Ad

ޔޫރޯ 2020: ސްޕެއިން

ސްޕެއިނަކީ 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އޭރު އޮތީ ސްޕެއިންގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ޓީމެވެ. އެޓީމުގެ ކާމިޔާބު ފެށުނީ 2008 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އެއަށްފަހު 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ސްޕެއިނުން ހޯދިއެވެ. ސްޕެއިނަށް ނިސްބަތްވާ އެތަކެއް މޮޅެތި ކުޅުންތެރިންތަކެއް ފުޓުބޯޅައިގާ ފެނިގެން ހިނގައްޖެއެވެ. މިއަދު ސްޕެއިންގައި އޮތީ މުޅިން ޒުވާން ޓީމެކެވެ. ސްޕެއިން އޮތީ ދުނިޔޭގެ ރޭންކިންގެ 6 ވަނާގައެވެ.

ކޯޗް:

ސްޕެއިންގެ ކޯޗަކީ އެޤައުމުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލުއިސް އެންރީކޭއެވެ. ލުއިސް އެންރީކޭ އަކީ ސްޕެއިންގެ މަޝްހޫރު ރެއަލް މެޑްރިޑާއި ކެޓެލޯނިއާއަށް ނިސްބަތްވާ ބާސެލޯނާގެ ކުރީގެ ކުޅުންތެރިއެކެވެ. 2002 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ލުއިސް އެންރީކޭވަނީ ބައިނަލް އަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފައެވެ. ލުއިސް އެންރީކޭގެ ކޯޗިންގ ކެރިއަރ ފެށުނީ 2008 ވަނަ އަހަރު ބާސެލޯނާގެ ރިޒާވްޓީމުގެ ކޯޗުކަމާއި ޙަވާލުވުމަށްފަހުއެވެ. އެއަށްފަހު އިޓަލީގެ ރޯމާއަށާއި ސްޕެއިންގެ ސެލްޓާގެ ކޯޗުކަން ކޮށްދިނުމަށްފަހު، 2018 ވަނަ އަހަރާއި ހަމައަށް ލުއިސް އެންރީކޭވަނީ ބާސެލޯނާއަށް ކޯޗުކަން ކޮށްދީފައެވެ. ލުއިސް އެންރީކޭވަނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަޤާމު 2015 ވަނަ އަހަރު ހޯދާފައެވެ. އަދި ބާސެލޯނާއާއެކު ލަލީގާ ޖެހިޖެހިގެން ދެ ފަހަރު ހޯދިއެވެ.

 

ކުޅުންތެރިން:

ސްޕެއިންގެ ރަންޖީލަށްފަހު މިފަހަރުގެ ޔޫރޯ އަށް ސްޕެއިން ޓީމު ބިނާކޮށްފައިވަނީ ވަރަށް ޒުވާންކުޅުންތެރިންތަކެއްގެ މައްޗަށެވެ. ކުޅުންތެރިންގެ އެވްރެޖް ޢުމުރަކީ 26 އެވެ. ސްޕެއިންގެ ސްކޮޑްގައި އެންމެ ބޮޑު ފަޅުކަމެއް ފެންނަނީ ސްޕެއިނަށް އެންމެ ގިނަ މެޗު ކުޅެދިން ރެއަލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާގެ މައްސަލަތަކާހުރެ ޓީމުން ބާކީކުރުމާއި ހަމައިންނެވެ. ސާޖިއޯ ރާމޯސްގެ ބަދަލުގައި ޑިފެންސްލައިންގައި ނަގާކިޔާނީ މެންޗެސްޓަރ ސިޓީ އައިމެރިކް ލަޕޯޓޭ އަދި ބާސެލޯނާގެ ޖޯޑީ އެލްބާއެވެ. މެދުތެރޭގެ މައިތަނބު ސާޖިއޯ ބުސްކެޓްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ފުލް 11 ގައި ފަށާ ތަޖުރިބާކާރު ކުޅުންތެރިއަކަސް، ކޮވިޑް ބަލި ޖެހުމާއި ގުޅިގެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މެދުތެރެއިން ދެން އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެތުލެޓިކޯ މެޑްރިޑްގެ ކޯކޭއެވެ. އޭނާއަކީ ޓީމުގެ ވައިސް ކެޕްޓަންއެވެ. ފޯވަޑުލައިނުގައި އަލްވާރޯ މޮރާޓާއަށް ކޯޗު އެންރީކޭ ވަރަށް އިތުބާރުކުރެއެވެ. އެހެން ނަމަވެސް، ނިމިދިޔަ ސީޒަނުގައި އަދި ސްޕެއިންގެ ފުޓުބޯޅަ ޓީމުގައި މޮރާޓާއަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވެއެވެ.

އެހެންޓީމުތަކާމެދު:

ސްޕެއިން ހިމެނެނީ ގްރޫޕް އީ ގައެވެ. ގްރޫޕް އީ ގައި ދެން ހިމެނެނީ ސްވިޑްން، ޕޮލަންޑް އަދި ސްލޮވޭކިއާއެވެ. މީގެ ތެރެއިން ސްޕެއިން އަށް ބަލިކޮށްލަން އެންމެ އުނދަގޫވާނެ ޓީމެއްގެ ގޮތުގައި ބެލެވެނީ ސްވިޑްންއެވެ. ޕޮލަންޑްވެސް ސްޕެއިނާއި ދެކޮޅަށް ރަނގަޅު ފައިޓެއްދީފާނެއެވެ. ގްރޫޕް އީ ގައި އެންމެ މޮޅު ފޯވާޑުންތިބީ ޕޮލަންޑްގައެވެ. އެއީ، މިލިކް އަދި ލެވޮންޑޮސްކީއެވެ. މިދެކުޅުންތެރިން ހިފެހެއްޓުމުގައި ބުރަ މަސައްކަތެއް ސްޕެއިންގެ ޑިފެންޑަރުން ކުރަންޖެހޭނެއެވެ.

ދެވަނަ ބުރަކަށް ގޮސްފިނަމަ ސްޕެއިން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިމެނޭ ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރާ ޓީމަކާއެވެ. އެހެންކަމަށްވާނަމަ، މިމުބާރާތުގައި ދުރަށް ދަތުރުކުރުމަށް ސްޕެއިނަށް ބުރަ މަސައްކަތެއްކުރަންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *