުދެއްވުމަށްވެސް ޖޭޕީގެ ލީޑަރު އަދި މަޖްލިސް މެމްބަރު ޤާސިމް އިބްރާހީމް މަޖްލިސް މެމްބަރުންނަށް ގޮވާލައްވާފައި ވެއެވެ.

އަދި، ރާއްޖޭގެ ދީނީ ޢިލްމުވެރިން ނިޞްބަތްވާ ޢަދާލަތު ޕާޓީން މި ބިލާ ބެހޭގޮތުން މިއަދު ޢާންމުކުރި ޢިލްމީ ކަރުދާހެއް ނިންމާލަމުން، ސަރުކާރުން ހުށައަޅާފައިވާ ބިލު މިހިނދު އޮތް ގޮތުން، އަނިޔާވެރިވުން ހުއްޓުވުމަށް ގޮވާލުމުގެ ޤާނޫނީ ޒިންމާ އަދާކުރާ ފަރާތްތައް އިތުރަށް ނިކަމެތިވެ، މުޖުތަމަޢުގައި ނަފްރަތާއި ރުޅިވެރިކަން އިތުރުވުމުގެ ފުރުޞަތު މި ބިލުން ލިބިގެންދާކަމަށް ބުނެފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *